ވައިކަރަދޫ

ވައިކަރަދޫ ކަނޑޫފާތައް ނެތި ދިއުމުގެ ބިރު!

އުތުރުގެ ހދ. ވައިކަރަދޫ ހުސައިން ނުވާސް، އާއިލާ ދެ ކުއްޖަކާއެކު އެ ރަށު ކަނޑޫފަލަށް ދިޔައީ ރަށުތެރޭގައި މީހުން ދައްކާ ވާހަކަތަކެއްގެ ތެދު ދޮގު ބަލައިލާށެވެ. ބޮޑުތިލަދުންމަތީ މީހުންގެ ވެސް ފަހުރަކަށް ވެފައި އޮންނަ ވައިކަރަދޫ ކަނޑޫފާތައް މަރުވެ ކަނޑޫ ހުސްވާން އުޅޭ ކަމުގެ ވާހަކަތަކެއް ރަށުތެރޭގައި ވަރަށް ގަދައަށް ދައްކާތާ ދެ ހަފުތާއެއް ވެއްޖެ އެވެ. ނުވާސް އާއި ޖިނާސް އަދި ރިފްހާން އެކުގައި ގޮސް ބިޔަ ބޮޑު ކަނޑޫފަލަށް އިއްޔެ މެންދުރު ވަނީ އެމީހުންގެ ލޮލުންވެސް އެތަން ދެކެލައި އަސްލު ބޮޑު މަންޒަރަކީ ކޮބައިތޯ ބަލާށެވެ. އެތެރެއަށް ވަން ވަރަކަށް ފެނުނު މަންޒަރުން "ހަމަ އަސްލަށް ވެސް ކަނޑޫފާ މިއޮތީ މަރުވެފަ އޭ" ކިޔަމުން ކަނޑޫފަލުގެ މެދެއްހާ ހިސާބަށް ދިޔަ އިރު މުޅި އެ ސަރަހައްދު އޮތީ ހުހަށެވެ.

ވަށައިގެން ހުރި ބޮޑެތި ގަސްތައް ފިޔަވާ މެދުން ވަކި ސަރަހައްދެއް އެކީ އެކައްޗަކަށް މަރުވެ ނެތި ގޮސްފައިވާތަން އެމީހުނަށް ފެނުނެވެ. ޑްރޯން އުދުއްސާ އެ ސަރަހައްދު މާ އުހުން ބަލައިލި އިރު މެދު އޮތީ ހާމައަށް ހުހަށެވެ. ގަސްތައް މަރުވެ ފެހިކަން ގެއްލި ގަދަ މުށި ކުލަ އެއްގަ އެވެ. ހީކުރި ވަރަށްވުރެ ވެސް ގޯހެވެ.

ހިތްދަތި މަންޒެއް ފެނުމުން، ނުވާސް ފޭސްބުކްގައި ސްޓޭޓަސްއެއް ޖަހައި ހަލާކުވަމުން އެދަނީ ދިވެހިން އެ ތަނަކާމެދު ފަހުރުވެރިވާ ކަނޑޫފާ ކަމަށް ބުނެދިނެވެ. އަދި މިއީ ވިސްނާ ފިކުރު ކުރަން ޖެހޭ ބޮޑު މައްސަލައެއް ކަމަށް ވެސް ބުންޏެވެ.

"ސޭވް ވައިކަރަދޫ ކަނޑޫފާ" ޖަހައި ފޭސްބުކްގައި ލިޔެފައި އޮތެވެ: "ފެހިފެހި ނަލަނަލަ ވައިކަރަދޫ ކަނޑޫފާގެ ބޮޑު ބައެއް އޮތީ މަރުވެފައި. ގަސްތަކުގެ ފެހިކަން ހުރީ މުށި ކުލައާ ކަޅު ކުލަޔަށް ބަދަލުވެފައި. ޗާލު ޗަކަ ބިން އޮތީ ހިކި ފަތްތަކުން ފުރިފައި. އަދު ހޮވާކަށް ކަނޑުލެއް ނެތް. މިއީ ހިތަށް ކުޅަދާނަވާވަރަށް ވުރެ ވެސް ހިތާމަ ހުރި ކަމެއް!"

ވައިކަރަދޫ އިން ރިފްހާން ކިޔައިދިން ގޮތުގައި، މީގެ ތިން މަސް ކުރިން ވެސް އެމީހުން ކަނޑޫފަލަށް ގޮސް އުޅުނެވެ. އޭރު ނެގި ފޮޓޯތަކުގައި ވެސް ކަނޑޫފާ މިހާރު އޮތް ގޮތަށް މަރުވެފައެއް ނެތެވެ. އޭނާ ބުނި ގޮތުގައި ކަނޑޫފަލަށް މި ގޮތެއް ވާން ފެށީ ވަރަށް ފަހުންނެވެ.

ވައިކަރަދޫ ކަނޑޫފަލަކީ ވަރަށް ބޮޑު ސަރަހައްދެކެވެ. އެ ރަށުގައި ކުރިން ކަތީބުކަން ކުރެއްވި އަބްދުﷲ އަލީ އަވަސް އަށް ވިދާޅުވީ އެ ރަށުގެ ކަނޑުފަލަށާއި ކަނޑުލަށް މީގެ ކުރިން އެފަދަ ކަމެއް ދިމާވަފެއް ނުވާ ކަމަށެވެ.

މި ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. ވައިކަރަދޫގެ ކައުންސިލް ރައީސް އަހްމަދު ނަސީމް ވިދާޅުވި ގޮތުގައި ކަނޑޫފަލަށް އެހެން ދިމާވި ސަބަބު ނޭނގުނު ނަމަވެސް އެ އަތޮޅު ނޭކުރެންދޫގެ ކަނޑޫފަލަށް ވެސް ވީ އެހެނެވެ.

"އަދި އަޅުގަނޑުމެންވެސް އަދި އެހެން ބަޔަކުވެސް ޓެސްޓުކޮށްފަ އެއް ނެތް. އެކަމަކު ބަލާބެލުމަށް ލަފާ ކުރެވެނީ ނޭކުރެންދޫ ކަނޑޫފަލަށް ދިމާވި ގޮތްހެން މިރަށު ފަލަށްވެސް މި ދިމާވީ. ފަަނިތަކެއް އަަޅައިގެން ގެއްލުމެއް ލިބެނީހެން ހީވަނީ" ކައުންސިލް ރައީސް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވި ގޮތުގައި، ކަނޑޫފާ ހިމެނޭ ސަރަހައްދަކީ އެ ރަށުގެ އިރުމަތީކޮޅު ކަމަށްވެފައި މި ދުވަސްވަރު ރަށް ގިރުމުގެ މައްސަލަތައް ވެސް ދިމާވެފައި ވެއެވެ. ނަމަވެސް، ސީދާ ސަބަބެެއް އަދި ޔަގީނެއް ނުވެ އެވެ. ކައުންސިލުން ވަނީ އީޕީއޭގެ ސަމާލު ކަމަށް ގެންދަން ނިންމާފަ އެވެ.

މީގެ ކުރިން ފިޝަރީޒް މިނިސްޓްރީން ވަނީ، ނޭކުރެންދޫ އާއި ކެލާގެ ކަނޑޫފަލަށް ދިމާވި ގޮތް ބަލާފަ އެވެ. ސަރުކާރުން ކުރި ފީލްޑް ސާވޭ އިން ދެއްކި ގޮތުގައި ދެ ރަށުގައި ތަފާތު މައްސަލަަތަކެއް ހުއްޓެވެ. އަދި ކަނޑޫފާތައް މަރުވަނީ މޫސުމީ ބަދަލެއްގެ ސަބަބުން ނުވަތަ ވަކި ވައްތަރެއްގެ ފަނިފަކުސާއެއް ގިނަ ވެގެނެވެ.