- އެންމެން ބުނީ އަދީބަކީ ގައުމުގައި ހުރި އެންމެ ބާރުގަދަ މީހާކަމަށް
- ރައީސްގެ ހިޔަންޏެއް ގޮތަށް އަދީބު އުޅުއްވިޔަސް މިހާރު އެހެނެއް ނޫން
- މަންޒަރު ބަދަލުވީ ރިޔާސީ ލޯންޗް ގޮވި ހިސާބުން
މީހުން ބުނެ އުޅުނެވެ. އެ ބޭފުޅާގެ ބާރު ހާދަހާވާ ގަދަ އެވެ. މި ގައުމުގައި ހުންނެވި އެންމެ ބާރުގަދަ ލީޑަރަކީ ޔަގީނަށް ވެސް އޭނާ އެވެ. އެންމެ ކެރޭ ލީޑަރަކީ ވެސް އެ ބޭފުޅާ އެވެ. ކުރައްވަން އަޒުމް ކަނޑައަޅުއްވާ ހުރިހާ ކަމެއް ގެންދަވަނީ ސާބިތުކަމާއެކު ކާމިޔާބު ކުރައްވަމުންނެވެ.
ކޮފީތަކަށް އަރައި އެކަކު އަނެކަކަށް އަޖާއިބުވެ އަންތަރީސްވެގެން މި ވާހަކަތައް ދައްކައި ވެސް އުޅުނެވެ. އެހެން ކިޔައިގެން ޓްވީޓްކޮށް، ފޭސްބުކްގައި ސްޓެޓަސްވެސް ޖެހި އެވެ. އަދި ކޮންމެ މީހެއްގެ ފޭސްބުކްގެ ޕްރޮފައިލް ފޮޓޯ ވެސް އެ ބޭފުޅާއަށް ބަދަލުކޮށް އުޅުނެވެ. ރައްޓެހިކަން ބަދަހިކުރަން ވެސް އެތައް ބަޔަކު ބޭނުންވި އެވެ. އެއް ބަޔަކު "ހިތާވެސް" ވިއެވެ. ފެންނަ ކޮންމެ ހަފުލާއަކުން އެކުގައި ފޮޓޯ ނަގައި ސެލްފީ ނެގުމަށް މީހުން ކިޔޫ ވެސް ހެދި އެވެ.
މިއީ ނައިބު ރައީސް އަހުމަދު އަދީބު އެ މަގާމާ ފިޔަވަޅަކާ ގާތަށް ޖެހިވަޑައިގެންނެވި މަންޒަރު ބަލަން ތިބި ދިވެހިންގެ އިހްސާސްތައް އެ މަންޒަރަށް ބަންޑުންވެގެން ދިޔަ ގޮތެވެ.
އެ ބޭފުޅާ ހުންނެވީ މުޅި ގައުމުގެ ސަމާލުކަން ހޯއްދަވައިގެން، ގައުމުގެ ރައީސާ އެއްވަރުގެ ބާރުތަކެއް ވެސް ލިބިވަޑައިގެންނެވެ. ސަމާސާއަކަށް ހަދައިގެން ބައެއް ފަރާތްތަކުން "އަސްލު ރައީސަކީ އެ ބޭފުޅާއޭ" ވިދާޅުވެ އުޅުނީ ވެސް އެ ބޭފުޅާގެ އާރާއި ބާރު ފެނި އަޝޯހުވެގެންނެވެ.
ނަމަވެސް ވިދަމުން ދިޔަ ނައިބު ރައީސް އަހުމަދު އަދީބުގެ ތަރި މި ވަނީ ސިޔާސީ ކަޅު ބޯވިލާގަނޑެއްގެ ތެރެއަށް ކުއްިލިއަކަށް ވަދެފަ އެވެ. މި ވިލާގަނޑެއްގެ ތެރެއަށް ޒުވާން އަދި ސިޔާސީ ތަޖުރިބާ މަދު ނައިބު ރައީސް ދަމައިގެނެ ގެންދިޔައީ "ފިނިފެންމަލުގެ" ގޮވުމުން އެރި އޮލަ ދުންގަނޑާ އެކުގަ އެވެ.
އެއަށް ފަހު ނައިބު ރައީސް ފާޑަކަށް "ގެއްލުނީ" އެވެ.
ކޮންމެ ދުވަހަކުހެން ހަފުލާތަކުންނާއި ސޯޝަލް މީޑިއާ އިން އާންމުންނާ ބައްދަލުވެ ގައުމު ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތުގައި ވެސް ދުވާލުދާ ހަތަރުދަމު އެހާ އަވަދިނެތި އުޅުއްވި ނައިބު ރައީސް މިހާރު ފެނިވަޑައިގަންނަވާ މުޅިން ތަފާތު ކެރެކްޓާއެއްގެ ގޮތުގަ އެވެ. ހަގީގަތަކީ "ރައީސަށް ވުރެ ކުރީގައި" އުޅުއްވިހެން ހީވި ނައިބު ރައީސް އަދީބުގެ ހަރަކާތްތަކަށް ބަރުހެލިކަމެއް އައިސް ގައުމުގެ ބޮޑު މަންޒަރުން ކުއްލިއަކަށް ގެއްލިއްޖެ ކަމެވެ.
އެއަށް ފަހު މިހާރު ފެނިވަޑައިގަންނަވަނީ އެބޭފުޅާގެ މައްޗަށް ކުރެވޭ ތުހުމަތަކުން ބަރީއަވެވަޑައިގަތުމަށް ކުރައްވާ މަސައްކަތްޕުޅެކެވެ. އެގޮތުން ރޭ ދި ޓީވީގެ ޕްރޮގްރާމަކަށް އަރާ ވަޑައިގެންނެވި އެވެ. އަދި އިހަކަށް ދުވަހު ޕީޕީއެމްގެ އޮފީހުގައި ވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައި، ކުރެވޭ ތުހުމަތުތަކާއި އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވި މަންޒަރު ފެނިގެން ދިޔަ އެވެ.
އެހެން ނަމަވެސް އެންމެން ވެސް ވިދާޅުވަމުން ގެންދަވަނީ އަހުމަދު އަދީބު މިހާރު ވަރަށް ބަދަލުވެއްޖެ ކަމަށާއި އެ ބޭފުޅާ އުޅުއްވާ ގޮތުން އަދި ކުރައްވާ ކަންތަކުން ނުވަތަ ދައްކަވާ ވާހަކަތަކުން އެކަން ވަރަށް ސާފު ކަމަށެވެ.
އެހެންވީމަ، ނައިބު ރައީސް އަދީބު އުޅުއްވާ ގޮތަކީ ކޮބައި ހެއްޔެވެ؟ ސިޔާސީ މައިދާނުގައި ޔާމީންގެ ހަށިފާރަވެރިންނަށް ވުރެ ވަރުގަދަ އައްޑަނައަކަށް ހުންނެވި ބޭފުޅަކީ ވެސް އަދީބެވެ. ރައީސްގެ ދިފާއުގައި މެއަށް އުންޑައަރުއްވަން ފަސްޖެހި ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި ބޭފުޅަކީ ވެސް ހަމަ އަދީބެވެ. އެކަމަކު ރައީސަށް އަމާޒުކޮށް އެ ބޭފުޅާގެ ފުރާނަފުޅު ދުއްވާލުމުގެ ބޭނުމުގައި ނުރައްކާތެރި ހަމަލާއެއް އަމާޒުވި ދުވަހު ރައީސްގެ އަރިހުގައި އަދީބެއް ނެތެވެ. ހައްޖުގެ އަޅުކަމުން އެނބުރި ވަޑައިގެން މާލެ ވަޑައިގެންނެވިއިރު މަރުހަބާ ދެންނެވުމަށް ވެސް އެ ދުވަހު ވަޑައިގެން ނޫޅުއްވަނީ އެވެ.
ފަހުން ވިދާޅުވީ ރޯގާއެއް ޖެހިވަޑައިގެން އާލާސްކަންފުޅާ އުޅުއްވާތީ ވަޑައިނުގެންނެވުނީ ކަމަށެވެ. އެހެން ނަމަވެސް އާންމުންގެ މެދުގައި މި ވާހަކައެއްވީ ސިޔާސީ ބޮޑު ޖޯކަކަށެވެ. ސަބަބަކީ އެންމެންގެ "ބްރޯ" އަކަށް ވެވަޑައިގެން ހުންނެވި އަދީބުގެ ސްޓައިލާ، ވައްތަރާ ސިޔާސަތާ ނުގުޅޭ ފަދަ އުޒުރެއް އެބޭފުޅާ ދެއްކެވީމަ އެވެ.
ކޮންމެއަކަސް ރައީސް ޔާމީނަށް "އެންމެ ވަފާތެރި" ނައިބު ރައީސްގެ ގޮތުގައި ހުންނެވި އަދީބުގެ ވަފާތެރިކަމާއި ކެރިވަޑައިގަތުމާއި ހިތްވަރާ މެދު ކުއްލިއަކަށް ބޮކިޖަހާފައި ސުވާލުތަކެއް އުފެދިގަތީ މިހައި ހިސާބަކުން ފެށިގެންނެވެ. އެއަށް ފަހު އަދީބުގެ ކުރީގެ ސިފަ ނުފެނެ އެވެ.
މިސާލަަކަށް ރައީސް ސައޫދީ އަރަބިއްޔާ އިން އެނބުރި ވަޑައިގެންނެވި ދުވަހުން ފެށިގެން އަދީބު ގައުމުގެ ހާއްސަ ހަފުލާތަކުން ފެނިވަޑައިނުގަންނަވާ މިންވަރުގެ ކުޑަކުޑަ މަންޒަރެއް ތިރީގައި މި އަންނަނީ އެވެ.
ހެރެތެރަ ރިސޯޓްގައި ބޭއްވި ހަފުލާގެ ޝަރަފްވެރި މެހްމާނަކަށް އަދީބު ހަމަޖައްސަވާފައި އޮންނެވި ނަމަވެސް އެ ހަފުލާއެއްގައި ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ. އިންޑިއާ އިން ކުރިން ވަޑައިގެންނެވި އިސް އޮފިޝަލުންނާ ބައްދަލުކުރެއްވި ނަމަވެސް މިފަހަރު ވަޑައިގެންނެވި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސުވަރާޖުއާ ބައްދަލެއް ނުކުރައްވަ އެވެ.
ސަނަމް ބޭންޑެއް އައްޑޫ އަށް ގެންގޮސްގެން ބޭއްވި ޝޯއަކަށް ވަޑައިގަތުމަށް އަދި އައްޑޫގައި ބޭއްވުމަށް ހަމަޖެއްސި ސައިކަލް ބުރެއްގައި ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވިޔަސް އެ ކަންކަމެއްގައި ވެސް ނައިބު ރައީސް އަދީބު ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.
އެންމެފަހުން އިއްޔެ ސަރުކާރު ކޯލިޝަނުން ބޭއްވި މުހިންމު ޕީޖީ ބައްދަލުވުމަކުން ވެސް އަދީބު ފެނިވަޑައެއް ނުގަންނަވަ އެވެ. އާންމުކޮށް އަދީބު ޗެއާކުރައްވާ ނުވަތަ ރައީސްގެ އިތުބާރު އަދީބަށް އޮންނަ ވަރެއްގެ ބޮޑުކަމުން އެ ބޭފުޅާއާ ހަވާލު ކުރައްވާފައިވާ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގެ ޗެއާ ސީދާ ރައީސް ބެލެހެއްޓެވުމަކީ ވެސް އަދީބުގެ ސިޔާސީ ހަޔާތްޕުޅު ގޮސް ނިކަން ވަރުގަދަ ފަރަކަށް އުރިފައިވާކަމުގެ ހެއްކެކެވެ.
މިހައި ހިސާބުން އުފެދޭ ސުވާލަކީ މި އެވެ. ރައީސަށް ދިން ހަމަލާއަށް ފަހު ސަލާމަތީ ކަންކަން ގައުމުގައި މިވަގުތު ހުރި ގޮތުން ނައިބު ރައީސް އެ ބޭފުޅާގެ ރަސްމީ ޓްރެކުން ހަވާސާ އަށް ޖެހިވަޑައިގެން އުޅުއްވަނީތޯ އެވެ؟ ނުވަތަ ގޮވި ގޮވުމަކާ އެކު އަދީބުގެ ސިޔާސީ ކެރިއަރު ވެސް ގޮވައި ބާގަނޑެއް ހެދިގެން ދިޔައީތޯ އެވެ؟
ކޮންމެއަކަސް އެމަނިކުފާނު ދެއްވަނީ ވަރަށް ވެސް ކޫލް ޖަވާބެވެ.
"އަޅުގަނޑު ގާތަށް ހިނިވެސް އާދޭ އަޅުގަނޑާ ގުޅޭ ވަރަށް ކުދިކުދި ކަންތައްތައް ވެސް ސުރުހީ އަތުލާތީ،" މިހެންނެވެ.
އެއަށް ފަހު މިހެންނެވެ.
"ސަރުކާރުގެ ކޮންމެ އިވެންޓަކީ ރައީސް ޔާމީން ނުވަތަ އަޅުގަނޑު އިންނަން ޖެހޭ ތަނެއް ނޫން."
ފާހަގަކޮށްލަން ޖެހެނީ ޔަގީނަށް ވެސް ރައީސްގެ ކުލަގަދަ ހަފުލާތަކަށް ވުރެ އަދީބަށް ޝަރަފްވެރިކުރެވުނު ހަވާ އާއި ކުލަބޮކީގެ ހަފުލާތައް ފާއިތުވި ދެ ތިން މަހެއްހާ ދުވަސް ތެރޭގައި މާ ގިނަ ކަމެވެ. ކޮންމެ އިވެންޓަކީ ނައިބު ރައީސް ވަޑައިގަންނަވަން ނުޖެހޭ އިވެންޓަކަށް ވިޔަސް އިހަކާ ޖެހެން ދެން "މުޅި ގައުމުގައި އޮތީ ބްރޯގެ ދެ ފައޭ" ނޫން ހެއްޔެވެ؟
އެހެންވީމަ ގައުމުގެ ރައީސަށް އަމާޒުކޮށް ދެވުނު ހަމަލާއާއެކު ނައިބު ރައީސް އެ ބޭފުޅާގެ "އަސްލު" މަގާމާއި ރަމްޒީބާރުތަކުގެ ތެރެއަށް އެނބުރި ވަޑައިގަތީތޯ އެވެ؟
"އަޅުގަނޑު ހުންނަވާނީ ރައީސް ޔާމީން އަޅުގަނޑު ބެހެއްޓެވި ހިސާބެއްގައި،" ނައިބު ރައީސް އަދީބު މި ދުވަސްކޮޅު އެންމެ ގިނައިން ވިދާޅުވަމުން ގެންދަވަނީ މިހެންނެވެ.
ނައިބު ރައީސްގެ އާދަޔާހިލާފު ބާރުތަކާއި އިމޭޖު ކުއްލިގޮތަކަށް ފަނޑުވެގެން ގޮސްފައިވާ ކަމުގެ އަސަރުތަކެއް ފެންނަން ފަށާފައިވާއިރު ފާހަގަކޮށްލަން ޖެހޭ އެހެން ވަރަށް މުހިންމު ކަމެއް ވެސް އެބައޮތެވެ.
އަދީބުގެ ދިފާއުގައި ޕީޕީއެމް ނުވަތަ ރައީސް ޔާމީން މިހާތަނަށް އެކައްޗެއް ވެސް ވިދާޅުވެއްޖެތޯ އެވެ؟ ޕީޕީއެމުން ވެސް ގޮވާލިހާ ވެސް ކަމަކީ ވަކި މީހަކަށް ތުހުމަތުގެ އިނގިލި ދިއްނުކުރުމަށެވެ.
އަނެއްކޮޅުން ރައީސް ޔާމީން އެ ވަނީ އަދީބުގެ ތެދުވެރިކަން އެ ބޭފުޅާ އަމިއްލަފުޅަށް ސާބިތުކޮށް ދެއްވުމަށް އިއްޔެ ގޮވާލައްވައިފަ އެވެ.