ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަަދި ގައުމީ ހިދުމަތްތެރިޔާ ހުސައިން މުހައްމަދުގެ ހަނދާނުގައި ތައުބީނުގެ ޖަލްސާއެއް ބާއްވައިފި އެވެ. ހުސައިން ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީން އިންތިޒާމުކޮށް މިރޭ ބޭއްވި ތައުބީނުގެ ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ ވާޗުއަލްކޮށެވެ.
މިރޭގެ ތައުބީނުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނާއިބް ރައީސް ފައިސަލް ނަސީމުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޖުމްހޫރީ ޕާޓީ ތަމްސީލްކުރައްވާ މިނިސްޓަރުންނާއި އެ ޕާޓީގެ ކައުންސިލް މެންބަރުންވެސް ބައިވެރިވެފައިވެއެވެ.
ތައުބީނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ހުސައިން މުހައްމަދާއެކު ކުރެއްވުނު ބައެއް ތަޖުރިބާތައް ހިއްސާކުރައްވާފައެވެ. ރައީސް ވިދާޅުވީ މީގެ 32 އަހަރުގެ ކުރިން ޓީވީއެެމްގައި އެމަނިކުފާނު މަސައްކަތް ކުރެއްވިއިރު ހުސައިން އަކީ އެމަނިކުފާނުގެ ވެރިއެއް ކަމަަށެވެ. ޓީވީގައި މަސައްކަތް ކުރެއްވި ދުވަސްވަރު ލީޑާޝިޕްގެ ގިނަ ހުނަރުތަކެއް ލިބިގެންދިޔައީ ހުސައިންގެ ފަރާތްޕުޅުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި އޭގެ ފަހުން ސިޔާސީ މައިދާނުގައި ހޭދަކުރެއްވި ދުވަސްތަކުގައި ހުސައިންގެ އެހީތެރިކަން އިންތިހާއަށް ލިބިގެންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުގެ ދުވަސްވަރު ދެ ބޭފުޅުން އެކުގައި ހައްޔަރުކުރައްވާ ދޫނިދޫ ޖަލުގައި އެއް ރޭ ހޭދަކުރައްވަން ޖެހިވަޑައިގެންނެވި ކަމަަށް ވިދާޅުވެ އެ ހަނދާންތައް އައު ކުރެއްވިއެވެ.
"އަޅުގަނޑު އެންމެ ފަހުން ހުސައިންއާ ވާހަކަ ދެއްކީ އަޅުގަނޑުމެންނާއި ވަކިވެ ދިއުމުގެ ހަފްތާއެއްހާ ދުވަސްކުރިން. އަޅުގަނޑު ފޯނުން ގުޅުމުން އެ ދުވަހުވެސް މިހާރު ކަންކަން ހުރި ގޮތާއިމެދު ވަރަށް ސާފުކޮށް ހުސައިންއަށް ފެނިވަޑައިގަންނަވާ އެއްޗެއް ވިދާޅުވި،" ހުސައިންނާ ގުޅޭގޮތުން ރައީސް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވަރަށް ގިނަ ބޭފުޅުން ވަނީ ހުސައިންއާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން އެކި އޮފީސްތަކުގައި ހުސައިންނާއެކު މަސައްކަތް ކުރެއްވި ބޭފުޅުންނާއި ސިޔާސީ މައިދާނުގައި އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
ހުސައިން މުހައްމަދު އަވަހާރަވީ ޓްރީޓޮޕްގައި ފަރުވާ ދެމުން ދަނިކޮށް މިމަހުގެ ތިންވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭރު އެމަނިކުފާނުގެ އުމުރުފުޅަކީ 71 އަހަރެވެ.
އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ އިތުރުން ސިޔާސީ އަދި މީޑިއާގެ ދާއިރާއިން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްފައިވާ ބޭފުޅެކެވެ. އެގޮތުން އއ. އަތޮޅުގެ މެމްބަރުކަން 2005 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާއި ހަމަޔަށް ކޮށްފައިވާއިރު 2009 އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމަޔަށް މަތިވެރި ދާއިރާގެ މެމްބަރުކަންވެސް ހުސައިން ވަނީ ކުރައްވާފަ އެވެ.
މީގެ އިތުރުން ވެސް ތައުލީމީ ދާއިރާއިން ވެސް ގިނަގުނަ ހިދުމަތް ކޮށްދީފައިވާއިރު ހުސައިން މުހައްމަދު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި ޑިރެކްޓަރުކަންވެސް ވަނީ ކުރައްވާފަ އެވެ. އަދި އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ)ގެ އެކިއެކި މަގާމުތައްވެސް ވަނީ ފުރުއްވާފަ އެވެ.
މީޑިއާ ދާއިރާއިން އޭނާ ވަނީ ޓެލެވިޒަން މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމާއި އެގްޒެކެޓިވް ޑިރެކްޓަރުކަން ކުރައްވައި ގައުމީ ޓީވީ އާއި ރޭޑީއޯ ހިންގެވުމުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. އޭނާ ވަނީ ރާއްޖޭގެ އެކި މީޑިއާތަކުގައި ނޫސްވެރިއެއްގެ ގޮތުންވެސް ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރައްވާފަ އެވެ.