ހަބަރު

ރައީސް ޗެއާ ކުރައްވާ ޕީޕީއެމްގެ ޕީޖީ ގްރޫޕް ބައްދަލުވުމެއް މިއަދު ބާއްވަނީ

Oct 12, 2015

ރައީސް އަބްދުﷲ ޔާމީން ޗެއާ ކުރައްވާ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއް މިއަދު ބާއްވަން ޝެޑިއުލްކޮށްފި އެވެ. އެނގިފައިވާ ގޮތުގައި މިއަދު މެންދުރު ފަހު ބާއްވާ އެ ބައްދަލުވުން އޮންނާނީ މުލިއާގޭގަ އެވެ.

އެ ބައްދަލުވުމުގައި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމާ ގުޅޭ ގޮތުން މިހާތަނަށް ތަހުގީގަށް އެނގިފައި ހުރި ބައެއް މައުލޫމާތުތައް ރައީސް ޕީޖީ ގްރޫޕާ ހިއްސާ ކުރައްވާނެ އެވެ. އަދި އެ ހަމަލާޔާ ގުޅިގެން ރައީސް ގެންނަވާ ބައެއް ބަދަލުތައް ވެސް މިއަދު މަޖިލިސް މެންބަރުންނާ ހިއްސާ ކުރައްވާނެ ކަމަށް ވެސް އެނގިފައިވެ އެވެ. އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނޭނގެ އެވެ.

ރިޔާސީ ލޯންޗްގައި ދިން ހަމަލާއަށް ފަހު ޕީޖީ ގްރޫޕާ ރަސްމީކޮށް ރައީސް ބައްދަލު ކުރައްވާ މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ބައްދަލުވުންތައް ޗެއާ ކުރައްވަނީ ނައިބު ރައީސް އަހުމަދު އަދީބު ނޫނީ ޕީޖީ ލީޑަރު އަހުމަދު ނިހާން އެވެ.

އެމްޑީއޭގެ މެންބަރުން ވެސް ބައިވެރިވާނެ ކަމަށް އެނގިފައިވެ އެވެ.

ރައީސް އިއްޔެ ވަނީ ފުލުުހުންގެ ހެޑް ކުއާޓަރަށް ވަޑައިގެން ފުލުހުންގެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ. މި ބައްދަލުވުންތައް މި ބާއްވަނީ ފުލުހުންގެ ބައެއް މަގާމުތަކަށް ބަދަލު ގެންނަން ރައީސް ނިންމަވާފައިވާ ކަމަށް އަޑުފެތުރިފައި ވަނިކޮށެވެ. އަދި ނައިބު ރައީސް އަށް ވެސް އެ ހަމަލާގެ ތުހުމަތު ވަރަށް ބޮޑަށް ކުރަމުން އަންނަ ދަޑިވަޅެއްގައިވެސްމެ އެވެ.