ވިޔަފާރި

ފިޔާ ކިލޯއެއް 25 ރުފިޔާއަށްވުރެ މައްޗަށް!

Sep 16, 2020
1

އިންޑިއާއިން ފިޔާ ބޭރު ކުރުން ހުއްޓާލި ކަމަށް އަޑު ފެތުރުމާއެކު، ބާޒާރުން ފިޔާ ހުސްވެ، ފިޔާ ކިލޯއެއްގެ އަގު 25ރ. އަށްވުރެ މައްޗަށް އުފުލިއްޖެ އެވެ.

ބާޒާރުގައި މިއަދު ފިޔާ ބަސްތާ ލިބޭކަށް ނެތެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ގިނަ އަދަދެއްގެ ފިޔާ މިހާރު ވެސް ދަނީ ބޯޓު ތަކުން ވިޔަފާރި ބަނދަރަށް ބާލަމުންނެވެ.

ބާޒާރުމަތީ ފިހާރަތަކުގެ ސޭޓުން މިއަދު ބުނި ގޮތުގައި މި ވަގުތު ވެސް ބާޒާރުގައި ފިޔާ ވަނީ ހުސްވެފަ އެވެ. އެކަމަކު ފިޔާ ވަރަށް އަވަހަށް ލިބޭނެ ކަމަށް އޭނާ ބުންޏެވެ. ބާޒާރުން ފިޔާ މަދުވުމާއެކު ފިޔާ ބަސްތާއެއްގެ އަގު މިހާރު ވަނީ 500ރ. އަށް ވުރެ ބޮޑުކޮށްފަ އެވެ.

ދިވެހިން އާއްމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ފިޔާގެ ސްޓޮކް ކޮންޓްރޯލް ކުރަނީ އިންޑިއާ އިންނެވެ. އެހެންވެ އިންޑިއާގެ މާކެޓަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު ރާއްޖެއަށް ކުރެ އެވެ. ނަމަވެސް، ރާއްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ބުނެފައިވާ ގޮތުން އިންޑިއާ އިން ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލި ނަމަވެސް ރާއްޖެއަށް ފިޔާ ލިބޭނެ ކަމަށެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން ހުއްޓާލާފައި ވަނީ އިންޑިއާގައި އެންމެ ގިނައިން ފިޔާ އުފައްދާ ކަރްނާޓަކާ އާއި އަންދްރަ ޕްރަދޭޝް އަށް ކުރި ވިއްސާރައިގެ ސަބަބުން ފިޔާ ދަނޑުތައް އެއްކޮށް ހަލާކުވެގެނެވެ. މީގެ ސަބަބުން ފިޔާ ލިބުން ދަތިވެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އިންޑިއާއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ފިޔާ އެސްޕޯޓު ކުރާ ގައުމެވެ. ނަމަވެސް، އިއްޔެ އިން ފެށިގެން އެއްވެސް ބާވަތެއްގެ ފިޔާ އިންޑިއާ އިން ބޭރު ކުރުން އެ ގައުމުގެ ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.

އިންޑިއާ އިން ރާއްޖެއަށް އާއްމު ގޮތެއްގައި ފިޔާ ގެންނަނީ މާލެ އާއި އިންޑިއާއާ ދެމެދުގައި ދަތުރުކުރާ ކުދި ލަކުޑި ބޯޓު ފަހަރުގައި އެވެ. ނަމަވެސް އިންޑިއާ އާއި ރާއްޖެއާ ދެމެދު މި މަހުގެ ފަހުކޮޅު ފަށާ "ކޮޗިން ފެރީ" ގެ ސަބަބުން ފިޔާ ހިފައިގެން އަންނަ ވިޔަފާރިވެރިން އިތުރުވެ، ފިޔާ ތިޔާގިވާނެ ކަމަށް އުންމީދު ކުރެވެ އެވެ.