އީރާނާއި އެމެރިކާއާ ދެމެދު ބަދަލު ކުރާ ރައްދުގެ ބަސްތައް ހޫނުވެ އީރާނުން އެމެރިކާއަށް އިންޒާރެއް ކޮށްފި އެވެ. އީރާނުން އެމެރިކާއަށް އިންޒާރެއް ދިނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް އީރާނަށް ބިރު ދެއްކުމުގެ ގޮތުން ދެއްކެވި ވާހަކަފުޅަކާ ގުޅުވައިގެނެވެ.
ޑޮނަލްޑް ޓްރަންޕްގެ ބިރު ދެއްކެވުމުގެ ހަމަލާތަކެއް އީރާނަށް އަމާޒު ކުރެއްވީ އަވަހާރަ ކޮށްލެވިފައިވާ އީރާނުގެ ޖެނެރަލް ގަސީމީ ސުލެއިމާނީގެ މަރުގެ ބަދަލު ހިފަން އީރާނުން އުޅޭ ކަމުގެ މައުލޫމާތު އެމެރިކާއަށް ލިބިފައިވާ ކަމަށް ވިދާޅުވެ އެވެ.
މިދިއަ ހޯމަ ދުވަހު ޓްރަންޕް ވިދާޅުވީ އެމެރިކާގެ އެއްވެސް ތަނަކަށް ވެސް މީހަކަށް ވެސް އީރާނުން ހަމަލައެއް ދީފިނަމަ އޭގެ ރައްދުގައި 1000 ގުނަ ވަރުގަދަ ހަމަލަ އެއް އީރާނަށް ދޭނެ ކަމަށެވެ. އޭގެ ޖަވާބުގައި އީރާނުން ބުނީ އަސްކަރީ ގޮތުން ބޮޑު ގޯހެއް ނުހަދައި އެމެރިކާ ހިމޭންވެ އޮތުން ބުއްދިވެރިވާނެ ކަމަށެވެ.
އީރާން ސަރުކާރުގެ ތަރުޖަމާނު އަލީ ރަބީއީ މިއަދު ބޭއްވި ނޫސް ކޮންފަރެންސް ގައި ވެސް އެމރިކާއިން ގޯސް ފިޔަވަޅެއް އީރާނާ ދެކޮޅަށް ނޭޅުމަށް ގޮވާލެއްވި އެވެ. އަދި އެމެރިކާއިން އަޅާ ކޮންމެ ފިޔަވަޅަކަށް އޭގެ ރައްދު ވަރަށް ވަރުގަދައަށް ދޭނެ ކަމަށް ކަމަށް ވެސް ރަބީއީ ވިދާޅުވި އެވެ.
ޓްރަންޕުގެ ބިރުދެއްކެވުންތައް އައީ އެމެރިކާއިން ދެކުނު އެފްރިކާއަށް ކަނޑައަޅާފައި ހުންނެވި އެމްބެސެޑަރު މިއަހަރުގެ ނޮވެމްބާ މަހު އޮންނަ އެމެރިކާ ރިއާސީ އިންތިހާބުގެ ކުރިން އަވަހާރަ ކޮށްލަން އީރާނުން ރާވާ ކަމުގެ މައުލޫމާތު އެމެރިކާގެ މީޑިއާގައި ހާމަކުރުމާއި ވެސް ގުޅިގެންނެވެ. އެކަމަކު މީޑިއާއިން މިކަމަށް ހަވާލާ ދީފައި ވަނީ ނަން ހާމަ ކޮށްފައި ނުވާ އޮފިޝަލުންތަކަކާ ހަވާލާދީ އެވެ.
"އީރާނުން އެމެރިކާގެ އިސް ބޭފުޅެއް އަވަހާރަ ކޮށްލަން ނުވަތަ އެމެރިކާއަށް ހަމަލައެއް ދޭން އުޅޭކަމުގެ މައުލޫމާތު ވަނީ ލިބިފައި. މިއީ ޖެނެރަލް ސުލެއިމާނީގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން ދޭ ހަމަލަ އެއް،" ޓްރަންޕް ކުރެއްވި ޓްވީޓް އެއްގައި ވިދާޅުވި އެވެ. "އީރާނުން އެފަދަ އެއްވެސް ހަމަލައެއް އެމެރިކާއަށް ދީފިނަމަ އޭގެ ބަދަލުގައި 1000 ގުނަ ވަރުގަދަ ހަމަލައެއް އީރާނަށް ދޭނަން،"
އެމެރިކާ އާއި އީރާންގެ ގުޅުން ރަނގަޅު އިރެއް ފަހުގެ ތާރީިހުގައި ނެތެވެ. ނަމަވެސް ދެމެދުގެ އޮންނަ ނުތަނަވްސް ގުޅުން ބޮޑަށް ގޯސްވެފައި ވަނީ 2018 ވަނަ އަހަރު އީރާނުން ސޮއި ކުރި ބައިނަލް އަގުވާމީ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުމާއި ގުޅިގެނެވެ. އެމެރިކާއިން ދަނީ އީރާނާއި ދެކޮޅަށް އަޅާފައިވާ ހަތިޔާރު ވިއްކުން މަނާކުރާ އެއްބަސްވުން އަންނަ އޮކްޓޯބަރު ގައި ހަމަވާތީ އެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އދ. މެދުވެރިކޮށް އީރާނަށް އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ވެސް އެމެރިކާ އޮތީ ފައި ނަގައިގެނެވެ.