ވިޔަފާރި

ރާއްޖެ އަންނަ ޓޫރިސްޓުންނަށް އިންޝުއަރެންސް ޕެކޭޖެއް ދެނީ

ރާއްޖެ އަށް ޓޫރިސްޓުން ގެންނަން އިންޝުއަރެންސް ޕެކޭޖެއް ދޭން ނިންމައި، ރާއްޖޭގެ އިންޝުއަރެންސް ކުންފުނިތަކާ މަޝްވަރާ ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި ރާއްޖެ އަށް މީހުން ގެންނަން އެންމެ މުހިންމު ކަމަކީ އިތުބާރު ގާއިމް ކުރުން ކަމަށާ، އެކަން ކުރަން އިންޝުއަރެންސް ޕްރޮޑަކްޓެއްގެ މުހިންމުކަން ބޮޑު ކަމަށެވެ. އެހެންވެ އެފަދަ އިންޝުއަރެންސް ޕްރޮޑަކްޓެއް ހެދުމަށްޓަކައި އިންޝުއަރެންސް ކުންފުނިތަކާ މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ދުނިޔޭގެ ބޯޑަރުތައް ހުޅުވަމުންދާއިރު، ރާއްޖެ އަންނަ ހިތްވާ އެތަށް ބަޔަކު އެބަތިބި ކަމަށާ ނަމަވެސް މައްސަލައަކީ މިފަދަ ބަލި މަޑުކަމުގެ ވަގުތުގައި އިންޝުއަރެންސް ކަވަރު ނުކުރުން ކަމަށެވެ.

"ސަރުކާރުން ގައުމުން ބޭރަށް ދަތުރު ނުކުރަން ނަސޭހަތްތެރިވެފައިވާ ވަގުތެއްގައި ވެސް އިންޝުއަރެންސް ކަވަރެއް ނުކުރާނެ. އެހެންވީމަ އަޅުގަނޑުމެން މިދަނީ އެކަމަށް ހައްލު ހޯދުމުގެ ގޮތުން ރާއްޖޭގެ އިންޝުއަރެންސް ކުންފުނިތަކާ މަޝްވަރާ ކުރަމުން ޕެކޭޖެއް ހަދަން. ކުންފުނިތަކުން އެކަމުގެ ޝައުގުވެރިކަން ވެސް ފާޅުކޮށްފައިވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވި ގޮތުގައި މި އިންޝުއަރެންސް ޕެކޭޖުގެ މަސައްކަތް އަންނަ މަހުގެ 15 ގެ ކުރިން ނިންމަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ހާއްސަކޮށް ގެސްޓްހައުސް ހުޅުވެންވާއިރަށް އިންޝުއަރެންސް ޕެކޭޖެއް ވުޖޫދަށް އަންނާނެ ކަމަށް މި ބަލަނީ. މިއީ ވަރަށް މުހިންމު ކަމަށްވާނެ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިފަދަ ޕެކޭޖެއްގެ ސަބަބުން ޓޫރިސްޓުންނާއި އިންޝުއަރެންސް ކުންފުނިތައް އަދި ގައުމަށްވެސް ފައިދާ ކުރާނެ ކަމަށެވެ.

"ރާއްޖެ އަންނަ މީހުންނަށް ރާއްޖޭން އެކަށޭނަ އަގެއްގައި އިންޝުއަރެންސް ޕެކޭޖެއް ލިބި. އޭރުން އެއްވެސް ހިތް ނުތަނަވަސް ކަމެއް ނެތި ރާއްޖެ އާދެވި. އަރާމުކޮށްލާފަ ދެވޭނެ. އަޅުގަނޑަށް ޔަގީން އިންޝުއަރެންސް ކުންފުނި ތަކަށް ފައިދާވާނެކަން." ޑރ. މައުސޫމް ވިދާޅުވި އެވެ.