ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

"ކޮވިޑުގެ ދަތީގައިވެސް ހައްގު ރައްކާތެރި ކޮށްދޭނަން"

Sep 15, 2020
4

ކޮވިޑް-19 އިގެ ސަބަބުން ޑިމޮކުރަސީން ކަށަވަރުކޮށްދޭ ބައެއް ހައްގުތައް އެންމެ ފުރިހަމަ މާނައިގައި ލިބިގަތުމަށް ހުރަސްއެޅިފައި ވީ ނަމަވެސް، ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ނަގަހައްޓައި، އިންސާނީ ހައްގުތައް ރައްކާތެރި ކޮށްދިނުމަށް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ރައީސް ނެއްރުއްވި ހިތާބުގައި ވިދާޅުވީ ބަލިމަޑުކަމެއްގެ މި ހާލަތުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ކޮންމެ ފަރުދަކަށް ލިބިދީފައިވާ ފުރިހަމަ ސިއްހަތެއްގައި ދިރިހުރުމުގެ ހައްގަށް އުނިކަމެއް އަޔަނުދީ، އެ ހައްގު ރައްކާތެރިކޮށްދިނުމަށް ކަމަށެވެ.

"މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ މިދަނޑިވަޅުގައި، ޑިމޮކްރަސީގެ ރީތި ހަމަތަކާއި އުސޫލުތަކުގެ ތެރެއިން، ދިވެހި ދައުލަތުގެ އެންމެހައި ގުނަންތައް، އެއް ހަށިގަނޑެއް ފަދައިން މަސައްކަތް ކުރުމަކީ، ގައުމުގެ މަސްލަހަތަށްޓަކައި ނުހަނު ބޭނުންތެރި ކަމެކެވެ،" ފަރުދީ ޒިންމާގެ މުހިއްމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ޑިމޮކްރަސީ ގާއިމުވެފައިވާ ދައުލަތެއްގައި، ރައްޔިތުންނަށް ވަރަށް ގިނަ ހައްގުތަކެއް ލިބިގެންވީ ނަމަވެސް، އެ ހައްގުތަކާއެކު ރައްޔިތުންގެ ކޮނޑުގައި ވަރަށް މަތިވެރި ޒިންމާތަކެއްވެސް އެޅިފައިވާ ކަމަށެވެ. ހަމަ އެފަދައިން، ރައްޔިތުންނަށް ހިދުމަތްކުރަން ތިބި، ދައުލަތުގެ މުވައްޒަފުންގެ ކޮނޑުގައިވެސް، މަސްއޫލިއްޔަތުތަކެއް އެޅިގެންދާކަކަން ރައީސް ފާހަގަކުރެއްވި އެވެ.

"ޑިމޮކްރަސީއަކީ، ރައްޔިތުންގެ ތެރެއިން ރައްޔިތުން އިހުތިޔާރުކުރާ ބަޔަކު، ރައްޔިތުން އެދޭގޮތަށް، ރައްޔިތުންނަށްޓަކައި ދައުލަތް ހިންގައިދިނުން ކަމުގައި ބުނެވެނީ، މި ދެންނެވި ހައްގުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ގެތިފައިވާ ސިލްސިލާގެ ބަދަހިކަމުންނެވެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް، ކޮވިޑް-19 އިގެ ސަބަބުން، މި ސިލްސިލާގެ ގުޅުމަށް ބުރޫއަރާފައިވާ ކަމަށާއި، ޑިމޮކްރަސީން ކަށަވަރުކޮށްދޭ ކިތަންމެ ހައްގެއް، އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިގަތުމަށް ހުރަސްތަކާއި ދަތިތަކެއް މެދުވެރިވެފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް، މި ޙާލަތުގައިވެސް ސަރުކާރުން ގަދައަޅައި މަސައްކަތް ކުރަމުން މި އަންނަނީ، ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ނަގަހައްޓައި، ގާނޫނުގެ ވެރިކަން ދެމެހެއްޓުމާއެކު، އިންސާނީ ހައްގުތައް ފުރިހަމައަށް ރައްކާތެރި ކޮށްދިނުމަށެވެ،" އެމަނިކުފާނު ޔަގީންކަން ދެއްވި އެވެ.

އަދި، އިގުތިސޯދަށް ދިރުން ގެނައުމަށް ވެސް، ކޮވިޑް-19 އާއި ދެކޮޅަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައި އެވެ.