ޓްރާންސްފާ މާކެޓްގައި 220 މިލިއަން ޕައުންޑް ހޭދަ ކުރި ޗެލްސީން ކުޅުނު ފުރަތަމަ މެޗުގައި ބްރައިޓަން ހޯވް އެލްބިއޯން އަތުން 3-1 ން މޮޅުވިޔަސް ހީކުރިވަރުގެ ކުޅުމެއް ނުފެނުނެވެ.
ޗެލްސީގެ ކޯޗް ކަމުގައި ލަމްޕާޑް ކުރިމަތިލާ ދެވަނަ ސީޒަންގެ ފުރަތަމަ މެޗުން އެނގިގެން ދިޔައީ، ޓްރާންސާފާގައި ޓީމަށް އިތުރު ކުރި ކުޅުންތެރިންނާއެކު ލަމްޕާޑްގެ ޕްރޮޖެކްޓަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. ޖުމުލަ 117.5 މިލިއަން ޕައުންޑް ޗެލްސީން ހޭދަ ކުރީ ޖަރުމަންގެ ދެ ކުޅުންތެރިން ކަމަށްވާ، ޓިމޯ ވާނާ އާއި ކައި ހަވާޒެވެ. ވާނާގެ އިމެޕެކްޓް ކޮންމެވެސް ވަރަކަށް ފެނުނު ނަމަވެސް ހަވަޓްޒްގެ އިމްޕެކްޓް ފެނުނީ ކުޑަކޮށެވެ. އާ ޓީމަކަށާއި އާ ލީގަކަށް ހޭނިލުމަށް ވަގުތު ވެސް ބޭނުންވާނެ އެވެ.
ޗެލްސީގެ ފުރަތަމަ ލަނޑު ޖޯޖިނިއޯ ކާމިޔާބު ކުރީ، ވާނާ ހޯދައިދިން ޕެނަލްޓީ އަކުންނެވެ. ޖަރުމަންގެ ގައުމީ ޓީމުގައި ވެސް އެކުގައި ކުޅޭ ވާނާ އާއި ހަވާޒަގެ ފަރާތުން ކޮމްބިނޭޝަންގެ ގޮތުގައި ފެނުނީ އެންމެ ފުރުސަތަކެވެ. ހަވާޓްޒް ވަނީ ވާނާއަށް ރީތި ތުރޫޕާހެއް ތަނަވަސް ކޮށްދީފަ އެވެ.
ޗެލްސީގެ ފަރާތުން ފެނުނީ އެ ޓީމުގެ އެންމެ މޮޅު ކުޅުމެއް ނޫނެވެ. ނުވަތަ މެޗުން މޮޅުވިޔަސް ކުޅުން އާންމު ފެންވަރެއްގައި ވެސް ނުފެނުނެވެ. ޕޮޒެޝަންގައި ޗެލްސީ އޮތީ ބްރައިޓޮންއަށް ވުރެ ދަށުގަ އެވެ. އެހެން ނަމަވެސް މެޗުގެ ފަހު 20 މިނެޓާ މެދު ލަމްޕާޑް ހިތްހަމަޖެހޭނެ އެވެ.
ޖޯޖީނިއޮގެ ލަނޑު ފުރަތަމަ ހާފުގައި ލިޑްގައި އޮވެގެން ޗެލްސީ ނިންމާލި އެވެ. ދެ ވަނަ ހާފަށް ކުޅެން ނުކުމެ ބްރައިޓޮންގެ ލިއޮންޑްރޯ ޓްރަސާޑް ނަތީޖާ ހަމަހަމަ ކުރި އެވެ. އޭގެ ދެ މިނެޓްފަހު ޖޯޖީނިއޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ރީސް ޖޭމްސް ޗެލްސީއަށް ލީޑް ނަގައިދިނެވެ. ޗެލްސީގެ ތިން ވަނަ ލަނޑު ކާމިޔަބު ކުރީ ކާޓް ޒޫމާ އެވެ.
ލަމްޕާޑްގެ ޓީމުން ފާހަގަ ކުރެވުނު އަނެއް ބަދަލަކީ ރުބެން ލޮފްޓަސް ޗީކްއަށް ފުރަތަމަ 11 އިން ފުރުސަތު ދިނުމެވެ. ލަމްޕާޑްގެ ގޭމް އޭނާ ބަދަލު ކޮށްލީ 4-2-3-1 ފޯމޭޝަނަށެވެ. އެ ފޯމޭޝަންގައި ނަންބާރު 10 ގެ ރޯލް ދިނީ ރުބެން ލޮފްޓަސް ޗީކް އަށެވެ. މިއީ އޭނާގެ މުހިންމުކަން ލަމްޕާޑްއަށް ހާމަ ކޮށްދޭން ލިބުނު ރަނގަޅު ފުރުސަތަކެވެ. އެއީ ލޮކްޑައުންގެ ފަހުން އޭނާ ފުރަތަމަ 11 ގައި ކުޅެން ނުކުތް ތިން ވަނަ މެޗެވެ.
މިދިޔަ ސިޒަންގައި ލަމްޕާޑްގެ އިތުބާރު ގެއްލިފައިވާ ކަމަށް ބެލެވުނު ކީޕަރު ކެޕާ އަރީޒަބަލަގާއަށް މެޗުން ފުރުސަތު ދިނެވެ. މިއީ ނުގެންނާނެ ކަމަށް އެންމެ ފާހަގަ ކުރެވުނު ބަދަލެވެ. މެޗުގައި އޭނާގެ ގޯލަށް އާދައިގެ ގޮތަކަށް ލަނޑެއް ވަން ނަމަވެސް ކެޕާ އާ މެދު ހިތްހަމަ ޖެހޭ ކަމަށް ލަމްޕާޑް ވަނީ ފާހަގަ ކޮށްފަ އެވެ.