ރާއްޖެ-އިންޑިއާ ގުޅުމަށް ފާޑުކިޔަނީ މި ސަރުކާރުން ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަށްފެނި ހަޖަމުނުވާ މީހުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ މ. ކޮޅުފުށީގައި މަގުބައްތި ހަރުކޮށް ނިންމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިއީ އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. އަދި މިއީ ގައުމެއްގެ އެހީތެރިކަމުގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ ކުޑަކުޑަ މަޝްރޫއެއްގެ ފެށުމާއި ނިންމުން މިހާ ކުލަގަދަކޮށް ކުރިއަށް ގެންދިޔަ ފުރަތަަ ފަހަރުވެސް މެއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެ-އިންޑިއާ ގުޅުމަކީ ހިތާ ހިތުގެ ގުޅުމެއް ކަމަށެވެ. އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީ (ޕީއެންސީ) ހިމެނޭ ގޮތަށް ވަރަށް ގިނަ އާންމު ރައްޔިތުން ބައިވެރި ވެގެން ފުޅާކޮށްފައިވާ "އިންޑިއާ އައުޓް" ކެންޕޭން ހަަރަކާތަށް އިޝާރާތް ކުރައްވާ ޝާހިދު ވިދާޅުވީ ރާއްޖެ-އިންޑިއާ ގުޅުމާމެދު ވާހަކަ ދައްކަަނީ މި ސަރުކާރުން ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަށްފެނި ހަޖަމުނުވާ މީހުން ކަމަށެވެ.
"އިންޑިއާ އާއި ރާއްޖެއާ މިއޮތް ގުުޅުމަކީ ހާއްސަ ގުޅުމެއް. މި ގުޅުމަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގަ އޮތް ގުޅުމެއް. ދެ ގައުމުގެ ރައްޔިތުންގެ ހިތާ ހިތާ ގުޅިފަ އޮތް ގުޅުމެއް. އެކަން އަޅުގަނޑުމެން ގަބޫލު ކުރަން. އެކަން ގަބޫލު ނުކުރެވިގެން އުޅޭ ބަޔަކީ މި ސަރުކާރުން ހިންގަވާ ތަރައްގީގެ މަޝްރޫއުތަކަށް، އެތަންތަން ފެނި އެކަމަށް ހިތްދަތިވާ ފަރާތްތައް. އެކަން މިއަދުގެ ޒަމާނީ އިބާރާތުން ދަންނަވާކަމަށްވަންޏާ، ހަޖަމް ނުކުރެވޭ ފަރާތްތައް. އަޅުގަނޑުމެން އެފަރާތްތަކުން ދައްކާ ވާހަކައަކަށް ބަލާކަށް ނުތިބޭނަން،"
އިންޑިއާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ޝާހިދު ވިދާޅުވީ ރާއްޖޭގައި ކެންސަރުގެ ބައްޔަށް ބޭސްކުރާ މީހުންނަށް ހުޅުމާލޭގައި ކެންސަރަށް ހާއްސަ ކޮށްގެން އަޅާ ހޮސްޕިޓަލްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުން ފަދަ އެތައް މަސައްކަތްތަކެއް އިންޑިއާގެ އެހީތެރިކަމުގައި ހިނގަމުންދާ ކަމަަށެވެ.
މ. ކޮޅުފުށީގައި މަގުބައްތި ހަރުކުރުމަކީ ރައީސްގެ ސީދާ ބެއްލެވުމުގެ ދަށުން ހިންގެވި މަޝްރޫއެއް ކަމަށެވެ.
މި ސަރުކާރުން ކުރިއަށް ގެންދާ ބައެއް މަޝްރޫއުތަކާ ގުޅޭގޮތުންވެސް ޝާހިދު ވާހަކަ ދެއްކެވިއެވެ. ވިދާޅުވީ ކޮވިޑްގެ މި ހާލަތުގައިވެސް މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ. އެގޮތުން ރަށްރަށުގައި މަގުބައްތި ޖެހުމާއި، ބަނދަރު ހެދުމާއި، ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ބަލާލީމަ ފެންނާނެ. ކޮންމެ ރަށެއްގައި، ކޮންމެ އަތޮޅެއްގައި ހިނގަމުންދާ ޕްރޮޖެކްޓްތައް އެހެރީ އަޅުގަނޑުމެން ކުރިމަތީގައި ނިމެމުން ފެށެމުން، ފެށެމުން ނިމެމުން އެހެރަދަނީ. ކުދި ޕްރޮޖެކްޓްތައް، އެއީ މަގު ބައްތިޖެހުންކަމުގައި ވިއަސް، ބަނދަރު ހެދުން، ސްކޫލް އެޅުން، ފެނާއި ނަރުދަމާގެ މަސައްކަތް، މިހިރަ ކަންތައްތައް އެހެރަދަނީ ހިނގަމުން. މެދު ނުކެނޑި ހިނގަމުން. މުޅި ދުނިޔެ ކޮވިޑްގެ ނުރައްކާތެރި ވަބާގައި އޮތްއިރުވެސް އެއްވެސް މަޝްރޫއަކަށް މަޑުޖެހިލުމެއްނެތި ކުރިއަށް އެހެރަދަނީ ވަރަށް ހަލުއި ސްޕީޑެއްގައި،"
އަދި ވިދާޅުވީ ބޮޑެތި މަޝްރޫއުތައްވެސް ކުރިއަށްދާނެ ކަމަށެވެ.
"ބޮޑެތި ޕްރޮޖެކްޓްތައް އަންނަނީ ތައްޔާރުވަމުން. ނަގާ ބޮޑުކުރަމުން އަންނަަނީ. އެންމެ ދެކުނުގައި އައްޑޫ އަތޮޅުގެ މަގުތައް އައްޑޫ އަތޮޅުގެ ތަރައްގީއަށް އަމާޒު ކުރައްވާފައިވާ ހާއްސަ މަޝްރޫއު، އިރާދަކުރެއްވިއްޔާ ލަހެއްނުވެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ. ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ގޮތުގައި އޮތް، މާލެއާ ވިލިގިއްޔާ ތިލަފުއްޓާ ގުޅާލެވިގެންދާ ރާއްޖޭގައި ހިނގޭ އެންމެ ބޮޑުއެއް މަޝްރޫއު މިހާރުނަގާ ބޮޑުކޮށްފަވަނީ، އިރާދަކުރެއްވިއްޔާ އެމަސައްކަތްވެސް ލަހެއްނުވެ ފެށިގެންދާނެ،"