ހަބަރު

ރަން ފޯ މޯލްޑިވްސްގައި ވޯލްޑް ރެކޯޑެއް

Sep 18, 2020
2

ދުނިޔޭގެ ޓޫރިޒަމް ދުވަހާ ދިމާކޮށް މިމަހުގެ 27 ގައި ބާއްވާ ވާޗުއަލް ދުވުން، "ރަން ފޯ މޯލްޑިވްސް" ގެ ފަސް ކިލޯ މީޓަރުގެ ބައިގައި ދުނިޔޭގެ ރެކޯޑެއް ހަދަން ނިންމައިފި އެވެ.

ރަން ފޯ މޯލްޑިވްސްގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.

ރަން ފޯ މޯލްޑިވްސް އިންތިޒާމު ކުރާ، ޔުނިކްސް ސްޕޯޓިންގެ މެނޭޖިން ޑިރެކްޓަރު ރޭޝަން ޝަރީފް ވިދާޅުވި ގޮތުގައި ވާޗުލްކޮށް ބާއްވާ މި ދުވުމުގެ ފަސް ކިލޯ މީޓަރުގެ ބައިގައި ވާޗުއަލް ދުވުމެއްގައި އެންމެ ގިނަ މީހުން ބައިވެރިވުމުގެ ދުނިޔޭގެ ރެކޯޑް ހަދަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ލިޔެކިއުންތައް ގިނީސް ބުކް އޮފް ވޯލްޑް ރެކޯޑުން ފުރިހަމަ ކުރަމުންދާ ކަމަށެވެ.

"މިހާތަނަށް މީގެ ރެކޯޑެއް [ވާޗުއަލް 5 ކޭ] ހަދާފަ އެބައޮތް. އަޅުގަނޑުމެން މި ބަލަނީ އެ ރެކޯޑް މުގުރާލަން،" ރޭޝަން ވިދާޅުވި އެވެ.

މި ދުވުމަކީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އިން އެންޑޯޒްކޮށްފައިވާ އިވެންޓެކެވެ. މި އިވެންޓުގައި ރާއްޖޭގައި ހިންގާ މަޝްހޫރު ގިނަ ރިސޯޓުތަކާއި ގެސްޓްހައުސް ތަކުން ބައިވެރިވެފައި ވެއެވެ. އިވެންޓުން ހޮވޭ 20 ފަރާތަކަށް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މި ލަކީޑްރޯގައި ދެ ލައްކަ ޑޮލަރުގެ އިންޝުއަރެންސް ކަވަރޭޖެއް ދޭނެ އެވެ. ދުވުން ނޮވެމްބަރު 11 އިގެ ނިޔަލަށް ދެމިގެން ދާނެ އެވެ. ދުވުމުގައި ބައިވެރިވާން ކުޑަ ފީއެއް ނަގާނެ އެވެ. ރާއްޖެއިން މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 20 ވަނަ ދުވަހާއި ހަމަޔަށް ފުރުސަތު އޮންނާނެ އެވެ. މި ދުވުން ބާއްވަނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ހިދުމަތްތެރިންގެ އަގު ވަޒަން ކުރުމުގެ އިތުރުން ޓޫރިޒަމް ހުޅުވުމާއެކު ރާއްޖެ އަންނަން މީހުންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމެވެ.

ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ބާއްވާ މި ދުވުމުގެ ހަތަރު ގިންތި އަށް ވެސް ނަން ދީފައި ވަނީ ރާއްޖެއާ ގުޅުވައިގެންނެވެ. ދުވުމުގެ 5.5 ކިލޯ މީޓަރަށް ކިޔަނީ "ސިޓީ ލިންކް" އެވެ. އަދި 16 ކިލޯ މީޓަރަކީ "އައްޑޫ ލިންކް" އެވެ. އަދި 21 ކިލޯ މީޓަރަކީ "ލާމު ލިންކް" އެވެ. މީގެ އިތުރުން އިތުރުން 870 ކިލޯ މީޓަރަށް ދީފައިވާ ނަމަކީ "ރާއްޖެ ލިންކް" އެވެ. މި ދުވުމުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ވެސް މެޑަލް ގެއަށް ފޮނުވައިދޭނެ އެވެ.

ރަން ފޯ މޯލްޑިވްސްގެ ރޭސް ޑިރެކްޓަރަކީ ރާއްޖޭގެ މަޝްހޫރު ދިގު ދުވުންތެރިއެއް ކަމަށްވާ އަހުމަދު ޝަރަފު އެވެ.