އަފްޣާނިސްތާނުގައި ތާލިބާނުން ސަރުކާރުގެ ސިފައިންނަށް އަމާޒުކޮށް ހަމަލާތަކެއްދީ ބަޔަކު މަރާލައިފި އެވެ.
މި ހަމަލަތައް ދީފައި ވަނީ ނަންގަހާރް ޕްރޮވިންސްގެ ތިން އަވަށަކަށެވެ. ނަންގަހާރުގެ ގަވަރުނަރުގެ ތަރުޖަމާން އަތާއުއްލާ ހޮގްޔަނީ އޭއެފްޕީ އާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި ބުދަ ދުވަހުގެ ރޭ ހަމަލަ ބަދަލު ކުރީ ނަންގަހާރް ޕްރޮވިންސްގެ ތިން އަވަށެއްގަ އެވެ. ތާލިބާނުން ކުއްލިއަކަށް ސަރުކާރުގެ ސިފައިންގެ އެތައް ޗެކް ޕޮއިންޓަކާއި ސަރުކާރަށް ތާއީދު ކުރާ ހަނގުރާމަވެރިން ނަށް ވަނީ ހަމަލަ ދިނީ އެވެ.
އޭނާ ވިދާޅުވީ ހެސަރަކް އަވަށުގައި އަފްޣާން ސިފައިންގެ 11 މީހަކު މަރުވެފައިވާ ކަމަށެވެ. އަދި ހޮގްޔަނީގައި ސަރުކާރަށް ތާއީދު ކުރާ ހަނގުރާމަވެރިންގެ ތެރެއިން އަށް މީހަކު މަރުވި އިރު މި ހަމަލަ ތަކުގައި ތާލިބާންގެ 30 މީހަކު ވެސް މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެ އަދަދާ ބެހޭގޮތުން ތާލިބާނުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެެެ
އަފްޣާންގެ ވަގުތީ ޑިފެންސް މިނިސްޓާ އަސަދުﷲ ހާލިދު ވިދާޅުވީ ސަރުކާރު ސިފައިންގެ ފަރާތުން އެއްވެސް ހަމަލައެއް އިސްވެ ނުދޭ ކަމަށެވެ. އެކަމަކު ދުޝްމަނުން ނުކުމެ އޮހުރުވާލީ އަފްޣާނިސްތާނުގެ ރައްޔިތުންގެ ލޭ ކަމަށެވެ. މި ހަަމަލަތައް މި އައީ އަފްޣާން ސަރުކާރާއި ތާލިބާނުންގެ މެދުގައި އޮތް ހަމަނުޖެހުންތަކަށް ނިމުމެއް ގެނައުމަށް ގަތަރުގެ ދޯހާ ގައި ސަމިޓެއް ބޭއްވުމާއި ވެސް ދިމާކޮށެވެ.
އަފްއާން ސަރުކާރާއި ތާލިބާނުން މިދިޔަ ހޯމަ ދުވަހު ބައްދަލު ކުރީ ކުށްވެރިން ބަދަލުކުރުމާބެހޭ ގޮތުން ދެފަރާތުގެ ދެމެދުގައި އެތައް މަހެއް ވަންދެން ދެކެވުނު ވާހަކަތަކުގައި އެއްބަަަަަަަަަސްވުމަކަށް ނާދެވި އޮއްވަ އެވެ. ބައްދަލުވުން ބޭއްވީ މިއަހަރުގެ ފެެބްރުއަރީ މަހު ތާލިބާން އާއި އެމެރިކާ އާއި ދެމެދު ވެވުނު އެއްބަސްވުމަކަށްފަހު، ފަހަތުގައި އެމެރިކާ އޮވެގެނެވެ.
އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ހާއްސަ މަންދޫބު ޒަލްމޭ ހަލީލްޒާދު ވިދާޅުވީ ދެ ފަރާތުގެ މަޝްވަރާތަކުގެ ސަބަބުން އަފްޣާން ގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް އަންނާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އަދިވެސް ވަރަށް ގިނަ ގޮންޖެހުންތައް ހުރިކަމަށް އޭނަ ވިދާޅުވެފައި ވެއެވެ.