ދިވެހި ސިނަމާ

"ބަޅިނދު": ކާސްޓް ބަދަލުކޮށް ޝޫޓިން ފަށައިފި

Sep 14, 2020

ޑާކް ރެއިން އެންޓަޓެއިންމަންޓްގެ "ބަޅިނދު" ގެ ކާސްޓުން ބަދަލުކޮށް ޝޫޓިން ފަށައިފި އެވެ.

"ބަޅިނދު" ގައި ހިމެނޭ ތަރިން ބަދަލުކޮށް އާ ތަރިންނާއެކު ޝޫޓިން ފަށާފައި ވަނީ އެ ސްޓޫޑިއޯއަށް 14 އަހަރު ފުރުމުގެ މުނާސަބަތާއި ދިމާކޮށެވެ. ފިލްމުގެ ކާސްޓަށް ބަދަލު ގެނެސްފައި ވަނީ ފިލްމީ ތަރި ޖުމައްޔިލް ނިމާލާއެކު އެ ފިލްމުގެ ޝޫޓިން މިިދިޔަ ޖެނުއަރީގައި ފަށާފައި ވަނިކޮށެވެ.

އަވަސްއާ ވާހަކަ ދައްކަމުން ޑާކް ރެއިންގެ ވެރިޔމުހައްމަދު އަލީ (މޮގާ) ބުނީ ފިލްމުގެ މަސައްކަތް މިއަދު ފެށިއިރު ކާސްޓަށް ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އަދި ފިލްމުން އާ ތަރިންނަށް ވެސް ފުރުސަތު ދީފައިވާނެ ކަމަށެވެ.

"ބަޅިނދު" ގެ ތަރިންގެ ގޮތުގައި ނަގާފައިވަނީ އާޝާ އާއި ޖުމައިހް އާއި ހުނޫ އާއު ދޮން އައްޔަ އާއި ނުޒޫ އާއި އައިޝާ އާއި ޝަރަފް އަދި މަޖޫ އެވެ. މަޖޫއަކީ ޑާކްރެެއިންގެ ގިނަ ފިލްމުތަކުން ލީޑު ރޯލުން ފެނިގެން ދާ ތަރިއެވެ. އެންމެ މުހިންމު ރޯލުތަކުން ފެންނާނީ އާޝާ އަދި ދޮން އައްޔަ އެވެ. ދޮން އައްޔަ ކުޅެން ހަމަޖެހިފައިވަނީ ކުރިން ޖުމިއްޔިލްއަށް ހަވާލުކުރި ފިލްމުގެ މެއިން ރޯލެވެ.

ފިލްމު ރީޝޫޓްކުރަން ފެށިއިރު ބޮޑުބައެއް އޮތީ ނަގާފައި

"ބަޅިނދު" ގެ ކާސްޓުން ބަދަލުކޮށް ޝޫޓިން އަލުން ފެށިއިރު ފިލްމުގެ 45 ޕަސެންޓް މަންޒަރު އޮތީ ނަގާފަ އެވެ. ނަމަވެސް އެ ސްޓޫޑިއޯއިން ނިންމާފައި ވަނީ ފިލްމު އަލުން ޝޫޓް ކުރާށެވެ.

"ލޮކްޑައުންގެ ކުރިން މުޅި ފިލްމުގެ 45 ޕަސެންޓް މަންޒަރު ނަގާ އޮތީ ނިމިފައި. ނަމަވެސް އަލުން މުޅި ފިލްމު ޝޫޓް ކުރަން ނިންމާފައި އޮތީ،" މޮގާ ބުންޏެވެ.

ޑާކްރެއިން އިން މިއަދު ވަނީ "ބަޅިނދު" އުފެއްދުމަށް ކުރަމުންދާ މަސައްކަތް ދައްކުވައިދޭ ވީޑިއޯއެއް ވެސް ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ.

"ބަޅިނދު" ޑައިރެކްޓް ކުރާނީ އަހްމަދު ޝިނާނެވެ. މިއީ އޭނާގެ ޑައިރެކްޝަނުގެ ދަށުން ނެރޭ ދެވަނަ ބިރުވެރި ފިލްމެވެ. ޑައިރެކްޓަރު ފާތުމަތު ނަހުލާ އާއެކު "4426" ގައި ޝިނާން ވަނީ ޑައިރެކްޝަންގައި ބައިވެރިވެފަ އެވެ. "ބަޅިނދު" ގެ ސްކްރީން ޕްލޭ ލިޔެފައި ވަނީ، ފިލްމީ ދާއިރާ އަށް އާ ޒުވާނެކެވެ.

ޑާކްރެއިންގެ "ނޮވެންބަރު" ގެ މަސައްކަތް ވެސް މިހާރު ވަނީ މުޅިން ނިމިފަ އެވެ. އެ ފިލްމު ސިނަމާއަށް އަންނާނެ ކަމަށް ބެލެވެނީ 2021 ވަނަ އަހަރު އެވެ.