ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ޔޫރަޕްގެ ގައުމުތަކުގައި ކާޓޫނު ކުރަހާ މީހުންނަށް ވުރެ ބޮޑަށް ރަސޫލާ އަށް ފުރައްސާރަ ކުރަނީ އިސްލާމް ދީނުގެ ނަމުގައި ހަރުކަށި އަމަލުތައް ހިންގާ މީހުން ކަމަށް ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ ވިދާޅުވެއްޖެ އެވެ.
ލުބްނާންގެ ޝީޔައީ ޖަމާއަތެއް ކަމަށްވާ ހިޒްބުﷲގެ ލީޑަރު މިހެން ވިދާޅުވީ ރަސޫލާ އަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި ފްރާންސްގެ ނޫހެއް ކަމަށްވާ ޗާލީ ހެބްޑޯގެ އޮފީހަށް ބަޔަކު ވަދެ ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލި ހާދިސާއާ ގުޅިގެންނެވެ. ނަސްރުﷲ ވިދާޅުވީ ކާޓޫނު ކުރެހި މީހުންނަސް ވުރެ ރަސޫލާ އަށް ބޮޑަށް ފުރައްސާރަ ކުރަނީ ކީރިތި ގުރުއާނުގެ ލަފްޒީ މާނަ އަށް އެކަނި ބަލައިގެން، ޚިލާފަތު ގާއިމުކުރުމުގެ ފިކުރުގައި އުޅޭ މީހުން ކަމަށެވެ.
"އިސްލާމް ދީނަށް އުޅޭ ކަމަށް ބުނާ ތަކްފީރީ ޖަމާއަތްތަކުގެ މީހުން ވަނީ ރަސޫލާ އަށް ފިލްމު ހަދައި ރަސޫލާ އަށް ކާޓޫނު ކުރަހާ މުސްލިމުންގެ ދުޝްމަނުންނަށް ވުރެ ބޮޑަށް އިސްލާމް ދީނާއި ގުރުއާނާއި އިސްލާމީ ގައުމުތަކުގެ ނަން ކިލަނބުކޮށްފައި،" ޝިޔައީން ރަސޫލާގެ އީދުމީލާދުގެ ގޮތުގައި ފާހަގަކުރާ ދުވަހާ ގުޅުވައިގެން ދިން ހިތާބެއްގައި ނަސްރުﷲ ވިދާޅުވި ކަމަށް ލުބްނާންގެ ޑެއިލީ ސްޓާ ނޫހުގައި ބުނެފައިވެ އެެވެ.
ބުދަ ދުވަހު ފްރާންސްގެ ނޫހަށް ދިން ހަމަލާގައި 12 މީހަކު މަރާލާފައިވެ އެވެ. އަދި ހަމަލާ ދިން މީހުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އިތުރު ތިން މީހަކާއި ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތުކުރާ ތިން މީހުން ވެސް ވަނީ މަރާލައިފަ އެވެ.
"އިސްލާމް ދީނަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ތަކްފީރީން ..." ނަސްރުﷲ ވިދާޅުވެފައިވެ އެވެ.
ފަލަސްތީނު މިނިވަން ކުރުމަށް އިޒްރޭލާ ދެކޮޅަށް މަސައްކަތް ކުރުމުގައި މަޝްހޫރު ހިޒްބުﷲގެ ލީޑަރު މި މޭރުމުން ވާހަކަ ދައްކަވާފައި ވާއިރު އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ވަނީ ފްރާންސްގައި ދިން ހަމަލާއާ ހަމާސް އިން އިޒްރޭލަށް ދޭ ރޮކެޓް ހަމަލާތަކާ އެއްވަރު ކުރައްވައިފަ އެވެ. ނަމަވެސް ހަމާސް އިން ވެސް ވަނީ ފްރާންސްގެ ނޫހަށް ދިން ހަމަލާ ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް ހަމާސް އިން ކުރާ މަސައްކަތާ ފްރާންސްގައި ދިން ހަމަލާއާ ހަމަހަމަ ކުރަން ނަތަންޔާހޫ ވާހަކަ ދެއްކެވުމުން އެކަން ކުށްވެރިކޮށްފަ އެވެ. – އާރްޓީ