ރިޕޯޓް

އާބިޓްރަރީ ޑިޓެންޝަނަކަށްނުވޭ، މަރުހަލާތައް ވެސް ނުނިމޭ!

Oct 12, 2015
3
  • މި މައްސަލައިގައި ގޮތް ކިޔުމެއް އިހުތިސޯސް ވޯކިން ގްރޫޕަކަށް ނެތް
  • ޝަރީއަތުގައި އޮތް މައްސަލައަކަށް ވޯކިން ގްރޫޕަށް ގޮތް ނުކިޔޭނެ
  • ނަޝީދު ހުރީ ގާނޫނާ ހިލާފު ހައްޔަރެއްގައި ކަމަށް އަދި ނުބުނެވޭނެ

ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލައްވަފައި ހުންނެވީ އާބިޓްރަރީ ޑިޓެންޝަންއެއްގައިތޯ ނޫނީ ކޯޓަކުން އައި ހުކުމަކާއެކުތޯ ނުވަތަ ނޫންތޯ މިއީ ސުވާލެކެވެ. މި ސުވާލު އުފެދެނީ ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުނާއި އެމްޑީޕީއިން ދައްކާ ވާހަކައިންނެވެ.

އެ ވާހަކަތަކުން ސުވާލު އުފެދޭ ސަބަބު ނުކުންނަނީ ރައީސް ނަޝީދު ޖަލަށްލެވިފައި ވަނީ ޝަރުއީ ކޯޓެއްގައި ހިންގި ޝަރީއަތަކަށްފަހު އައި ހުކުމެއްގެ ތެރެއިން ކަމަށްވެފައި ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ވާހަކަ ދައްކަންޖެހޭ މައްސަލަތަަކަކީ އެއްވެސް ހެއްކެއް ނެތި ފިޔަވަޅެއްވެސް ނާޅައި ގާނޫނީ އިމުގެ ބޭރުން މީހަކު ހައްޔަރު ކޮށްގެން ގެންގޮސް ޖަލުގައި ބަންދުކޮށްފައި ހުންނަ މައްސަލަ ތަކުގައި ކަމަށްވާތީ އެވެ. – ރައީސް ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގި މައްސަލައަކީ އެ މައްސަލައަށް އދ. ވެސް އިއްތިފާގުވެފައިވާ މައްސަލަ އެކެވެ. --

ރައީސް ނަޝީދުގެ މައްޗަށް ޝަރީއަތެއްކޮށް މައްސަލަ ނިންމައިގެން އުޅެނީ ރާއްޖޭގެ ކްރިމިނަލް ކޯޓުންނެވެ. އެއީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި ދަށު މަރުހަލާގެ ކޯޓެކެވެ. ނިޒާމު އޮތް ގޮތުން އެ މައްސަލަ އަދި ޝަރުއީ މަރުހަލާގައި ބަލައި ނުނިމެ އެވެ. ސަބަބަކީ އިސްތިއުނާފު ކުރެވޭ ހައިކޯޓް މަރުހަލާއެއް އޮވެފައި އިލްތިމާސް ނޫނީ އިސްތިއުނާފެއް ކުރެވޭ އެންމެ މަތީ މަރުހަލާގެ ގޮތުގައި ސުޕްރީމް ކޯޓް އޮތުމުންނެވެ.
މީގެ މާނައަކީ ދަށު ކޯޓުން ނިމުމު މައްސަލައިގެ ތެރެއަށް އދ. ނޫނީ އެ ޖަމިއްޔާގެ ގުނަވަނަކުން ވަދެ ގޮތް ކިޔައި ހެދުމުގެ ޗާންސެއް އަދި އެއް ނެތެވެ. އެ ހާލަތު އަންނަނީ މި ސިސްޓަމްގެ ތެރެއިން އެކަން ނިމުމުންނެވެ. ގޮތް ކީ ކަމުގައި ވިޔަސް ވޯކިން ގްރޫޕަށް ގޮތް ކިޔާނެ ފުރުސަތު އޮތީހީ ރައީސް ނަޝީދުގެ މައްޗަށް އޮތް ޖަލު ހުކުމް ބާތިލުކޮށް އާބިޓްރަރީ ޑިޓެންޝަނެއްގައި ހުންނެވި ބޭފުޅެއް ކަމަށް މަތީ ކޯޓަކުން ކަނޑައަޅައފި ނަމަ އެވެ. ރައީސް ނަޝީދަކީ އާބިޓްރަރީ ޑިޓެންޝަންގައި ހުންނެވި ބޭފުޅެއް ކަމެއް ކޯޓަކުން އަދިއެއް ކަނޑައެއް ނާޅަ އެވެ.

އާބިޓްރަރީ ޑިޓެންޝަންގެ މައްސަލައެއް ދިމާވެއްޖެ ނަމަ ވޯކިން ގްރޫޕުން އަމަލު ކުރަން ޖެހޭ ޕްރޮސީޖަރަލް ގޮތްތަކެއް ހުރެ އެވެ.
އޭގެ ތެރެއިން އެއް ކަމަކީ އެ ހާލަތު މެދުވެރިވެފައިވޭތޯ ޝައްކު ނެތް މިންވަރަށް ކަށަވަރު ކުރުމެވެ. އެ ހާލަތީ ތުހުމަތެއް ކުރެވޭ ކަމެއް ވެސް ނެތި އެކަން ކަމާ ގުޅޭ ހެކި ވެސް ނެތި އަދި ޝަރުއީ ހުކުމަކާ ނުލައި މީހާގެ މިނިވަންކަން ގެއްލޭ ގޮތަށް ގާނޫނޫނުގެ އިމުން ބޭރުން މީހާ ހައްޔަރުކޮށް ބެހެއްޓުމެވެ. އެއީ ކޮންމެހެން ޖަލު ހައްޔަރަކަށް ވެސް ވާކަށް ނުޖެހެ އެވެ.

ރައީސް ނަޝީދުގެ މައްސަލައަކީ އެ ހާލަތު ކަށަވަރު ކޮށްދޭ މައްސަލައެއް ހެއްޔެވެ؟

އިނޓަނޭޝަަލް ޕޮލިޓިކްސްގެ ތަޖުރިބަކާރަކު ވިދާޅުވި ގޮތުގައި ފަހަރެއްގައި ރައީސް ނަޝީދުގެ މައްޗަށް ރާއްޖޭގެ ކްރިމިނަލް ކޯޓްގައި ހިންގި ޝަރީއަތް އެއީ އެންމެ ރަނގަޅަށް ހިނގާފައިވާ ޝަރީއަތަކަށް ނުވެދާނެ އެވެ. އެކަމަކު އެއީ ރައީސް ނަޝީދު ހުންނެވީ އާބިޓްރަރީ ޑިޓެންޝަނެއްގައި ކަމަށް ކަނޑައެޅޭނެ ކަމެއް ނޫނެވެ. އެކަން އދ. ގެ ވޯކިން ގްރޫޕަަކަށް ވެސް ކަނޑައެއް ނޭޅޭނެ އެވެ.
ސަބަބަކީ އެ އިހްތިސޯސް އެ ގްރޫޕަށް ނޯންނާނެތީ އެވެ. އެކަން ކަނޑައެޅުން އޮތީ ރާއްޖޭގެ އިހްތިސޯސް ހިނގާ މަތީ ކޯޓަކަށެވެ.

"އެކަން ކަނޑައަޅަން އޮތް ފުރުސަތު ރައީސް ނަޝީދުގެ ފަރާތްޕުޅަކުން ބޭނުން ފުޅެއް ނުކުރައްވާ. އޭގެ ބަދަލުގައި ޕީޖީ އިސްތިއުނާފުކޮށް ދެއްވީމާވެސް ކޯޓަށް ވަޑައިގެން ވިދާޅުވީ މިއީ ތިމަން މަނިކުފާނު އިސްތިއުނާ ކުރި މައްސަލައެއް ނޫނެ. ކުރަން ބޭނުންވާ މައްސަލައެއް ނޫނޭ. އެހެންވީމާ މަތީ ކޯޓަކުން ހޯދެން އޮތް ކަށަވަރުކަން ވެސް ވަނީ އަމިއްލަފުޅަށް ހަނި ކުރައްވާފައި، އަދިވެސް އެ މަރުހަލާ އެބައޮތް،"

އާބިޓްރަރީ ޑިޓެންޝަން މައްސަލައެއް މުތުލަގަށް އަތުވެއްޖެނަމަ ވޯކިން ގްރޫޕުން ކުރަންޖެހޭ އަނެއް ކަމަކީ ސަރުކާރާއި އެކަންކަމާ ގުޅޭ ސަރުކާރާ ގުޅުންހުރި ދާއިރާތަކުން ގުޅިގެން މައުލޫމާތު ހޯދުމެވެ. އަދި ހޯދާ ހުރިހާ ހޯދުމެއްގައި ސިއްރު ހިފަހައްޓައި މިނިވަން ކަމާއެކު މަސައްކަތް ކުރަމުން ދިއުމާއެކު މައްސަލައާ ބެހޭ ގޮތުން ދޭ ރެކޮމެންޑޭޝަންތައް އދ. ހިއުމަން ރައިޓްސް ބޮޑީއަށް ފޮނުވާ އެނުއަލް ރިޕޯޓެއްގައި ހިމެނުމެވެ. ވަކި ގޮތަކަށް ބައްޓަންކޮށް ފިޔަވަޅު އަޅަން ގޮވާލައި ޝަރުއީ ބަންދެއްގައި ހުރި މީހަކު މިނިވަން ކުރަން ގޮވާލަ ހެދުމެއް ނޯވެއެވެ.

"އެހެނެއްނޫން ރެކޮމެންޑޭޝަން ލިޔެވޭނެ. މިސާލަކަށް ސުލްހަވަރި ހައްލަކީ މިިނިވަން ކުރުން ކަމަށް. ގެއްލުމެއް ވެފައި އޮތްނަމަ ބަދަލެއް ދިނުމަށް މިހުރީ ރެކޮމެންޑް ކުރެވިދާނެ ކަންކަން، އެކަމަކު ވޯކިން ގްރޫޕްގެ މި މައްސަލަ އާބިޓްރަރީ ޑިޓެންޝަނަަށް ނުވާއިރު ޝަރުއީ ކޯޓެއްގެ ހުުކުމެއް، އަދި އަމުދުން ޕްރޮސެސް ނުނިމި އޮތް ހުކުމެއް ބާތިލެކޭ ބުނެވޭނެ ހަމައެއް ނެތް،"

ވޯކިން ގްރޫޕަކީ ބެނިންގެ ބޭފުޅާކާއި ރިޕަބްލިކް އޮފް ކެރެއާގެ ބޭފުޅަކާއި އޮސްޓްރޭލިޔާގެ ބޭފުޅަކާއި ޔޫކުރޭން އަދި މެކްސިކޯގެ ބޭފުޅެއްގެ މައްޗަށް އޮންނަ އދ. ކުޑަ ގްރޫޕްކެކެވެ. މި ގުނަވަނަކީ އދ. ހިއުމަންރައިޓްސް ބޮޑީގެ ތެރެއިން ހަރަކާތްކުރާ ގްރޫޕެކެވެ. ގްުރޫޕްގެ އަސްލު އޮންނާނީ ހިއުމަން ރައިޓްސް ބޮޑީގަ އެވެ.

އާބިޓްރަރީ ޑިޓެންޝަން މައްސަލައެއް ރާއްޖޭގައި ވިޔަސް އަދި އެެހެން ގައުމެއްގައި ނަމަވެސް ދިމާވެ ވޯކިން ގްރޫޕްގެ ސަމާލު ކަމަށް ގޮސް މައްސަލައިގެ ތެރެއަށް ފުރަަތަމަ ފީނައި ގަތުމުގެ ކުރިން އެއް ކަމެއް ފުރިހަމަ ކުރަންޖެހެ އެވެ. އެކަމަކީ އެ ގައުމެއްގައި ހިއުމަރައިޓް ކޮމިޝަނެއް ފަންކަޝަން ކުރޭތޯ އާއި މައްސަލަ އެތަނަށް ހުށަހެޅި ބަލައި ރިޕޯޓެއް ތައްޔާރުކޮށްފައި އޮތްތޯ ބެލުމެވެ.
ރާއްޖޭގެ މައްސަލަ ބަލާއިރު އެކަމެއް ހިނގާފައެއް ނެތެވެ.

"އެއިން އެއްވެސް ކަމެއް ހިނގިތޯ ބަލާފައެއް ވެސް ނެތް. އަދި އެކަހަލަ ކަމެއް ނުވެސް ހިނގާ އެހެންވީމާ ވޯކިން ގްރޫޕްގެ މަސައްކަތް އޮތީ އިހުތިސޯސުން ވެސް ބޭރުގައި. އަދި ޕްރިސީޖާ ކޯޑްތަކުން ވެސް ބޭރުގައި،" މީގެ ކުރީގެ ސަރުކާރެއްގައި އދ. ގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބި ވަޑައިގެންފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

ކޮންމެ ގޮތަކަށް އޮތަސް ވޯކިން ގްރޫޕަށް ލިޔެވޭނީ ރިކޮމެންޑޭޝަނެކެވެ. އެ ރިކޮމެންޑޭޝަން ވާންޖެހޭނީ ރައްދުވާ ފަރާތާ ލިބޭ ފަރާތުގެ އެއްބާރުލުން އޮވެގެން މިނިވަން ކަންމަތީ ސިއްރު ހިފަހައްޓައިގެން ގެންދާ ޕްރޮސެސްއަކަށެވެ. އޭގައި ލިޔައި ރިކޮމެންޑޭޝަނެއްގެ މައްޗަށް ބަލައި ފިޔަަޅެއް އަޅަންޖެހޭހާލަތެއް އަބިޓްރަރީ ޑިޓެންޝަނެއްކަން ކޯޓަކުން އެސްޓަބްލިޝް ނުކުރެވޭ ކަމެއްގައި ނާންނާނެ އެވެ.
"މިސާލަކަށް އެވަރު ލާޒިމް ޕްރެޝަރުހުރި ކަމެއް ނަމަ އެމްޑީޕީން ރާއްޖެއަށް ފިޔަަޅު އަޅަން ގޮވާލަ ގޮވާލާ ތިބޭކަށް ނުޖެހޭނެ. އދ. ގުނަވަނެއްގެ ނިންމުން އދ. އިން ތަންފީޒު ކުރާނެ،" އޭނާ ވިދާޅުވި އެވެ.