ލައިފްސްޓައިލް

ވަޒީފާއިން ކަނޑާލުމަކީ ކޮންކަހަލަ އިހްސާސެއް؟

މި ދުވަސްކޮޅަކީ ރާއްޖޭގައި ވެސް މީސް މީހުން މަގާމުތަކުން ވަކިކުރެވި އެ ވާހަކަ ފަލަ ސުރުހީތަކަށް އަރަމުން އަންނަ ދުވަސްކޮޅެކެވެ. ދެން އެހެން ނޫނަސް މީހުންނަށް އެމީހުންގެ ވަޒީފާތައް ގެއްލުން ނުވަތަ ވަޒީފާތަކުން ކަނޑާލުމަކީ ކޮންމެ ދުވަހަކު ވެސް އިރު އަރައި އޮއްސިގެންދާ އުސޫލުން ގައުމުގެ އެކި ދިމަދިމާލުން ވަމުން އަންނަ ވަމުންދާނެ ކަންކަމެވެ.

އެކަމަކު އަހަރެމެންނަށް ނޭނގޭ ކަމަކީ ވަޒީފާ އިން ކަނޑައި އެއްލާލާ މީހާ ނުވަތަ ވަޒީފާ ގެއްލޭ މީހާ އަށް ކުރެވޭ އިހްސާސެވެ. ބޭރު ދުނިޔޭގެ ސުރުހީތަކަށް ބަލާލާއިރު މިފަހުން ކުއްލިއަކަށް ވަޒީފާ ގެއްލިގެން ދިޔަ ފަރާތަކަށް ބީބީސީގެ މަޝްހޫރު ޓޮޕް ގިއާގެ ސެލެބްރިޓީ ހޯސްޓް، ޖެރްމީ ކްލާކްސަންވާނެ އެވެ.

އެ ޝޯ ހޯސްޓް ކުރުމުގެ ވަޒީފާ އިން އޭނާ ކަނޑާލުމުން ޖެރެމީ ބުނެފައި ވަނީ އެއީ އޭނާގެ "ހަޔާތުގައި ބޮޑު ލޯވަޅެއް އެޅިގެން" ދިޔަ ކަމެއް ކަމަށެވެ. މިއީ މަޝްހޫރު ސެލެބްރިޓީއެއްގެ އިހްސާސްތައް ބަންޑުންވި ގޮތެވެ.

ބޭރު ދުނިޔޭގެ ޚަބަރުތަކަށް ޝައުގުވެރިވާ ނަމަ އެއާ ފްރާންސް އިން 2،900 ވަޒީފާ އުނިކުރަން ނިންމި ވާހަކައެއް ވެސް އޮންނާނީ އަޑުއަހައިފަ އެވެ. އެ 2،900 މީހުންނަށް އެކަން އެނގުނު ދުވަހު ކަންތައްވީ ގޮތް އެނގޭ ހެއްޔެވެ؟ ރުޅިއަރައިގަނެގެން ގޮސް އެއާ ފްރާންސްގެ އެގްޒެކެޓިވް ބޯޑްގެ ދެ މެންބަރަކަށް ހަމަލާ ދޭން މަސައްކަތްކުރީ އެވެ.

އެ ދެ އޮފިޝަލުން ސަލާމަތްވެ ވަޑައިގެންނެވި ނަމަވެސް ތުރުކުރައްވައިގެން ތިއްބެވި ގަމީސްތައް ވަނީ މުވައްޒަފުންގެ ހަމަލާތަކުގައި ވީދައިގެން ގޮސްފަ އެވެ.

އެހެންވީމަ މިއީ ބައެއް މީހުންނަށް ވަޒީފާ ގެއްލުން ނުވަތަ ވަޒީފާ ގެއްލެން އުޅޭކަން އެނގުމުން ކަންތައް ވެފައި ހުރި ގޮތް ނުވަތަ ވާ ގޮތެކެވެ. ނުވަތަ ބައެއް ހާލަތްތަކުގައި ވަޒީފާ ގެއްލިގެން ދަނީ ނުވެސް ދަނެއް ތިއްބަ އެވެ. މިސާލަކަށް މީގެ ފަހެއްކަ ފަސް ކުރިން ވަޒީރު ކަމުގެ މަގާމު ކުއްލި ގޮތަކަށް ގެއްލި ވަޑައިގެންނެވި އޭރުގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.

އެ ބޭފުޅާގެ ބޮޑުބޭބެ އަދި ކުރިން ނައިބު ރައީސަކަށް ހުންނެވި މުހައްމަދު ޖަމީލް އަހުމަދަށް އެ ބޭފުޅާގެ މަގާމު ގެއްލިވަޑައިގަތީ އަދި މިއާ މުޅިން ތަފާތު ގޮތަކަށެވެ. ޖަމީލަށް މަގާމު ގެއްލެއް އުޅުއްވާކަން އޮތީ އެ ބޭފުޅާ އަށާއި މުޅި ގައުމަށް ވެސް އެކަމެއް ހިނގުމުގެ އެތައް ދުވަހެއް ކުރިން އެނގިފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެ ބޭފުޅާގެ މަގާމު ގެއްލިވަޑައިގެންނެވި ދުވަހަކީ ވެސް ތަފާތު ޖަޒުބާތުތަކެއް ބަންޑުންކުރުވި ދުވަހެކެވެ. ނަޝީދު އަމިއްލަ އަށް އިސްތިއުފާ ދެއްވިއިރު ހުންނެވީ ނިކަން ގަދަ އަށް ހިނިފުޅުވަޑުވައިގެންނެވެ. ނުވަތަ އެތެރޭގައި ކެކިއަރަމުން ދިޔަ ޖަޒުބާތުތައް ފާޅުނުކުރެއްވުމަށް "މަޖުބޫރީ ހާލަތެއްގައި" ހިނިފުޅުވެޑުވީ އެވެ.

ކޮންމެއަކަސް ވަޒީފާ ގެއްލުމަކީ ނުވަތަ ވަޒީފާ އިން ކަނޑާލުމަކީ ބައެއް މީހުން ހިތްދަތިކަމެއްގެ ތެރެއަށް ދަމައިގެންދާ ކަމެކެވެ. ބައެއް މީހުން އެމީހުންގެ ވަޒީފާ އިން ކަނޑާލުމުން އެކަމާ ހިތާމަކޮށް އަމިއްލަ އަށް މަރުވެފައި ވެސް އެބަހުއްޓެވެ. އަދި ވަޒީފާ އިން ވަކިކުރާ ބައެއް މީހުންގެ ޖަޒުބާތުތައް މިއާ ދިމާ އިދިކޮޅަށް ވެސް ނުކުމެފައި އެބަހުއްޓެވެ.

"އަޅުގަނޑު މާ ދެރައެއް ނުވޭ އަޅުގަނޑު ކުރިން ވަޒީފާ އަދާކުރިތަނުން ކަނޑާލި ދުވަހު. ސަބަބަކީ އަޅުގަނޑު އޭރު އުޅެން ޖެހުނީ ހަމަ އަށް މުސާރަކޮޅު ނުލިބިގެން. އެހެންވީމަ އެ ޖޮބުގައި އުޅުނީ ކަނޑާލިޔަސް ވަރިހަމަ ކަމަށް ނިންމައިގެން،" އަމިއްލަ ކުންފުންޏެއްގައި ކުރިން މަސައްކަތްކުރަނިކޮށް ވަޒީފާ އިން ކަނޑާލި ޒުވާނަކު ބުނީ މިހެންނެވެ.

މިގޮތަށް ހިޔާލު ބަދަލުކުރި އެހެން ޒުވާނަކު ބުނީ ވަޒީފާ ގެއްލުމަކީ އޭނާ އަށް އާ ކަމަކަށް ނުވާތީ ވަޒީފާއެއް މިހާރު ގެއްލުނަސް ޖަޒުބާތެއްގައި އޭނާ ނުޖެހޭ ކަމަށެވެ.

"އަޅުގަނޑު މިހާރު މި ހުންނަނީ އާދަވެފަ. އެއީ ދެ ތިން ހަތަރު ތަނަކުން އަޅުގަނޑު ކަނޑާލި ކުރިން. އެންމެ ފުރަތަމަ އެގޮތަށް ވަޒީފާ ގެއްލުނުއިރު ދެރަވި،" އެ ޒުވާނާ ބުންޏެވެ.

"މިހާރު އެގޮތަށް ދެރަ ނުވިޔަސް ވަޒީފާ ގެއްލުމަކީ ހަގީގަތުގައި އެ ބަދުނަސީބެއް ކުރިމަތިވާ މީހެއްގެ ދިރިއުޅުމަށް ނިކަން ބޮޑު ބަދަލުތަކެއް އަންނާނެ ކަމެއް. މިސާލަކަށް ވަރަށް ގިނަ މީހުންގެ ގާތް އެކުވެރިން އަދި ލޯބިވެރިންގެ ގޮތުގައި ވެސް ތިބޭނީ އޮފީހުގައި މަސައްކަތްކުރާ މީހުން. މެންޓާއިން ގޮތުގައި ވެސް"

"ދެން މިވާ ގޮތަކީ ކުއްލިއަކަށް އެ އޮފީހަކުން މި މީހަކު ކަނޑާލީމަ އޭނާ އަށް އެ ގެއްލެނީ އެ އެންމެން. ކޮންމެ ދުވަހަކު ދިމާވެ އެކުގައި ސައިބޮއެ އަނގަތަޅައި މަޖާކުރާ ބަޔަކު ދިރިއުޅުމުން ގެއްލިގެން އެ ދަނީ. ދެން އަނެއްކާވެސް މި ޖެހެނީ އާ ވަޒީފާއަކަށް ގޮސް އަލުން ފަށަން."

އޭނާ ބުނީ އެފަދަ ބަދަލަކަށް ހޭނިގެން ދިއުމަކީ ކޮންމެ ކޮންމެ މީހަކަށް ފަސޭހަވެސް ވާނޭ ކަމެއް ނޫން ކަމަށެވެ. ސަބަބަކީ ނަފްސާނީ ގޮތުން ވެސް މީހާ އެކަމަށް ތައްޔާރުވާން ޖެހޭތީ ކަަމަށް އޭނާ ބުންޏެވެ.

ވަޒީފާއެއް ގެއްލުމުން ނަފްސާނީ ގޮތުން މީހާ އަށް ކުރާ އަސަރު ތަފާތުވާ ހާލަތްތަކެއް ވެސް އާދެ އެވެ. މިސާލަކަށް ބައެއް އޮފީސްތަކުން ބައެއް މީހުން އެމީހުންގެ ވަޒީފާތަކުން ކަނޑާލާފައި ހުންނަނީ ވަރަށް ކޫސަނި ނުވަތަ ތާކުންތާކު ނުޖެހޭ ކަންކަމުގަ އެވެ. މީގެ އިތުރުން ޒާތީ ތައައްސުބުގެ ތެރެއިން އޮންނަ ހަސަވެރިކަމެއްގެ ތެރެއިން ވެސް ބައެއް އޮފީސްތަކުގެ ވެރިން އެމީހުންގެ ދަށް މުވައްޒަފުން މަގާމުން ވަކިކޮށްފައި ހުރެ އެވެ.

މިފަދަ ހާލަތްތަކުގައި ވަޒީފާ ގެއްލޭ މީހާ އަށް ނަފްސާނީ ގޮތުން ކުރާނެ އަސަރު ބޮޑުވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މިސާލަކަށް ވަޒީފާ ގެއްލިގެން ދުނިޔޭގެ އެކި ގައުމުތަކުގައި މީހުން އަމިއްލަ އަށް މަރުވެފައި ވެސް އެބަހުއްޓެވެ. އިންޑިއާގެ އަވަށެއްގައި އެއްފަހަރަކު ޓީޗަރަކަށް ވެސް ވަޒީފާ ގެއްލިގެން އަމިއްލަ އަށް މަރުވެފައިވެ އެވެ.

ކުއްލިއަކަށް ވަޒީފާ ގެއްލުމަކީ ގިނަ ބަޔަކު ޑިޕްރެޝަންގެ ޝިކާރައަކަށް ވުމަށް ވެސް މަގުފަހިވާ ކަމެކެވެ.

ވަޒީފާ އިން ކަނޑާލީމަ ކުރެވިދާނެ ފަސް ކަމެއް!

- ޕެނިކް ނުވައްޗެވެ. ފޭސްބުކާއި ޓްވިޓާގައި ކުރީގެ ބޮސްއަށާއި ކުންފުންޏަށް އެއްޗެހި ގޮވުމުގެ ބޭނުމެއް ވެސް ނެތެވެ. ވިހާ ވެސް އަމާން އޮމާންކޮށް މި ބަދަލަކަށް މަރުހަބާ ކިޔަން މަސައްކަތްކުރާށެވެ.

- ބައެއް މީހުންނަކީ ރުންކުރު ރުޅިގަދަ މީހުން ކަމަށް ވުމުން ވަޒީފާ އިން ވަކިކުރެވޭ ހިނދު އޮފީހުގައި މަރާމާރީ ވެސް ހިންގާފައި އެބަހުއްޓެވެ. ތިމާ މީހާގެ އަމިއްލަ އަގު ހިފެހެއްޓުމަށް އެފަދަ އަމަލެއް ކޮންމެއަކަސް ނުކުރައްޗެވެ.

- ވަޒީފާ އިން ވަކިކުރާކަން އެނގޭއިރު ކުންފުނިން ބުނާހާ ގޮތަކަށް ދޭހާ އެއްޗެއްގައި ރަނގަޅަށް ނުބަލައި ސޮއި ނުކުރައްޗެވެ. ކަންތައް ވެފައި އޮންނަ ގޮތަކުން ހައްގުތަކެއް ގެއްލި ހައްގުތަކަށް ބަދަލު ހޯދުމުގެ ފުރުސަތު ވެސް ލިބިދާނެ އެވެ.

- ކުންފުނީގެ ވެރިންނާ ވާހަކަ ދައްކައިގެން ވަޒީފާ އިން ވަކިކުރުމުގެ ކަންތައް ރީތި ގޮތަކަށް ވެސް ނިންމިދާނެ އެވެ. މިސާލަކަށް ދެ ފަރާތް އެއްބަސްވެގެން ވަޒީފާގެ އެއްބަސްވުން އުވާ ވެސް ލެވިދާނެ އެވެ.

- ކުރީގެ ކޯ ވޯކަރުން ދޫކޮށްލާނެ ކަމެއް ނެތެވެ. ފަހަރެއްގައި އޭގެ ތެރެއިން ބައެއް މީހުންނަކީ ތިބާ އަށް އަލުން އެ ވަޒީފާ ނުވަތަ އާ ވަޒީފާއެއް ހޯދައި ދިނުމުގައި އެހީތެރިވެވިދާނެ މީހުންނެވެ. އެހެންވީމަ އެކުވެރިން ހޮވަން ޖެހޭނީ ވަރަށް ވެސް ވިސްނައިގެންނެވެ.