ހަބަރު

ރައީސްއަށް ހަމަލާދިނީ ގުޅިފައިވާ ނެޓްވޯކަކުން: އެމްޕީ ޝިޔާމް

ރައީސް ދަތުރުުރެއްވި ރިޔާސީ ލޯންޗްކޮޅުގައި ދިން ހަމަލާ އަކީ ނެޓްވޯކަކުން ރާވައިގެން ވަރަށް މޮޅަށް ދީފައިވާ ހަމަލާއެއް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައީސް މަޖިލީހުގެ މެންބަރުންނާ ހިއްސާ ކުރެއްވި މައުލޫމާތުތަކަށް ރިއާޔަތް ކުރައްވަމުން ސަންޓީވީގެ ޕްރޮގްރާމްގައި ޝިޔާމް ވިދާޅުވީ އެ ހަމަލާޔާ ގުޅިގެން ހައްޔަރުކޮށްފައި ތިބި ތިން މީހުންނަކީ އެ ނެޓްވޯކްގެ ބައެއް ކަމަށެވެ. އަދި އެ މީހުންނަކީ އެފަދަ ކަމެއް ކުރެވޭނެ ކެޕޭސިޓީ ހުރި ބައެއް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އެހެން ނަމަވެސް އެ މީހުން އެކަން ކުރީ އެކަނި ނޫން ކަމަށާއި އެކަން ކޮށްފައި ވަނީ ވަރަށް ރަނގަޅަށް ކަންކަން އެނގޭ ބަޔަކު ވެސް އޭގެ ތެރޭގައި ހިމެނިގެން އެކަމަށް ވަރަށް ގިނަ ފައިސާ ވެސް ހަރަދުކޮށްގެން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އެބޭފުޅުންނަށް އެބަހުރި ގާބިލުކަން.މިފަދަ ކަމެއް އާދައިގެ މީހަކަށް ނުކުރެވޭނެ. ނެޓްވާރކެއްގެ ތެރެއިން މިދެންނެވުނު ބޭފުޅުންނާ ލިންކު ހުރި ނެޓްވާރކް އަކުން ކުރެވުނު ކަމެއް،" ޝިޔާމް ވިދާޅުވި އެވެ. "މިއީ ހަމަ ހިންގާފައިވާ ބޮޑު ޖަރީމާއެއް،"

ބޭރުގެ އެކްސްޕާޓުންގެ އެހީގައި ކުރި ތަހުގީގުން ވެސް ހާމަވެފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުން ހައްޖުގެ ދަތުރުފުޅަށް ފަހު މާލެ ވަޑައިގެންނެވި ލޯންޗްގައި އެއްޗެއް ގޮވުމަކީ ބަޔަކު ގަސްތުގައި ރާވައިގެން ދިން ހަމަލާއެކެވެ. އަދި ގޮވި އެތި ހަރުކޮށްފައި ހުރީ ލޯންޗް ކެޕްޓަންގެ ގޮޑީގެ ދަށުން ލޯންޗްގެ ވީއައިޕީ ކެބިންގެ ތެރޭގަ އެވެ. ޝިޔާމް ވިދާޅުވީ މިހާރު ކުރިއަށް ދާ ތަހުގީގައި އެ ނެޓްވޯކްގައި ދެން ތިބި ފަރާތްތައް ހޯދައި ޝަރީއަތުގެ ކުރި މައްޗަށް ގެނެވޭނެ ކަމުގެ އުންމީދު ރައީސްގެ ވަރަށް ބޮޑެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި އެކަމަކީ ވަރަށް ރަނގަޅަށް ކަންކަން ދަންނަ ބަޔަކު ދުރާލައި ރާވައިގެން ހިންގާފައިވާ ބޮޑު ޖަރީމާގެ އަމަލެކެވެ. އަދި ކޮންމެ ބަޔަކު އެކަން ކުރި ނަމަވެސް، ނުބައި ރޭވުމެއްގެ ތެރެއިން ގައުމުގެ ރައީސް އަވަހާރަކޮށްލަން ހަމަލާއެއް ދިނުމަކީ އާދައިގެ ކަމެއް ނޫން ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ރައީސް އަބްދުﷲ ޔާމީން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އެކަން ކުރި ބަޔަކު ހޯދައި ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށް ކަމަށް ސައީދު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސްކަން ހޯދަން ޖެހޭނީ އެއިރެއްގައި ހުންނަ ރައީސްއެއްގެ ބޮލަށް ބަޑިޖަހައިގެން ނޫން ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރަން ޖެހޭނީ، ރައްޔިތުންގެ ލޯބި ހޯދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.