ރާއްޖޭން ދާ ފްލައިޓުތައް އާއްމުކޮށް ޖައްސާ ސްރީލަންކާގެ މައި އެއާޕޯޓުކަމަށްވާ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުގެ ބަދަލުގައި މީގެ ފަހުން ރަތުމަލާނަ އެއާޕޯޓަށް ބަދަލު ކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
ލަންކާގެ ޓޫރިޒަމް މިނިސްޓަރު ޕްރަސަންނަ ރަނަތުންގަ އެ ގައުމުގެ މީޑިއާތަކަށް ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިތުރުން އިންޑިއާގެ ދެކުނުގެ ބައެއް ސަރަހައްދުތަކުންދާ ފްލައިޓުތަކަށް ރަތުމަލާނަ އެއާޕޯޓު ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ.
ރަތުމަލާނަ އެއާޕޯޓަކީ ލަންކާގައި 1935 ވަނަ އަހަރު ގާއިމުކުރި އެންމެ ފުރަތަމަ ބައިނަލްއަގުވާމީ އެއާޕޯޓެވެ. މިހާރު އެއާޕޯޓު ބޭނުންކުރަމުން ދަނީ، ޑޮމެސްޓިކް އޮޕަރޭޝަންތަކުގެ އިތުރުން ބައެއް ޕްރައިވެޓް ޖެޓުތަކަށެވެ. އަދި އެ އެއާޕޯޓުގައި ފްލައިޓު ސުކޫލު ވެސް ހިންގަ އެވެ.
ރަނަތުންގަ ވިދާޅުވި ގޮތުގައި، ރަތުމަލާނަ އެއާޕޯޓަށް އޮޕަރޭޝަންސް ބަދަލު ކުރުމާ ގުޅޭގޮތުން، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން ދާދިފަހުން ލަންކާއަށް ދަތުރުތައް ފެށި ފްލައިމީ އާވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި އެއާޕޯޓުގައި މިހާރުވެސް ދުވާލަކު 75 ފްލައިޓު އޮޕަރޭޓު ކުރާއިރު، ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ކެބިނެޓުން ދީފައި ވެއެވެ.
"ގާތްގަނޑަކަށް 9،000 އެއްހާ ދިވެހިން ތައުލީމު ހާސިކުރުމަށާއި އެހެނިހެން ކަންކަމުގައި ރަތުމަލާނަ ސަރަހައްދުގައި ދިރިއުޅޭ. އަދި އިންޑިއާގެ ދެކުނުން އަންނަ ގިނަ މީހުނަކީ ވެސް ރަތުމަލާނަ ކައިރީގައި އޮންނަ ބަމްބަލަޕިޓިޔާ އާއި ކޮލްޕިޓީގައި ތިބޭ މީހުން. އެއާޕޯޓު ޓާގެޓް ކުރާނީ މިފަދަ ދަތުރުވެރިންނަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން މިހާރު ބަންދު ކޮށްފައިވާ ލަންކާގެ މައި ބައިނަލްއަގުވާމީ އެއާޕޯޓް އަލުން ހުޅުވުން ވަނީ ފަސް ކޮށްފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން އެއާޕޯޓުތައް ބަންދު ކުރުމަށް ފަހު، އަލުން ހުޅުވާލަން ފުރަތަމަ ތާވަލުކުރީ މިދިއަ އޯގަސްޓް މަހުގެ އެއް ވަނަ ދުވަހަށެވެ. ނަމަވެސް، އޭގެ ކުރީ މަހު ކޮވިޑް-19 އިގެ އިތުރު ކޭސްތަކެއް ފެނުމާ ގުޅިގެން، އެއާޕޯޓް ހުޅުވުން މި މަހަށް ފަސްކުރީ އެވެ.
ނަމަވެސް، މައި ހުޅުވުން މިހާރު ވަނީ މުއްދަތެއްނެތް ގޮތަށް ފަސްކޮށްފަ އެވެ.