ހަބަރު

ދެވަނަ ފިޔަވަހީގައި ތިން ސްކޫލް އަޅަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތިން ސްކޫލް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ހުޅުމާލެ ފޭސް ދޭއް ގައި ތިން ސްކޫލް އެޅުމަށް އިއުލާންކޮށް ބީލަމަށް ހުށަހެޅުމުގެ ފުރުސަތުު ވަނީ ހުޅުވާލާފަ އެވެ. މި މަސައްކަތްތަކަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލަށެވެ.

ދެވަނަ ފިޔަވަހީގައި ތިން ސްކޫލް އެޅުމަށް ނިންމާ އިއުލާން ކޮށްފަައިވާއިރު މި ސްކޫލްތަކާ ގުޅޭ އެއްވެސް ތަފްސީލެއް އެޑިއުކޭޝަނަކުން ނުދެ އެވެ.

ކުރީ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ފްލެޓުތަކުގެ ވަގުތީ ލިސްޓު ރިވިއު ކުރުމަށް ފަހު މިދިޔަ މަހު ވަނީ އާ ލިސްޓެއް ނެރެފަ އެވެ. ސެކަންޑް ފޭސްގައި އެޅި 6720 ފްލެޓުުތަކަށް ވަދެވޭނީ އަށް މަސް ފަހުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ. މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްލޭނިން މިނިސްޓަރު ވިދާޅުވީ، ފިނިޝިން ބައެއް މަސައްކަތްތައް ކުރަން ޖެހި ކަރަންޓާއި ފެނުގެ ހިދުމަތް ދޭން ވެސް ވަގުތު ހޭދަވާނެ ކަމަށެވެ.

ދެވަނަ ފިޔަވަށްސަށް ބޮޑު އާބާދީ އެއް ބަދަލުވާ އިރު މާލެ ސަރަަހައްދަށް ސްކޫލްތައް އިތުރު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. މާލޭ ހުޅުމާލެގައި އާބާދީ އިތުރުވަމުން އަންނަ ވަރަށް ބަލާއިރު މާލޭ ސަރަހައްދަށް އާ ސްކޫލްތަކެއް ބޭނުންވާނެ ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި އާ ސްކޫލްތަކެއް އިމާރާތް ކުރާނެ ކަމަށް މިދިޔަ އަހަރު ހުޅުމާލެ ހުރަވީ ސްކޫލް ހުޅުއްވައިދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.