ރިޕޯޓް

މިތަނުން އިސް ލީޑަރަކީ ކޮން ބޭފުޅެއް؟

އެމްޑީޕީގެ އަސާސީ ގަވާއިދުގެ 75 ވަނަ މާއްދާގައި ބުނެފައިވަނީ މިހެންނެވެ: "ޕާޓީ [އެމްޑީޕީ] ދިވެހިރާއްޖޭގެ ވެރިކަމުގައި އޮންނައިރު އެއިރެއްގައި ހުރި ރައީސުލްޖުމްހޫރިއްޔާ އަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ، ޕާޓީގެ އެންމެ އިސް ފާރަތަކީ އޭނާ އެވެ. ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސެވެ،"

މި މާއްދާ ތަރުޖަމާ ކުރުމާމެދު މީގެ ކުރިން ބަހުސެއް ހިނގާފައެއް ނުވެއެވެ. ނަމަވެސް މިއަދު އެންމެ ބޮޑު ބަހުސަކީ މިއީއެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ އެމްޑީޕީ ބޭފުޅެކެވެ. އެއީ 2018 އަށް އެމްޑީޕީން ކަނޑައެޅި ރިޔާސީ ކެންޑިޑޭޓެވެ. އޭގެ ފަހުން ޕާޓީގެ އިންތިހާބީ ރައީސަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެހެން ވެގެން އަދި މިހާރު ބާރުތައް ބައި އެޅިފައި އޮތް ގޮތުން އެންމެނަށް އުފެދިފައި އޮތް ސުވާލަކީ އެމްޑީޕީގެ އެންމެ އިސް ފަރާތަކީ ކޮބައި ހެއްޔެވެ؟

އެމްޑީޕީ އުފެދި، މިދިޔަ 15 އަހަރު ދުވަހުގެ ތެރޭ ރާއްޖޭގެ ވެރިކަން ކުރުމުގެ ފުރުސަތު އެ ޕާޓީއަށް ދެ ފަހަރަށް ލިބިފައި ވެއެވެ. އެއީ 2008 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރައީސް މުހައްމަދު ނަޝީދަށް އަދި 2018 ގެ އިންތިހާބު ކާމިޔާބުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ދެ ބޭފުޅުންނަށް ވެސް ވެރިކަމަށް ވަޑައިގެންނެވުނީ "'ބިޔަ ކޯލިޝަނެއް" ގެ ތެރެއިންނެވެ. ނަމަވެސް ދެ ސަރުކާރުގައި ވެސް މައި ހިއްސާ އޮތީ އެމްޑީޕީއަށެވެ.

މި ބަހުސާއެކު މާޒީއަށް ބަލައިލުމަކީ ވެސް މުހިންމު ކަމެކެވެ. ކުރީން ކަން ހިނގާފައި އޮތް ގޮތާއި ކަން ކުރެވި އަދި ކޮށްފައިވާ ގޮތަށް ބަލައިލުން ވެސް މުހިންމުވެ އެވެ. ނޮވެންބަރު 11، 2008 އިން ފެށިގެން ފެބްރުއަރީ 7، 2012 ގެ ނިޔަލަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ ރައީސް މުހައްމަދު ނަޝީދެވެ. އެ މުއްދަތުގެ ތެރޭގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ބޭއްވި އެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި އެއީ އެމްޑީޕީގައި މިހާތަނަށް ބޭއްވުނު އެންމެ ވާދަވެރި އަދި އެންމެ އިންސާފުވެރި އިންތިހާބެވެ. މެއި 1، 2011 ގައި ބޭއްވި އެ އިންތިހާބުގައި ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވީ ޑރ. އިބްރާހިމް ދީދީ އާއި އިބްރާހިމް ހުސައިން ޒަކީ އެވެ. ނާއިބު ރައީސް ކަމަށް ވާދަކުރެއްވީ އަލްހާން ފަހުމީ އާއި މުހައްމަދު އަސްލަމެވެ.

އިންތިހާބުގަައި ރައީސް ނަޝީދާއި އެމަނިކުފާނުގެ ވަފާތެރިންގެ ތާއީދު އޮތީ ޒަކީ އާއި އަސްލަމަށެވެ. ނަމަވެސް އިންތިހާބު ކާމިޔާބު ކުރެއްވީ ޑީޑީ އާއި އަލްހާނެވެ. އިންތިހާބަށްފަހު ޕާޓީގެ ރައީސަކީ ޑީޑީއެވެ. ނާއިބަކީ އަލްހާނެވެ. ނަމަވެސް އެމްޑީޕީގެ އަސާސީ ގަވާއިދުގެ 75 ވަނަ މާއްދާގެ ބާރު ސާފުކޮށް ދެމި އޮތެވެ. އެމްޑީޕީގެ އެންމެ އިސް ލީޑަރަކީ ރައީސް ނަޝީދެވެ. އެއީ އެވަގުތު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ އެމަނިކުފާނު ކަމަށްވާތީ އެވެ. އޭރު އެ މާއްދާ "ރަނުންރަނަށް" ތަންފީޒު ވަމުންވެސް ދިޔަ އެވެ.

އެއްވުންތަކާއި ޖަލްސާތަކާއި އެހެނިހެން ހަފްލާތަކުގައި ވެސް ރައީސް ނަޝީދަށް މުހާތަބު ކުރެވުނީ އެމްޑީޕީގެ އެންމެ އިސްލީޑަރުގެ ނަންފުޅުންނެވެ. ޕާޓީގެ ރައީސާއި ނާއިބު ރައީސް ވެސް މުހާތަބު ކުރައްވަނީ އެގޮތަށެވެ. އަދި އެމްޑީޕީން ނިންމާ މުހިންމު ނިންމުންތަކާއި ޕާޓީގެ ޕީޖީ ގުރޫޕުން މުހިންމު ނިންމުންތައް ނިންމުމުގެ ކުރިން އިސް ލީޑަރުގެ މަޝްވަރާ ހޯއްދަވަ އެވެ. އެ މަޝްވަރާއަށް މުލިއާގެއަށް އޭރު ވަޑައިގަންނަވަނީ މިއަދުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެއީ އެމްޑީޕީގެ އޭރުގެ ހުރިހާ އިސްވެރިން ހެކިވާނެ ކަމެކެވެ.

ނަމަވެސް ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމުން އެމްޑީޕީގެ އަސާސީ ގަވާއިދުގެ 75 ވަނަ މާއްދާ މިވަނީ އަލުން ތަރުޖަމާން ކުރަން ޖެހިފައެވެ. އިސް ލީޑަރާމެދު ކުރިން އުފައްދަން ނުޖެހުނު ކިތަންމެ ސުވާލެއް މިއަދު އުފައްދަން މިއޮތީ ޖެހިފައެވެ. މިވީ ކިހިނެތް ހެއްޔެވެ؟ އެމްޑީޕީގެ އަސާސީ ގަވާއިދަށް އެއްވެސް ބަދަލެއް ނާދެއެވެ. އަސާސީ ގަވާއިދުގެ 75 ވަނަ މާއްދާ ދެމި އެބައޮތެވެ. ބަދަލުވީ އެންމެ ކަމެކެވެ. އެއީ ޕާޓީގެ ރައީސަކަށް ހުންނެވި ބޭފުޅާ އާއި ގައުމުގެ ރައީސް ކަމުގައި ހުންނެވި ބޭފުޅާ އެވެ.

އެމްޑީޕީގައި ރައީސް ސޯލިހަށް އޮތް މަގާމާމެދު މީގެ ކުރިންވެސް "ވައިގައި ނުހިފި" ބަހުސެއް ބައެއް މީހުން ކުރި އެވެ. އޭރު އެ ބަހުސް ގިނަ ބަޔަކަށް މުހިންމެއް ވެސް ނުވިއެވެ. ރައީސް ނަޝީދަށް އަދި ރައީސް ސޯލިހަށް ވެސް އެކަން އޭރު މުހިންމެއް ނުވިއެވެ. ނަމަވެސް މިއަދު އެ ބަހުސަށް ފުރުސަތު މި ހުޅުވާލީ އެ ޕާޓީތެރެއިންނެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، ވަޒީރު ކަމުގެ މަގާމުން އެކަހެރިވެވަޑައިގަތުމަށް ދަންނަވަން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ ޗެއާ ޕާސަން ހަސަން ލަތީފަށް އެޑްރެސްކޮށް ސިޓީއެއް ފޮނުއްވި އެވެ. އެ ސިޓީއާ ގުޅިގެން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ ވަނީ ގިނަ ތުހުމަތުތަކެއް ކުރައްވައިފަ އެވެ. އޭނާ ވަނީ ރައީސް ނަޝީދު އަމަލު ކުރައްވާ ގޮތުން ޕާޓީގެ އިސް ބޭފުޅުންނާއި މި ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލެމުންދާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ވަޒީރުންނަށް ނުފޫޒު ފޯރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތް އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ހުއްޓުވަން ކުރެވެން ހުރި މަސައްކަތްތައް ކުރެއްވުމަށް ހަސަން ލަތީފުގެ ކިބައިން ޝުއައިބް އެދިވަޑައިގެންނެވި އެވެ.

އިސް ލީޑަރުގެ ހަގީގީ ބަހުސް ފެށޭ ހިސާބަކީ މިއީ އެވެ. އެ ސިޓީއާ ގުޅިގެން ޝުއައިބަށް ހަސަން ލަތީފު ފޮނުވި ސިޓީގައި އެމްޑީޕީގެ ރައީސްގެ މަގާމަކީ، ޕާޓީގެ އެންމެ އިސް މަގާމު ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލުކުރާ އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބު އަދާކުރާ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމަށް ވެސް ސާފު ކޮށްދެއްވި އެވެ. އެ ސިޓީއާއެކު ޝުއައިބުގެ ދެވަނަ ސިޓީއެއް ފޮނުއްވީ ރައީސް ސޯލިހަށެވެ. އެ ސިޓީގައި އެމްޑީޕީގެ އަސާސީ ގަވާއިދާއި ލީޑާޝިޕުން ހިލާފުވެއްޖެ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ޕާޓީގެ އެންމެ އިސް ލީޑަރާ ދެކޮޅަށް "ހިމޭން ބަޣާވާތެއް" ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައި ވެއެވެ.

މި މައްސަލައާއި ގުޅިގެން އަވަސްއާ ވާހަކަ ދެއްކެވި އެމްޑީޕީގެ ވަރަށް އިސް ބޭފުޅަކު ވިދާޅުވީ ހަސަން ލަތީފުގެ ސިޓީއަކީ ވަރަށް "މަކަރުވެރި" ބަސްތަކެއް ބޭނުން ކުރައްވާފައިވާ ސިޓީއެކެވެ. އޭގައި "އޮޅުންބޮޅުން" ބޮޑު އަދި "އޮޅުވާލުން" އިންތިހާއަށް ހިމަނާފައި ވެއެވެ. ޕާޓީގެ އަސާސީ ގަވާއިދުގައި ރާއްޖޭގެ ވެރިކަމުގައި އޮންނައިރު އެއިރެއްގައި ހުރި ރައީސުލްޖުމްހޫރިއްޔާއަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ، ޕާޓީގެ އެންމެ އިސް ބޭފުޅަކީ ރައީސް ކަމަށް ކަނޑައަޅާފައިވަނީ އޮޅިގެން ނޫނެވެ.

"ގަވާއިދުގައި އެ މާއްދާ ހިމަނާފައި އެވަނީ އޮޅިގެންނެއް ނޫން. އެއީ ހަމަ ގަސްތުގައި އެމްޑީޕީގެ ވެރިކަމެއް ސަކްސަސްކޮށް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ހިމަނާފައިވާ މާއްދާއެއް. މާނައަކީ ރައީސެއް ނޫނޭ ދުވަހުން ދުވަހަށް ޕާޓީ ހިންގަވާނީ. ނަމަވެސް ޕާޓީގެ މުހިންމުތައް ނިންމުމުގައި ރައީސަށް މުހިންމު ދައުރެއް ދޭން އެ މާއްދާ ހިމެނީ. ބޭނުމަކީ ސަރުކާރަށް ޕާޓީތެރެއިން ގޮންޖެހުމެއް ކުރިމަތި ނުކުރުވުން. ފުރިހަމަ ސަޕޯޓް ދީގެން ސަރުކާރު ކުރިއަށް ގެންދިއުން. ނަމަަވެސް ހަސަންގެ ސިޓީން ވަރަށް މަކަރުވެރިކޮށް އެކަން އެ އޮޅުވާލަނީ،" އެމްޑީޕީގައި 15 އަހަރު ހޭދަ ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސްކަން ކުރިން ކުރެއްވި ބޭފުޅުންގެ ތެރެއިން ބޭފުޅަކު ވިދާޅުވި ގޮތުގައި އިސް ލީޑަރުގެ ބަހުސަކީ ގަސްތުގައި ފެންމަތިކޮށްގެން އުޅޭ ބަހުސެކެވެ. ބޭނުމަކީ ނަޝީދުގެ ބާރު ގަދަކަން ދައްކާލުމެވެ. އަދި ރައީސް ނަޝީދު ވެރި ކަމުގައި ނެތުމުން ސަރުކާރަށް ޖެއްސުން ކުރުމެވެ. ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން އެންމެ އިސް ލީޑަރަކީ ރައީސް ސޯލިހުކަން ރައީސް ނަޝީދަށް އަދި ހަސަން ލަތީފަށްވެސް އޮޅިވަޑައިގެންފައިނޯންނާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ އަސާސީ ގަވާއިދުގައި ޕާޓީގެ އެންމެ އިސް ލީޑަރުގެ ބަހުސް 2008 ގައި ނުއުފެދި މިއަދު އުފެދެން ޖެހޭ ސަބަބެއް އެހެން ނޫނީ ވިއްޔާ ނެތެވެ.

"އޭރު ތި ބޭފުޅުންނަށް އަޑު އިވިވަޑައިގަަންނަވާނެ އިބްރާހިމް ދީދީމެން އަލްހާންމެން އެންމެ ހަރުއަޑުން ގޮވަމުން ދިޔައީ އިސްލީޑަރަކީ ކޮން ބޭފުޅެއްކަން. އޭރު އެ ސުވާލެއް ނުއުފެދޭ، މިއަދު ކީއްވެތޯ. އެހެންވެ މި ދަންނަވަނީ މި އުޅެނީ 'ބާރު' ދެއްކުމުގެ ވާދަވެރިކަމެއް އުފެދިގެން،" އެމްޑީޕީގެ ކުރީގެ ރައީސަކު ވިދާޅުވި އެވެ.

ރައީސް ސޯލިހާއެކު އެމްޑީޕީގައި ޕީޖީ ގުރޫޕްގައި މަސައްކަތް ކުރެއްވި އަދި މިހާރު މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ބޭފުޅަކު ވަނީ 2008 ކުން ފެށިގެން 2012 އަށް ކަންކަން ހިނގައިދިޔަ ގޮތް ހަނދުމަފުޅު ކޮށްލެއްވުމަށް ރައީސް ނަޝީދު އަރިހުން އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ އޭރު ކަން ކުރެއްވި ގޮތް ހަނދާނަށް ގެނައުމުން އަސާސީ ގަވާއިދުގެ 75 ވަނަ މާއްދާގައި އެހެން ލިޔުނު ސަބަބާއި އެ މާއްދާގެ މުހިންމުކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އެވެ.

ރައީސް ނަޝީދު ވެރިކަމުގައި ހޭދަ ކުރެއްވި މުއްދަތުގައި އެމްޑީޕީން ވެސް އަދި ޕާޓީގެ ޕީޖީ ގުރޫޕުން ވެސް ނިންމަވާ ކޮންމެ ކަމެއް ނިންމަވަނީ ރައީސް ނަޝީދާ މަޝްވަރާ ކޮށްފަ އެވެ. އެއީ އެމަނިކުފާނަކީ ޕާޓީގެ އެންމެ އިސްލީޑަރަަށް ވާތީ އެވެ.

"އޭރު ޕީޖީ ނިންމެވުންތައް ހިއްޕަވައިގެން ރައީސް ނަޝީދު އަރިހަށް ވަޑައިގަންނަވަނީ ރައީސް ސޯލިހު. އެއީ ޕީޖީ ލީޑަރުގެ ހައިސިއްޔަތުން. ބޮޑެތި މައްސަލަތަކުގައި އަބަދުވެސް ގޮތް ނިންމަވަނީ ރައީސް ނަޝީދުގެ ލަފާފުޅުގެ މަތިން. އެއީ އެމަނިކުފާނުގެ ސަރުކާރަށް އެމްޑީޕީން ސަޕޯޓްދޭން. އަދި އަސާސީ ގަވާއިދުގައި އެހެން އޮންނާތީ. އޭރުވެސް އެމްޑީޕީގައި ރައީސަކު ހުރޭ، ނައިބެއް އަދި ޗެއާޕާސަނެއް ވެސް ހުރޭ. ޕީޖީ ލީޑަރެއް ވެސް ހުރޭ. ނަމަވެސް އޭރު ސުވާލެއް ނެތް. ދެން މިއަދު މި އުފައްދަނީ ކޮން ސުވާލެއް. ކޮން ކަމެއްތޯ ބަދަލުވެގެން މި އެޅެނީ،" އޭނާ ސުވާލު އުފެއްދެވި އެވެ.

އެމްޑީޕީގެ އިސް މަގާމެއްގައި މިހާރުވެސް ހުންނެވި ބޭފުޅަކު ވިދާޅުވި ގޮތުގައި އެމްޑީޕީގެ އިސް ފަރާތްތަކީ ކޮބައިކަން އޮޅިފައެއް ނުވެއެވެ. ބަޔަކު އެކަން އޮޅުވާލަނީ އެވެ. އޭނާވެސް ވިދާޅުވީ އެ އިސް ލީޑަރުގެ ވާހަކަ އަސާސީ ގަވާއިދުގައި ހިމަނާފައިވަނީ ދުވަހުން ދުވަހަށް ޕާޓީ ހިންގަވާ ބޭފުޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ގޮތުގައެއް ނޫނެވެ. ބޭނުމަކީ ޕާޓީ ނިންމާ ނިންމުންތަކުގައި ރަައީސުލްޖުމްހޫރިއްޔާގެ ދައުރެއް އޮތެމެވެ. އަދި ސަރުކާރަށް ފަސޭހަވާނެ އަދި ސަރުކާރު ހިންގުމަށް މުހިންމު ނިންމުންތައް ޕާޓީން ނިންމުމެވެ. ކުރިންވެސް ކަން ހިންގީ އެ މަގުންނެވެ.

"މިސާލަކަށް ބައްލަވާ އެމްޑީޕީން ބާއްވަވާ ޖަލްސާތައް. ޖަލްސާއަކަށް ރައީސް ވަޑައިގަންނަވާނަމަ އެންމެ ޝަރަފުވެރި ގޮނޑިކޮޅު މި ހާއްސަ ކުރަނީ އެމަނިކުފާނަށް. އެއީ ކީއްވެތޯ. އެއީ ޕާޓީގެ އެންމެ އިސް ލީޑަރަށްވާތީ. އެވަގުތު ޕާޓީގެ ރައީސެއް ނާއިބު ރައީސެއް އަދި ޗެއާޕާސަނެއްވެ ސް ނޫން އިސް ވަނީ. އިސްވަނީ ރައީސުލްޖުމްހޫރިއްޔާ. އެކަމަކު ދުވަހުން ދުވަަހަށް ޕާޓީ ހިންގުމުގައި ރައީސާއި ނާއިބު ރައީސް އަދި ޗެއާޕާސަންގެ ދައުރު މުހިންމީ. ނަމަވެސް ބޮޑެތި ނިންމުންތައް ނިންމަންޖެހޭނީ ރައީސް ނޫނީ އިސްލީޑަރުގެ މަޝްވަރާގެ މަތިން. އެއީ އަސާސީ ގަވާއިދުގައި އެބުނާ ގޮތަކީ،"

މި މައްސަލާގައި ވަރަށް ގިނަ ބޭފުޅުން އެ ބޭފުޅަކަށް ފެނިވަޑައިގަންނަވާ ތަފާތު އެކި ވާހަކަތައް ދައްކަވައިފި އެވެ. އެ ސުވާލު އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް ވެސް ކުރެވިއްޖެ އެވެ. ޝަރީފް ވިދާޅުވާ ގޮތުގައި އީސީއަށް ޕާޓީގެ އިސް ފަރާތް ކަނޑައެއް ނޭޅޭނެ އެވެ. ނަމަަވެސް އެމްޑީޕީގެ އަސާސީ ގަވާއިދުގެ ހަ ވަނަ ބާބުގެ މާއްދާތަކުން އެކަން އެނގެން އެބައޮތެވެ. ޝަރީފް ނުސީދާކޮށް އެ ވިދާޅުވަނީ އެމްޑީޕީގެ އިސް ލީޑަރަކީ ރައީސް ސޯލިހު ކަމަށް ތަރުޖަމާ ކުުރުމުގެ ފުރުސަތު އޮތް ވާހަކަ އެވެ.

ރައީސް ގަބޫލު ކުރައްވަނީ "އިސްލީޑަރަކީ" އެމަނިކުފާނު ކަމަށް

އިސް ލީޑަރުގެ ބަހުސްގައި ރައީސް ނަޝީދު ވެސް އަދި ރައީސް ސޯލިހު ވެސް ފާޅުގައި އަދި ވާހަކައެއް ނުދައްކަވައެވެ. ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން ދެ ރައީސުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވި ކިތަންމެ މައްސަލައެއް ފެންމަތިވެއްޖެ އެވެ. އެއީ ލިސްޓް ކުރެވޭ މިންވަރަށްވުރެ ގިނަ ކަންތައްތަކެވެ. ނަމަވެސް ދެ ބޭފުޅުންގެ ވަރުގަދަ އެކުވެރިކަމާއި އެމްޑީޕީގެ ވަރުގަދަ ފަލްސާއަށްޓަކައި "ތޮށިގަނޑު" ފަޅާލައްވާފައި އެއްވެސް ބޭފުޅަކަށް ނިކުމެވަޑައިގަންނަވަން އަދި ކުރިވަޑައިނުގަަންނަވަނީއެވެ. ނުވަތަ ކުރި ލިބޭނެ ބޭފުޅެއް ޔަގީން ވެވަޑައިނުގަންނަވާތީ މަޑުކޮށްލައްވަނީއެވެ.

އެހެން އެކަން އޮތް ނަަމަވެސް ޕާޓީގެ އިސް ލީޑަރަކީ ރައީސް ސޯލިހުކަން ދޭހަވާ މޭރުމުން އެމަނިކުފާނު މީގެ ކުރިން ވާހަކަފުޅު ދައްކަވާފައި ވެއެވެ. އެމްޑީޕީއަށް ބަދަލު އަންނަން ޖެހޭ ވާހަކައާއި އެ ބަދަލުތައް ގެންނެވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން ރަށްރަށަށް ވާނެ ވައުދުތަކުގެ މެނިފެސްޓޯ ތައްޔާރު ކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި އަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހު ހާއްސަ ބައްދަލްވުންތަކެއް އޮތެވެ. ލ. ގަމުގައި އޮތް ބައްދަލުވުމުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އެ ދުވަހު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ލީޑާޝިޕާއި ޕާޓީގެ ހިންގުން ވެސް މިހާރަށްވުރެ ބޮޑަށް ލާމަރުކަޒު ކުރަން ޖެހެ އެވެ. އަދި އެ މަސައްކަތް އެންމެ އިސް އެއް ލީޑަރުގެ ހައިސިއްޔަތުން ކޮށް ދެއްވާނެ އެވެ.

"އަޅުގަނޑު ގަސްދުކޮށްގެން މި ހުރީ ޕާޓީގެ އެތެރޭގެ އެންމެ އިސް އެއް ލީޑަރުގެ ހައިސިއްޔަތުން މިހާރަށް ވުރެ ބޮޑަށް ޕާޓީގެ ހިންގުން ލާމަރުކަޒުކޮށްދޭން، ދާއިރާތަކަށް ބާރުތައް ދޫކޮށްލައި މާލީ ގޮތުން ވެސް ޕާޓީގެ ހަރަކާތްތައް ހިންގަން އެ ތަނަވަސްކަމާއި ނިންމުންތައް ދޫކޮށްލާން، އެ މަސައްކަތް ކުރަން އަޅުގަނޑު އުޅޭނަން،" ގަމުގައި އޮތް ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.

އަޅުގަނޑު ގަސްދުކޮށްގެން މި ހުރީ ޕާޓީގެ އެތެރޭގެ އެންމެ އިސް އެއް ލީޑަރުގެ ހައިސިއްޔަތުން މިހާރަށް ވުރެ ބޮޑަށް ޕާޓީގެ ހިންގުން ލާމަރުކަޒުކޮށްދޭން، ދާއިރާތަކަށް ބާރުތައް ދޫކޮށްލައި މާލީ ގޮތުން ވެސް ޕާޓީގެ ހަރަކާތްތައް ހިންގަން އެ ތަނަވަސްކަމާއި ނިންމުންތައް ދޫކޮށްލާން، އެ މަސައްކަތް ކުރަން އަޅުގަނޑު އުޅޭނަން،
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް | ޖެނުއަރީ 25، 2020 - ލ. ގަން

މި ވާހަކަފުޅުން ޕާޓީގެ އިސް ލީޑަރެއްގެ ގޮތުން އެމަނިކުފާނުގެ ޒިންމާތަކެއް އަދި މަސައްކަތްތަކެއް އޮތްކަންވެސް އެމަނިކުފާނު ގަބޫލުކުރައްވާކަން ހާމަވައެވެ. އަދި ޕާޓީ ހިންގުމުގައި އެމަނިކުފާނުގެ ދައުރެއް އޮންނަން ޖެހޭ ކަމަށް އެ ވަނީ ވިދާޅުވެފައެވެ.

މިހާރު އުފެދިފައިވާ އެމްޑީޕީގެ އެންމެ އިސް ފަރާތް ކަނޑައެޅުމުގެ ބަހުސް އޮތީ ކުރިއަށެވެ. ފަހަރުގައި މި މައްސަލާގައި ދެ ރައީސުންވެސް ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދެއްކެވުން އެކަށީގެންވެއެވެ. ސަބަބުތައް ބައިވަރެވެ. ދެ ރައީސުންގެ ގުޅުން ޔަގީނުންވެސް އިހު ފަދައެވެ. ހިޔާލު ތަފާތުވުންތައް ވަރަށް ގިނައެވެ. ހުދު ރައީސް އެ ވާހަކަފުޅު މަޖިލީސް މެންބަރުންނަށް ދަންނަވައިިފިއެވެ. ވަޒީރުންނާއި ހިއްސާ ކުރައްވައިފި އެވެ. ސުޕަ މެޖޯރިޓީ އޮވެ ކަންކަން ކުރަން ލައްކަ ދަތި ކަމަށް ވިދާޅުވެއްޖެއެވެ.

އެހެންވީމަ މި ބަހުސްގައި ދެ ރައީސުން ވާހަކަފުޅު ދެއްކެވުން އެކަށީގެންވެއެވެ. އެ ވާހަކަފުޅުތަކުން ހިޔާލުތަފާތުވުންް ބޮޑުވެ، ޕާޓީ އިތުރަށް ބައިބައިވުމުގެ ފުރުސަތުވެސް ބޮޑެވެ. އަދި ޖޫން 26، 2005 ރަޖިސްޓްރީ ކުރެވުނު އެމްޑީޕީން ސިޔާސީ ގޮތުން އެހެން ސަފްހާތަކެއް ގުނަަން ފެށުންވެސް އެކަށީގެންވެއެވެ. "އިސް ލީޑަރު"ގެ ބަހުސް ކުޑަ ބަހުސަކަށް ނުވާނެ ކަން ޔަގީނެވެ.