ސުޕްރީމް ކޯޓްގެ މާލަންތަކުގައި ކުރިއަށް ގެންދެވޭ ޝަރީއަތްތައްވެސް ވަގުތުން ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުދާން ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓްގެ 12 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތާބުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ޝަރީއަތްތައް ހިންގުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އަޑުއެހޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށާ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ވަގުތުން ދައްކަމުންދާ ކަމަަށެވެ.
މިވަގުތު މަސައްކަތް ކުރަމުން ގެންދަނީ ސުޕްރީމް ކޯޓްގެ މާލަންތަކުގައި ކުރިއަށް ގެންދެވޭ ޝަރީއަތްތައްވެސް ވަގުތުން ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށްވެސް މުއުތަސިމް ވިދާޅުވިއެވެ.
"މިވަގުތު އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ ސުޕްރީމް ކޯޓްގެ ޝަރީއަތްތަކުގެ މާލަމުގައި ކުރިއަށް ގެންދެވޭ ޝަރީއަތްތަކަކީވެސް ލައިވްކޮށްގެން ގެންދެވޭ ޝަރީއަތްތަކެއްގެ ގޮތުގައި ހެދުމަށް. އެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު މިދަނީ ކުރަމުން،"
ސުޕްރީމް ކޯޓުގައި އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދަން ނިންމައި، އެކަމާ ގުޅޭ ގަވައިދު އެކުލަވާލައި އާންމު ކޮށްފައިވަނީ މެއި މަހުގެ 19 ވަނަ ދުވަހުއެވެ.
އުއްތަމަ ފަނޑިޔާރު ވަނީ ކޮވިޑް ބަލިމަޑުކަމުގެ މި ހާލަތުގައި އަދުލްއިންސާފު ހޯދާ ދިނުމަށް ސުޕްރީމް ކޯޓުން ކުރި މަސައްކަތް ފާހަގަ ކުރައްވާފައެވެ. އަދި މައްސަލަ ހުށައެޅޭނެ ފަސޭހަ އިންތިޒާމްތަކެއް މިއަހަރު ހަމަޖައްސާފައިވާއިރު އަދިވެސް އެ ނިޒާމު އިތުރަށް ހަރުދަނާ ކުުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ ފަސޭހަކަމާއެކު އަދުލްއިންސާފަށް ވާސިލްވެވޭނެ މަގު ފަހިވެފައިވާ އަދި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިގެންވާ ތަނެއްގެ ގޮތުގައި ހަދާ އަދުލްއިންސާފު ގާއިމުކުރުމުގެ މަސައްކަތުގައި ދެ ގޮތެއް ނުވެ ދެމިތިބުން،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.