ވިޔަފާރި

އޮންލައިން ޓްރޭޑިންގެ ސަބަބުން ބީއެމްއެލް އިން ބޭރުވާ ޑޮލަރު ގިނަ: ސީއީއޯ

Sep 14, 2020
1

އޮންލައިން ޓްރޭޑިން މުއާމަލާތްތަކުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސް އިން ބޭރަށް ދާ ޑޮލަރު ގިނަ ކަމަށް ބުނެފި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އިއްޔެ ވިދާޅުވި ގޮތުގައި "ވިސާ ޑައިރެކްޓް" އަދި"މާސްޓަ ކާޑް ސެންޑް" ފަދަ ޕްލެޓްފޯމް މެދުވެރިކޮށް އަންނަ ފައިސާ ޔޫއެސް ޑޮލަރު އެކައުންޓްތަކަށް ޖަމާ ކޮށްދިނުން އެ ބޭންކުން ހުއްޓާލީ، އެ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ފޮނުވާ ފައިސާ ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓަށް ޖަމާ ކުރުމަށް ނިންމީ ގިނަ ކަންތައްތަކަށް ބެލުމަށް ފަހުގައި ކަމަށެވެ. މިފަދަ މުއާމަލާތްތަކުގެ ސަބަބުން ގިނަ އަދަދެއްގެ ޑޮލަރު ބޭރުވަމުންދާ ކަމަށެވެ.

"ބައެއް ކަސްޓަމަރުން [ގާތްގަނޑަކަށް 350 ޑޮލަރު] ފައިސާ ނުވަތަ އޮންލައިން ޓްރޭޑިން ޕްލެޓްފޯމްތަކުންނާއި ޑިޖިޓަލް ވޮލެޓް ތަކުން ނަގަން، ބޭނުންވާ ފައިސާ ޑޮލަރު އެކައުންޓްތަކަށް ބޭންކުން މީގެ ކުރިން އައީ ޖަމާ ކުރަމުން. މީގެ ތެރެއިން ގިނަ ފަރާތް ތަކުން ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޓްރޭޑް ވޮލެޓް ތަކަށް 15.42 ރުފިޔާގެ ރޭޓުގައި ޑޮލަރު ޓޮޕް އަޕްކޮށް އަދި ވިސާ ޑައިރެކްޓް ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ޑޮލަރު އެކައުންޓްތަކަށް ފައިސާ ގެނޭ،" ސޯޔާ ވިދާޅުވި އެވެ.

"މި ގޮތަށް ޑޮލަރު ލިބުމާއެކު މި ފަރާތްތަކުން އެކައުންޓްގައި ހުރި ޑޮލަރު އޭޓީއެމް މެދުވެރިކޮށް ނަގައި އެހެން މާކެޓްތަކަށް ޑޮލަރު ވިއްކާ. މި ގޮތަށް އަމަލުކުރުމުގެ ސަބަބުން ކާޑު އެސޯސިއޭޝަން ތަކަށް ބޭންކުން ޑޮލަރުން ފައިސާ ދައްކާއިރު ކަސްޓަމަރުން ކާޑަށް ފައިސާ މި ދައްކަނީ ރުފިޔާ އިން ކަމަށްވާއިރު މި ދެންނެވި ގޮތަށް އަމަލުކުރުމުގެ ސަބަބުން ބޭންކުން ބޭރަށް ދާ ޑޮލަރު މި ވަނީ ވަރަށް ބޮޑު ތަނުން އިތުރުވެފަ."

އަވަސް އަށް އެނގިފައިވާ ގޮތުގައި މި ގޮތަށް އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖޭގައި އަހަރެއްގެ މައްޗަށް 17 މިލިއަން ޑޮލަރު ނަގައި މާރު ކުރެ އެވެ.

ސީއީއޯ ސޯޔާ ވިދާޅުވި ގޮތުގައި މި ގޮތަށް އެތައް ހާސް ޑޮލަރެއް ބޭރަށް ދިޔުމުގެ ސަބަބުން ބީއެމްއެލްގައި ހުރި ޑޮލަރު މިންވަރު ދަށްވެ، ޓީޓީ ފަދަ މުހިންމު ބޭނުން ތަކަށް ޑޮލަރު ދިނުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެހެން ކަމުން މި ފިޔަވަޅަކީ ބޭންކުން ބޭރަށް ދާ ޑޮލަރުގެ އަދަދު ހިފަހައްޓައި، އަދި މުހިންމު ބޭނުން ތަކަށް ޑޮލަރު ބެހެއްޓުމުގެ ގޮތުން އެޅުނު ފިޔަވަޅެއް ވެސް ކަމަށެވެ.

ބީއެމްއެލް އިން ވަނީ ރާއްޖޭގެ އިގްތިސޯދަށް ބޭރު ފައިސާ ވަންނަ މައި ދޮރު ކަމަށްވާ ޓޫރިޒަމް ހުއްޓިފައި އޮތުމުގެ ސަބަބުން ޑޮލަރުގެ މާކެޓު ހިފެހެއްޓުމަށްޓަކައި ރާއްޖޭން ބޭރުގެ އޮންލައިން ޑިޖިޓަލް ވޮލެޓު ތަކުން ފޮނުވާ ފައިސާ ރުފިޔާ އެކައުންޓްތަކަށް ޖަމާކުރެވޭ ގޮތަށް މިމަހު ހަމަޖައްސާފަ އެވެ. ޓްރާންސްފާ ޕްލެޓްފޯމުގެ ތަކުން ލިބޭ ފައިސާ ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދެމުންދާ އުސޫލަށް ގެނެވުނު ބަދަލާއެކު، ރާއްޖޭން ބޭރުގެ ޑިޖިޓަލް ވޮލެޓް އަދި އެއް ފަރާތަކުން އަނެއް ފަރާތަކަށް ފައިސާ ފޮނުވާ (P2P) ޕްލެޓްފޯމްތައް މެދުވެރިކޮށް ފޮނުވާ ފައިސާގެ މުއާމަލާތްތައް ކުރެވޭނީ ހަމައެކަނި ދިވެހި ރުފިޔާއި ންނެވެ. މި ބަދަލާއެކު ޑޮލަރު އެކައުންޓް ތަކަށް ފައިސާ ޖަމާކުރުން ހުއްޓޭނެ އެވެ.