ހަބަރު

އެމްޑީއެންއާ ދެކޮޅަށް މުޒާހަރާކުރި ގާޒީއަކަށް ފިޔަވަޅު އަޅައިފި

Sep 15, 2020

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ އާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގައި ރ. ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓް ބައިވެރިވެފައިވާކަމަށް ސާބިތުވާތީ، އޭނާއާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފިޔަވަޅު އަޅައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން އެ ރިޕޯޓް ތައްޔާރުކުރި ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލައި މިދިޔަ އަހަރުގެ އޮކްޓޯބަރު 15 ވަނަ ދުވަހު ހުޅުދުއްފާރުގައި ބޭއްވި ހަރަކާތެއްގައި އެ ރަށު ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ ބައިވެރިވެފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

މުސްތަފާގެ އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފް ކަމެއް ކަން ޖޭއެސްސީން ވަނީ ކަނޑައަޅާފަ އެވެ.

އެހެންކަމުން، އަލީ މުސްތަފާއާ މެދު އަޅާ ފިޔަވަޅެއްގެ ގޮތުން އޭނާއަށް ނަސޭހަތް ދިނުމާއި އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް ވަނީ ނިންމާފަ އެވެ.

"ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު ޖަމިއްޔާ އުވާލަން އެންގުމުން ޖަމިއްޔާ އުވާލާފައިވާ ކަން ރަސްމީކޮށް އިއުލާން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

ނަމަވެސް، އެމްޑީއެން އުވާލި ނަމަވެސް އެ ޖަމާއަތުގައި ތިބެ، އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓް ލިޔުނު މީހުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.