ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ލަންކާ: އަނބުރާ ގެންދާ ރައްޔިތުންގެ އަދަދު ލިމިޓުކޮށްފި

Sep 16, 2020
1

ކޮލޮމްބޯ (ސެޕްޓެމްބަރު 16) - ބޭރުގެ އެކި ގައުމުތަކުން އަނބުރާ ގައުމަށް ގެންދާ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކޮވިޑް-19 އަށް މިފަހުން ޕޮޒިޓިވްވެފައި ވާތީ، އެފަދަ މީހުން ގޮވައިގެން ދާ ފްލައިޓުތައް ލިމިޓުކޮށްފި އެވެ.

ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި، ލަންކާ އިން ކޮވިޑް-19 އަށް 102 މީހަކު ޕޮޒިޓިވްވެފައިވާއިރު، އެ ހުރިހާ މީހުންނަކީ ވެސް އެކި ގައުމުތަކުން އަނބުރާ ގެންދިޔަ މީހުންނެވެ.

އެކަމާ ގުޅިގެން، މިއަދުން ފެށިގެން ބޭރުގައި ތިބި ލަންކާ ރައްޔިތުން ގޮވައިގެން ދުވާލަކު އެއް ފްލައިޓަށް އާދެވޭ ގޮތަށް ނިންމާފައިވާކަމަށް އެ ގައުމުގެ ސިފައިންގެ ކޮމާންޑަރު ޖެނެރަލް ޝަވެންދުރަ ސިލްވާ ވަނީ ވިދާޅުވެފަ އެވެ.

ބޭރުގައި ތިބި ލަންކާ ރައްޔިތުން އަނބުރާ ގައުމަށް ގެނެވެންދެން، ލަންކާގެ މައި ބައިނަލްއަގުވާމީ އެއާޕޯޓް އަލުން ހުޅުވުން ވަނީ ފަސް ކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެއާޕޯޓުތައް ބަންދުކުރުމަށް ފަހު، އަލުން ހުޅުވާލަން ފުރަތަމަ ތާވަލުކުރީ މިދިއަ އޯގަސްޓް މަހުގެ އެއް ވަނަ ދުވަހަށެވެ. ނަމަވެސް، އޭގެ ކުރީ މަހު ކޮވިޑް-19 އިގެ އިތުރު ކޭސްތަކެއް ފެނުމާ ގުޅިގެން، އެއާޕޯޓް ހުޅުވުން މި މަހަށް ފަސްކުރީ އެވެ.

ލަންކާގައި ކޮވިޑު ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 3،200 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން 12 މީހަކު މިހާތަނަށް ވަނީ އެ ބަލީގެ ޝިކާރައަކަށްވެފަ އެވެ.