ދުނިޔެ

ތޫފާން ސެލީ އެމެރިކާގެ ބައެއް އައްސޭރިތައް ދޮވެލައިފި

ބާރު ގަދަ ތޫފާން "ސެލީ" އެމެރިކާގެ އަލަބާމާ އާއި ފްލޮރިޑާގެ އައްސޭރިފަށަށް އަރައި ބޮޑު ބައެއް "ދޮވެ" ލައިފި އެވެ. އެމެރިކާގެ ނެޝަނަލް ހަރިކޭން ސެންޓަރު (އެންއެޗްސީ) އިން ބުނި ގޮތުގައި މިއީ ތާރީހީ ކުއްލި މުސީބާތެއް ފަދަަ ތޫފާނެކެވެ. މިދިޔަ ބުދަ ދުވަހު އަލަބާމާގެ ގަލްފް އައްސޭރިއަށް ސެލީ ތޫފާން އެރީ ދެވަނަ ދަރަޖައިގެ ތޫފާނެއްގެ ގޮތުގަ އެވެ.

ޕެންސަކޯލާއަށް އެރި ތޫފާނުގައި ވައި އެންމެ ބާރުވި އިރު ގަޑިއަކު 77 މޭލުގެ ބާރުމިނަށް ވައި ޖެހުނެވެ. އޭގެ ފަހުން މޫސުމީ ތޫފާނަކަށް ބަދަލުވެ ވައިޖެހޭ ވަރު ވަނީ ގަޑިއަކު 70 މޭލަށް ދަށްވެފަ އެވެ. ރައްކާތެރި ސަރަހައްދުތަކަށް މީހުން ބަދަލު ކުރުމުގެ މަސައްކަތް ހުއްޓާ ނުލައި ދަނީ ކުރަމުންނެވެ.

ފްލޮރިޑާގެ ޕެންސަކޯލާގެ އައްސޭރިފަށުގައި ވަނީ ފަސް ފޫޓަށް ފެންބޮޑުވެފަ އެވެ. މަގުތަކާއި ފާލަންތަކަށް ބޮޑެތި ގެއްލުން ލިބުމާއި ގުޅިގެން ދަތުރުފަތުރުތަކަށް ވެސް ވަނީ ހުރަސް އެޅިފަ އެވެ. ޕެންސަކޯލާގެ ފަސް ލައްކަ އަށްވުރެ ގިނަ ގެ އާއި ވިޔަފާރިކުރާ ތަންތަނުން ވަނީ ކަރަންޓުގެ ހިދުމަތް ވެސް ކެނޑިފަ އެވެ. އެތަކެއް ހާސް ގަސްގަހާގެހި މުލުން ލުހި ވެއްޓިފައި ވުމުގެ ސަބަބުން ކަރަންޓް ދިނުމުގައި ބޭނުންކުރާ ކޭބަލްތައް ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

ފްލޮރިޑާގެ ގަވަރްނާ ރޮން ޑީސަންޓިސް ވިދާޅުވީ ޕެންސަކޯލާ ބޭ ބްރިޖް ނުވަތަ ތްރީ މެއިލް ބްރިޖްގެ ބޮޑު ބަޔަކަށް ވީނުވީ ގޮތެއް ނޭނގޭ ކަމަށެވެ. ތޫފާން މިހާރު ދަތުރު ކުރަމުން ދަނީ އަލަބާމާ އާއި ފްލޮރިޑާގެ ބޯޑަރާއި ދިމާލަށެވެ އަދި ލަފާކުރެވިފައި ވަނީ ތޫފާނުގެ ބާރު އިތުރަށް ގަދަވާނެ ކަމަށާއި ތޫފާން ދަތުރު ކުރަނީ އުތުރުގެ ގަލްފް ކޯސްޓަށް ކަމަށެވެ.

އަލަބާމާގެ ގަވަރްނާ ކޭ އިވޭ އާންމުންނަށް ގޮވާލެއްވީ ކޮމެހެން ޒަރޫރީ ކަމެއްގައި ނޫނީ ގެއިން ބޭރަށް ނުނުކުތުމަށެވެ. އަދި ވެއްޓެން ކައިރިވެފައިވާ ގަސްގަހާއި ގެއްސާއި ކައިރި ނުވުވުމަށާއި ކަރަންޓް ކޭބަލް ތަކާއި ކައިރިއަށް ނުދިއުމަށެވެ.

ތޫފާންގެ ސަބަބުން ގަލްފް އޮފް މެކްސިކޯގެ އޯފް ޝޯގެ ތެލާއި ގޭސް އުފެއްދުން ހަތަރު ބައި ކުޅަ އެއްބަޔައް މަދުވެފައެވެ. މި ތޫފާނުގައި ލިބުނު ގެއްލުން ތިން ބިލިއަން ޑޮލަރަށް އަރާނެ ކަމަށް މޫސުމީ ތޫފާންތަކާއި ތޫފާން ތަކުން ލިބޭ ގެއްލުމުގެ ދިރާސާ ކުރާ އެންކީ ރިސާޗުން ބުނެފައި ވެއެވެ.