ރިޕޯޓް

ހިތްދަތި ދިރިއުޅުން: ހަޔާތުގެ ދިލައިގައި އެމީހުން އަނދަނީ!

  • ދެ ކުދިންނާ އެކު ތޯހިރާ ދިރިއުޅެނީ އެކަނިމާ އެކަނި
  • ދޮށީ އަންހެން ދަރިފުޅަކީ ހެލިފެލިވެ ނޫޅެވޭ ކުއްޖެއް
  • ތޯހިރާގެ އާމްދަނީ އަކީ އެވްރެޖްކޮށް 4،000 ރުފިޔާ

މަގުމައްޗަށް ވާގޮތަށް ހުރި ދޮރުގެ އެޕޯލޯ ތަޅުގައި ހިފައި ހުޅުވާލުމާ އެކު ޖެހުނީ ސިޑިއަކުން މައްޗަށް އަރާށެވެ. އެއީ ނިކަން ހަނި ލަކުޑި ސިޑި އެކެވެ. ތަންކޮޅެއް ބިޔަ ނުވަތަ ފަލަ މީހަކަށް އެވަރުގެ ސިޑިއަކުން މައްޗަށް އެރުން ފަސޭހަ ކަމަކަށް ނުވާނެ އެވެ.

ސިޑީގެ އެއް ފަރާތެއްގައި އައްސާފައި އޮތް ދަނގަޑު ހޮޅިދަނޑިއެއްގައި ހިފައިގެން އަޅުގަނޑު ވެސް ޓީމުގެ އެހެން މެމްބަރުންނާ އެކު މައްޗަށް އަރައިފީ އެވެ. އޭރު ލައިފް ކުޑަ ފެންފުޅިއެއް ބޭނުންކޮށްގެން އަމިއްލަ އަށް އުފައްދާފައިވާ "ޑޯ ކްލޯޒާއެއް" ގެ އެހީގައި ގޮސް ދޮރު ކުއްލިއަކަށް ލެއްޕިއްޖެ އެވެ.

ސިޑިން މައްޗަށް އެރިއިރު ކުރިމަތީގައި އޮތް ހަނި ގޯޅިގަނޑުން ފެންނަން ހުރީ ތިން ދެ ތިން ކޮޓަރިއެކެވެ. ދަމާފައި ހުރި ރޯނުތަކުގައި ހިއްކަން އަޅާފައި ހުރި ހެނދުންތަކެއް ހުއްޓެވެ.

ފުރަތަމަ އަށް ޖެހުނު ދެ ކޮޓަރި އަކީ ބަންގާޅީން ނިދާ ތަނެކެވެ. އެއަށް ވުރެ އެތެރެއަށް ވަދެގެން ގޮސް އެންމެ އެތެރޭގައި ހުރި ދޮރުގައި ޓަކި ދިނުމާ އެކު އިވުނީ ކަރުތެރެއިން މީހަކު އުނދަގޫ ގޮތަކަށް ހަޅޭ ލައްވައިގަތް އަޑެވެ. ހީވީ އެހީ އަކަށް އެދި މީހަކު ރޮއިގަތްހެންނެވެ.

އެ އަޑު ކަންފަތުގައި ޖެހުމާ އެކު، އަހަރެމެންގެ ޓީމުން ހޯދަން ދިޔަ މީހާ އޮތީ އެ ކޮޓަރި ތެރޭގައިކަން އެނގިއްޖެ އެވެ. އެތަނުގެ ދޮރު ހުޅުވާލުމާ އެކު އަނެއްކާވެސް ވަދެވުނީ ހަނިހަނި ގޯޅިގަނޑަކަށެވެ.

އެ ގޯޅިގަނޑުން ވަދެގެން ގޮސް ނުކުމެވުނީ ފަނޑު އަލިކަމެއް ވެރިވެފައި އޮތް އާދައިގެ ކުޑަ ކޮޓަރިއަކަށެވެ. އެތަނުގައި ހުރީ ކާ މޭޒަކާއި އާދައިގެ ޑްރެސިން ޑޭބަލަކާއި ނިދާ އެނދަކާއި ފޮތި އަލަމާރި އަކާއި ކައްކާ އުނދުނެކެވެ.

ހަތަރު ފަރާތުން އެއްކޮށް ބެންދުވެފައި ހުރި އެ ކޮޓަރި ތެރޭގައި ދިލައިގެ އަސަރު ގަދަކަމުން ސީލިންގު ފަންކާގެ ހިލަމެއްވާހެން ވެސް ހީއެއް ނުވެ އެވެ. އެ ފަންކާއަކުން ނުފުދިގެން ފާރުގައި ހަރުކުރާ ޒާތުގެ ފަންކާއެއް ވެސް ސީލިންގުގައި ހަރުކޮށްފައި ހުއްޓެވެ. ނަމަވެސް އެ ވަރުން ވެސް ކޮޓަރި ތެރެއަށް ޖެހެމުން ދިޔައީ ދިލައިގެ ގަދަ ވަޔެވެ.

މިއީ ތޯހިރާ ޔޫސުފާއި އޭނާގެ ދެ އަންހެން ދަރިން ދިރިއުޅެމުން އަންނަ ތަނުގެ ހާލެވެ.

އަޅުގަނޑުމެން ދިޔައިރު ގޭގައި ތިބީ ތޯހިރާ އާއި އޭނާގެ ދޮށީ އަންހެން ދަރި އެވެ. އެއީ ފާތުމަތު އުލްފާ އެވެ. ދޮރުގައި ޓަކި ދިނުމުން ކަރުތެރެއިން އަޑު އަޑު ލައްވަމުން ދިޔަ މީހަކީ މިއީ އެވެ.

އޭނާ އޮތީ ސީލިންގުގައި ހަރުކޮށްފައި ހުރި ފަންކާއާ ދިމާލަށް ވާގޮތަށް ބިންމަތީގައި އަޅާފައި އޮތް ތުނި ގޮދަޑިގަޑެއްގެ މަތީގައި އޮށޯވެލައިގެން ލެޕްޓޮޕަކުން ފިލްމެއް އަޅުވައިގެން އޭގެ ތެރެއަށް ވަދެ ގެއްލިފަ އެވެ. މިއީ އުމުރުން މިހާރު 19 އަހަރުވެފައިވާ މި އަންހެން ކުއްޖާގެ ރެއާއި ދުވާލުގެ ވަގުތުތައް ނިމިގެންދާ ގޮތެވެ.

އުލްފާ އަކީ ގާތްގަނޑަކަށް ހަ މަހުގައި ފިޓް ޖެހުނު ގޮތަށް ތެދުވެ، ހިނގައި، ހެލިފެލިވެ އުޅުމުގެ ކުޅަދާނަކަމުން މަހްރޫމްވެފައިވާ ކުއްޖެކެވެ.

"ޑޮކްޓަރުން ބުނަނީ ފިޓް ޖެހުމުގެ ސަބަބުން ދަރިފުޅުގެ ސިކުނޑިން ބައެއް ވަނީ ހަލާކުވެފައޭ. އަޅުގަނޑަކަށް ނުވެސް އެނގޭ ކޮން ބައްޔެއްކަން މިއީ،" ދަރިފުޅުގެ މައްސަލަކީ ސެރެބަލް ޕަލްސީތޯ ސުވާލުކުރުމުން ތޯހިރާ ދިން ޖަވާބަކީ މިއީ އެވެ.

ތޯހިރާ އަކީ އަކީ އެކަނިވެރި މައެކެވެ. މީގެ ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ކުރިން ވަރިކޮށްފައި ދިޔަ އޭރުގެ ފިރިމީހާގެ އެހީތެރިކަމެއް ވެސް ތޯހިރާގެ މި ކުޑަ އާއިލާއަކަށް ނުލިބެ އެވެ.

ތޯހިރާ ފިހާރައެއްގައި ސޭލްސް އެޓެންޑަންޓަކަށް ވަޒީފާ އަދާކޮށްގެން ލިބެނީ 4،000 ރުފިޔާ އެވެ. ފުރިހަމަ ސިއްހަތެއްގައި ހުރި އޭނާގެ އަނެއް އަންހެން ދަރިފުޅަށް އަދި 18 އަހަރު ނުވިޔަސް އޭނާ މިހާރު އުޅެނީ ވަޒީފާއެއްގަ އެވެ. ރަށުން ގްރޭޑް 10 އެއް ނިންމުމަށް ފަހު އޭލެވެލްގައި ކިޔެވުމަށް މަންމައާ އެކު މާލެ ބަދަލުވިޔަސް ކިޔެވުމަށް އަހަރު ދުވަސް ފަހުން އޭނާ ސްކޫލަށް ދިއުން ހުއްޓާލީ އެވެ.

މާލޭގެ ރެސްޓޯރެންޓެއްގައި ކޭޝިއަރެއްގެ ވަޒީފާ އަދާކޮށް ތޯހިރާގެ މި އަންހެން ދަރިފުޅަށް ގެއަށް ގެންދަން 5،000ރ. ލިބެ އެވެ. އެހެންވީމަ މި އާއިލާއެއްގެ ޖުމްލަ އާމްދަނީ 10،000 ރުފިޔާ އަށް ވެސް ނާރަ އެވެ. ނުހިނގި، ނުތެދުވެ ބިންމަތީގައި އޮންނަ އުލްފާ އަށް ސަރުކާރުން އެހީގެ ގޮތުގައި 2،000ރ. ލިބެ އެވެ.

މި ތިންމައިން ދިރިއުޅެމުން ދާ ކޮޓަރީގެ ކުލީގެ ގޮތުގައި 8،000 ރުފިޔާ ދެއްކުމަށް ފަހު އެމީހުން ތިބެން ޖެހޭނެ ހާލު ކިޔައިނުދިޔަސް ކޮންމެ މީހަކަށް ވެސް އެނގޭނެ އެވެ. ކޮންމެއަކަސް އެތަނުގެ ވެރި މީހާ ގާތު އާދޭސްކޮށްގެން މިހާރު ވަނީ ކުލި 6،500 ރުފިޔާ އަށް ބަދަލުކޮށްދީފަ އެވެ.

ދިރިއުޅުމުގެ މި ވާހަކައެއް މިހާ ހިސާބަކަށް ކިޔައިދިނުމުން ހަޔާތުގެ މި ދަތުރު ސިފަކުރާނީ ކިހިނެތްތޯ ސުވާލުކޮށްލުމުން ތޯހިރާ ދިން ޖަވާބަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟

"ރަނގަޅު ދެން. ގޯހެއް ނޫން،"

"އެހާ މުއްސަނދިކޮށް އެންމެނަކަށް ވެސް ނޫޅެވޭނެދޯ. ލިބޭ މިންވަރަށް އީމާންސް ވެސް ވާން ޖެހޭނެ."

މިހެން ބުނެފައި ތޯހިރާ ޖަހާލީ ހިނިގަނޑެކެވެ. އެ ހިނިގަނޑުގެ ރާގު ހުރި ގޮތުން އެއީ އަސްލު ހިނިގަނޑެއް ނޫންކަން އެނގެ އެވެ. އެއީ ލަދާއި ހިތްދަތިކަމުގެ ވޭނުން އަރައިގަތުމަށް އޭނާ ގަދަކަމުން ޖަހާލި ހިނިގަނޑެކެވެ.

އެކަމަކު އިންޓަވިއުގެ ވަކި ހިސާބަކުން ބަޑިފަޅައިގެން ގޮސް އޭނާ އަށް ރޮވުނީމަ، ދިރިއުޅުމުގެ ހިތްދަތިކަން ކިޔައިދޭން ބޭނުން ނުވިޔަސް އެ ހުރިހާ އުދާސްތަކެއް އެންމެފަހުން ބަންޑުންވީ އެވެ.

"މާލެ ބަދަލުވީ ދެ ކުދިންނަށް ވެސް ރަނގަޅަކަށް. އަނެއްކޮޅުން އުލްފާ ބަލިވެއްޖެ ނަމަ އޭނާ ޑޮކްޓަރަކަށް ދެއްކުމަކީ ރަށުގައި އުޅޭއިރު ފަސޭހަ ކަމެއް ނޫން. ކުޅުދުއްފުއްޓަށް ދާން ޖެހޭނީ. އެ ހިސާބަށް ދެވޭއިރު ވާނެ އެއްޗެއް ވެފައި އޮންނާނީ ބަލި މީހާ އަށް،" ތޯހިރާ ކިޔައިދިނެވެ.

އޭނާ ބުނީ ދޮންދޮންކޮށް ފަލަފަލަކޮށް އޮތް ހަ މަހުގެ އުލްފާ އަށް އެންމެ ފުރަތަމަ އޭރު ފިޓް ޖެހިގެން ވެސް ފުރައިގެން ދާން ޖެހުނީ ކުޅުދުއްފުއްޓަކަށް ކަމަށެވެ. އޭރު ވެސް އަދި އެ ކުއްޖާ އޮތީ ފިޓް ޖެހުނުގޮތަށް ހޭނެތިފަ އެވެ.

"ލިބިފައި ހުރި އެއްޗެހިތަކެއް ބޭނުންކޮށްގެން އުޅެން ދަސްކުރަނީ. މީގެ ތެރެއިން ގިނަ އެއްޗިއްސަކީ ވެސް މީހުން ދީފައި ހުރި އެއްޗެހި،" ކޮޓަރި ތެރޭގައި ހުރި އެނދާއި އުނދުނާއި އެހެނިން ސާމާސަށް އިޝާރާތްކުރަމުން ތޯހިރާ ބުންޏެވެ.

އޭނާ އެންމެ ފުރަތަމަ ދެ ދަރިން ގޮވައިގެން އުޅެމުން ދިޔައީ މާލޭގައި ދިރިއުޅޭ އޭނާގެ އެއްބަނޑު އެއްބަފާ ދައްތައެއްގެ ގޭގަ އެވެ. ސްޓްރޯކެއް ޖެހިގެން ރަނގަޅަށް ހެލިފެލިވެ ނޫޅެވޭ އޭނާގެ މުސްކުޅި ބައްޕަ ވެސް އޭރު އުޅެނީ ތޯހިރާމެންނާ އެކުގަ އެވެ.

ނަމަވެސް އެންމެފަހުން އެ ތަންކޮޅުގެ ދަތިކަމާ ހެދި އަދި އެފަދަ ތަނެއްގައި ދިރިއުޅެން ޖެހުމުން އުފެދޭ އާއިލީ އެކި މައްސަލަތަކުން ސަލާމަތްވުމަށް ތޯހިރާ އޭނާގެ ދެ ދަރިން ގޮވައިގެން އަމިއްލަ އަށް ތަނެއް ކުއްޔަށް ހިފައިގެން ދިޔައީ އެވެ.

އޭނާގެ މިހާރުގެ އެންމެ ބޮޑު ހިތްދަތި ކަމަކީ އުލްފާ އަށް ފުރިހަމަ އެހީތެރިކަމެއް ނުފޯރުކޮށްދެވޭތީ އާއި އޭނާ އަށް ހާއްސަ ގޮނޑިއެއް ވެސް ލިބިފައި ނެތުމެވެ.

"ބޭނުންވާ ކަހަލަ ގޮނޑިއެއް ލިބެން ނެތީމަ އިތުރު ގޮނޑިއެއް ހޯދަން މަސައްކަތެއް ނުކުރެވޭ މިހާރަކު. އުލްފާ އަށް ސަރުކާރުން ދިނީ އާދައިގެ ބަލި މީހުން ލައިގެން ދުއްވާ ކަހަލަ ގޮނޑިއެއް. އެ ގޮނޑީގައި އިންނަނީ އަޅުގަނޑުގެ ބައްޕަ. އެއީ އުލްފާގެ ހުރި މައްސަލަތަކަށް ބަލާއިރު އެފަދަ ގޮނޑިއަކަށް އޭނާ ލައިގެން އުޅެން އުނދަގޫވާތީ،" ތޯހިރާ ކިޔައިދިނެވެ.

އުލްފާ އަށް ހާއްސަ ގޮނޑިއެއް ނެތްއިރު އޭނާ ގޮވައިގެން ކުއްލިއަކަށް ހޮސްޕިޓަލަށް ދާން ޖެހިއްޖެ ނަމަ ވެސް ދިރިއުޅޭތަނުގައި ހުރި ދަތި ހަނި ސިޑިން އޭނާ ބާލައި ހަދަނީ ވެސް ހަމަ ތޯހިރާ އާއި އޭނާގެ އަނެއް އަންހެން ދަރި އެވެ.

"ދެ މައިން ވެގެން އެންމެ ފަހުން ވެސް ދަރިފުޅު ސިޑީން ބާލައިގެން ޓެކްސީއަކަށް އަރުވައިގެން އޭޑީކޭ އަށް ގެންދިޔައީ. ދެން މި ތަނުގައި އުޅޭ ބޭރު މީހުން ވެސް ބައެއް ފަހަރު އެހީވާނެ،" ތޯހިރާ ބުންޏެވެ.

އެންމެފަހުން އުލްފާ އަށް ކޮޓަރީގެ ދިލަ ހޫނުން ސަލާމަތްވެ ފިނި ވައި ރޯޅިއެއްގެ އިހްސާސްކުރެވުނީ މިނިވަން 50 ގެ ކުލަ ކުޅިވަރުތަކަށް މާލެ ދިއްލި ދުވަސްކޮޅާ ދިމާކޮށް އޭނާގެ މަންމަ އާއި އާއިލާގެ އެހެން މީހުން އޭނާ ގޮވައިގެން ބޭރަށް ދިޔަ ދުވަހު އެވެ. އެނބުރި އައި ގޮތަށް އުލްފާ ބަންދުވެފައި އެ އޮތީ ކޮޓަރީގެ ދިލަ ހޫނުގަ އެވެ.

އުލްފާ އާއި ތޯހިރާގެ ހަޔާތުގެ ހިތްދަތިކަމުގެ ވާހަކަ އަޑުއެހުމަށް ފަހު އަހަރެމެންގެ ޓީމުގެ މެމްބަރުން އެތަނުން ނުކުތުމަށް ބޭރަށް ހިނގައިގަތްއިރު ވެސް ކަރު ތެރެއިން އުލްފާ ލައްވަމުން ދިޔަ ހަޅޭކަކަށް ހުއްޓުމެއް ނާދެ އެވެ.

ތޯހިރާ ބުނީ އޭނާގެ ދަރިފުޅު މާ ގަދަ އަށް އުފާވުމުން އެކަން ފާޅުކުރާ ގޮތް ކަމަށެވެ.

މި އާއިލާއާ ގުޅޭނެ ނަންބަރެއް: 7575830