ރާއްޖެއިން ބޭރަށް ދާ ކޮންމެ ފަހަރަކު ވާވަރަށް ޝޮޕިން ކުރަން ހެއްޔެވެ؟ ދެވަނަ ދަތުރަަކު ދެވެން ދެން ފުދޭ ވަރަށް އަންނައުނާއި ބޫޓާއި ދަބަސް ހޯދަން ހެއްޔެވެ؟ އެ ގޮތަށް ޝޮޕިން ކުރުމަކީ ވަރަށް ގިނަ ބަޔަކުގެ އާދައެކެވެ. މާލޭގައި އަންނައުނު ވިއްކާ ފިހާރަތަކުގެ އަގުތައް ފަލަ ކަމުގެ ޝަކުވާ އާއި ބޭނުންވާ ފަހުގެ ފެޝަނާއި ސައިޒު ނުލިބުމުގެ ޝަކުވާއާއި ފޫހިކަން ބޮޑުކަމަކަށް ވެފައިވާ އޮވެ އެވެ. އެހެންވެ ބޭރުން ދެވޭ ފަހަރެއްގައި ވިއްޔާ ވާވަރަށް ޝޮޕިން ކުރަން ޖެހެނީ އެވެ.
އިންޑިއާއަށާއި ލަންކާއަށް ބޭހަށް ވިޔަސް ދެވިއްޖެއްޔާ ޝޮޕިންއަކީ ދިވެހިންނަށް ދަތުރުގެ ވަރަށް ބޮޑު ބަޔެކެވެ. ބައެއް މީހުން ބުނާ ގޮތުގައި އެއީ ބައެއް ބަލި ބަލިބައްޔަށް ބޭހަކަށް ވެއެވެ. ފަހުގެ ޓްރެންޑާއި ޒަމާނީ ފެޝަނަށް ހެދުން އެޅުމަކީ އެންމެންހެން ލޯބިކުރާ ކަމެކެވެ. އެކަމަކު އެކަމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ފައިސާ އެވެ. ފަހުގެ ފެޝަން ހުރިހާ އުމުރަކަށް އަހަރުމެންގެ އަތްފޯރާ ހިސާބަށް ގެނެސްދިން އެކަކީ ހުސެއިން ޝީހާން ޝަމީމެވެ.
ޝީހާނަކީ މ. ކޮޅުފުށީ މީހަކަސް ދިރިއުޅުން މާލޭގައި އޮންނަ މީހެކެވެ. އޭނާގެ ކުޑައިރުއްސުރެ ދެކޭ އެއް ހުވަފެން އޮވެއެވެ. ވިޔަފާރިއެއް ފަށައި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ބޭނުމުގައެވެ. އަދި އަމިއްލަ ވިޔަފާރިއަކުން ކުރި ހޯދާށެވެ. އެކަން އޭނާ ކޮށްފި އެވެ.
ރާއްޖޭން ބޭރަށް ކުރި ދަތުރުއަކުން އޭނާއަށް ލިބުނު ހިޔާލަކާއެކު ޝީހާން އޭނާގެ "ޗޮކްލެޓް" ފިހާރަތައް މާލޭގައި ހުޅުވާ ވިޔަފާރި ފަށައިގަތެވެ. ޗޮކްލެޓޭ ބުންޏަސް ވިއްކަނީ އަނގަޔަށް ވިރޭ މީރު ޗޮކްލެޓެއް ނޫނެވެ. މި ޗޮކްލެޓަކީ އަންނައުނެވެ. ފަސޭހައިން ކުރެވޭނެ އަދި އަބަދުވެސް ޑިމާންޑް އޮންނާނެ އެއްޗަކީ ފަހުގެ ފެޝަންކަން އޭނާއަށް އެނގުނީ އެވެ. އަންހެން ފިރިހެން އަދި ކުޑަކުދިންނަށް ހާއްސަ ފަހުގެ ފެޝަންތަކެވެ. އޭނާގެ އައިޑިއާ އަކީ ޗޮކްލެޓެއް ކާލާހާ އުފާވެރިކަން ކަސްޓަމަރަށް ގެނެސްދޭން ޖީބަށް ލުއިކޮށް ދިނުމެވެ. ރީތިވުމާއި. ސްޓައިލް ވުމާއި އަގު ހެޔޮ ވުމަކީ އޭނާގެ "ޗޮކްލެޓް" ގެ ކޮންސެޕްޓެވެ.
ދެހާސް ފަނަރައިގައި އޭނާ ފަށައިގަތް މި ވިޔަފާރީގައި މިހާރު ހަތް ފިހާރަ މާލޭގެ އެކި ތަންތަނުގައި އެބަހުއްޓެވެ. މީގެ އިތުރުން ރަށްރަށުގެ ފިހާރަތަކަށް ހޯލްސޭލްކޮށް އަންނައުނާއި ފައިވާނާއި ދަބަސް ފަދަ ތަކެތި ބޯޓަށް އަރުވައި ދެއެވެ.
"2015 ގައި ފުރަތަމަ އަލަށް ފިހަރާއެއް ހުޅުވުމަށް މަސައްކަތް ފެށީ. މިއީ ކުޑަ އިންވެސްޓްމެންޓަކުން ފެށޭނެ ކަމަކަށްވާތީ. މާލޭގައި އެންމެ ބޮޑު އެއްކަމަކީ ވަކި ފޮއްޗަކުން ފަހުގެ ގޮތަށް ކިރިޔާވެސް ފެޝަން ހިނގަންޏާ އަގަށް ވަރަށް ބޮޑަށް މާޖިންއެއް ލާފައި ވިއްކަނީ. 'ޗޮކްލެޓް' ގެ ފިލޯސޮފީއަކަށް ވީ ކިތަންމެ ރީއްޗަސް ލިބޭ އަގަށް ކަނޑައަޅާފައިވާ މާޖިން ލާފައި ވިއްކުން" އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ޗޮކްލެޓެއް ނުވިއްކާއިރު އޭނާގެ ފިހަރާއަށް "ޗޮކްލެޓް" ކިޔަން ނިންމީ އަންނައުނާއި ނުގުޅޭ އަދި ޖެނެރިކް ނަމެއް ކިޔާށެވެ. އަދި ގިނަބަޔަކަށް ކަމުދާ އެއްޗެއްގެ ނަން ކިޔައި ދިވެހިންނަށް ލާ ހިތްވާ ލައިގެން އުޅެން ފަސޭހަ އަންނައުނެއް ހެޔޮއަގެއްގައި ރާއްޖެ ގެނެސް ވިއްކާށެވެ.
"ޗޮކްލެޓެއް ކާލާ ކަހަލަ ހިތްހަމަޖެހުމެއް ގެނެސްދޭން ބޭނުންވީ! ޖެނެރެކް ނަމެއް ގާމެންޓާއި ނުގުޅޭ ނަމެއް ކިޔަން ބޭނުންވީ... ޗޮކުލެޓުގެ އެންމެ ހިނގަނީ ކުޑަކުދިންގެ ސެކްޝަންހެން ހީވަނީ. ނަމަވެސް ބޮޑެތި މީހުންގެ ސިލެކްޝަން ވެސް ހިނގާ. ހުރިހާ އެއްޗެއް ގެންނަން މުޅިއަކު ފަސް ގައުމަކުން. ހެދުމާއި، ޓޮޕާއި ޖިންސާއި ޓީޝާޓް، ބޯޑް ޝޯޓްސް އަދި ބެލްޓް މިހެން ގޮސް މުޅި ވޯޑްރޯބެއް އެއްކޮށްހެން ލިބޭ ގޮތަށް ސިލެކްޝަން ގެންނަނީ"
ކުޑަދުވަސް ކޮޅެއްގައި މިހާ ހިސާބަށް އައުމަށް ޝީހާން ވަރަށް ބުރަ މަސައްކަތް ކުރި އެވެ: "ފަށަން ފަސޭހައަސް ވަރަށް ބޮޑު މަސައްކަތެއް ފިހާރަތަށް މެނޭޖްކޮށް ބެލެހެއްޓުމަކީ. އާއިލާގެ އެހީތެރިކަން އަދި ސަޕޯޓް ވަރަށް ބޮޑު. މިހާރު 25 މުވައްޒަފުން ވެސް ގެންގުޅެން،"
ވިޔަފާރީގައި އަބަދުވެސް ބުނާ އެއްޗެއް އޮވެއެވެ. އެއީ ލޮކޭޝަނެވެ. އެކަމަކު ލޮކޭޝަނަކީ އެކަނި ކާމިޔާބު ކަމަށްކަށް ނުދެކޭ ކަމުގައި ޝީހާން ދެކެ އެވެ.
"އެންމެ މުހިއްމީ ވެލިއު ފޯ މަނީ. ވޯތް ޝޮޕިން އެއް ކޮށްލެވުން. ޗޮކުލެޓުން މި އަންނަނީ އެ ތަފާތު ގެންނަމުން. ޗޮކްލެޓްގެ ފިހާރަތައް މާލޭގައި ހުރިހާ ސަރަހައްދެއްގައިހެން ހުންނާނެ. ބޮޑަށް ފޯކަސް ކުރީ ސެންޓްރަލް އޭރިއާގައި ބަހައްޓަން ގިނަ މީހުންނަށް ފަސޭހައިން އެކްސަސް ވެވޭ ގޮތަށް. އެކަމު މިހާރު ޗޮކްލެޓުުގެ އެންމެ ބޮޑު ފިހާރަ މިފަހުން މިހުޅުވީ މާލޭގެ ކަޅުހުރާމަގުގައި،"
ޝީހާން ބުނި ގޮތުގައި ގާމެންޓް އިންޑަސްޓްރީއަކީ ވާދަވެރި އިންޑަސްޓްރީއެކެވެ. އޭނާ ކުރިރިން އޮންލައިންކޮށް ވިޔަފާރިއެއް ނުކުރެ އެވެ. އެކަމު ލޮކްޑައުންގައި މީހުންގެ ރިކުއެސްޓްތަކަށް ހާއްސަކޮށް ރަށްރަށަށް ފޮނުވަން ފޭސްބުކް މެދުވެރިކޮށް ކޮންމެވެސް ވަރަކަށް މި ހިދުމަތްވެސް ދެ އެވެ. އޭނާގެ ވިސްނުމަކީ އަދިވެސް މި މާކެޓްގައި ކުރިއަށް ދިއުމެވެ.
"އަދިވެސް މާކެޓްގައި ކުރިއަށް ދާން ފުރުސަތު އެބައޮތް. ގާމެންޓް އިންޑަސްޓްރީގައި އަންޓަޗްޑް އޭރިއާސް އެބަހުރި. މިސާލަކަށް އަދި އޮތީ ފޮތިވެސް. ކޮންމެވެސް ވަރަކަށް ފިހާރަތަކުގައި ފޮތި ހުރޭ."
ޝީހާންގެ ވިސްނުމަކީ އޭނާ ކުޑައިރު ދެކުނު މި ހުވަފެން ކާމިޔާބު ކުރުމެވެ. އަމިއްލަ ވިޔަފާރި ފުޅާކުރުުމެވެ. ކޮމްޕެޓިޝަން އަކަށް ބަލަނީ އެ ހުވަފެން ކަމުގައި ކަމުގައި އޭނާ ބުންޏެވެ. އަސްލުވެސް މި ޗޮކްލެޓް ތަފާތެވެ.