ރިޕޯޓް

މައުމޫންގެ ގަލަމުން: އަދަބުގެ މޮޅު ޅެމެއް ދިވެހި ބަހަށް

ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ކޮވިޑް-19 އިގެ އާލާސްކަންފުޅުގައި ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) ގައި އެޑްމިޓްވެ އޮންނަވަން ޖެހި ވަޑައިގަތެވެ. ދަރުމަވަންތަ ހޮސްޕިޓްލްގެ 20 ވަނަ ފަންގިފިލީގައި ހޭދަކުރެއްވި 21 ދުވަހަކީ އާލާސްކަންފުޅަކާ ގުޅިގެން އެ މަނިކުފާނު އާއިލާއާ ވަކިން އެގޮތަށް އެޑްމިޓްވެ އޮންނަވަން ޖެހިވަޑައިގެންނެވި ފުރަތަމަ ފަހަރުވެސް މެއެވެ. އެހެން ނަމަވެސް އެމަނިކުފާނު ހޮސްޕިޓަލްގައި ހޭދަކުރެއްވި ދުވަސްތަކުގައި ސިއްހީ ގޮތުން އިތުރު މައްސަލަތަކެއް ކުރިމަތިވެވަޑައެއް ނުގަންނަވަ އެވެ. ކޮވިޑްގެ އަލާމަތްތަކުގެ އިޝާރާތެއް ނުވެއެވެ. -- އަލްހަމްދުލި ﷲ -- އެހެންވެ ޑީއެޗްގެ އުހުގައި އެޑްމިޓްވެ އޮންނެވި އިރުވެސް އެމަނިކުފާނު އުޅުއްވެވީ ޝައުގުވެރިވެވަޑައިގަންނަވާ ބައެއް ކަންކަމުގެ ތެރެއަށް ވަދެ ވަޑައިގެނެވެ.

ރައީސް މައުމޫނަކީ ބަހާއި އަދަބިއްޔާތުން ފޮތްތެރި ކަމާއި ލިޔުންތެރި ކަމާއި ޅެންވެރި ކަމަށް ވަރަށް ބޮޑަށް ޝައުގުވެރިވެވަޑައިގަންނަވާ އަދި ލޯބި ކުރައްވާ ބޭފުޅެކެވެ. ރާއްޖޭގެ ވެރިކަމުގައި ހޭދަކުރެއްވި 30 އަހަރުތެރޭގައި ވެސް ދިވެހި އަދަބިއްޔާތަށް ވަރަށް އިސްކަން ދެއްވެވިއެވެ. އެމަނިކުފާނުގެ ގަލަންކޮޅުން ވެސް އެތައް ޅެމެއް ހެެއްދެވިއެވެ. ދިވެހިންގެ ހޭލުންތެރި ކަމަށްޓަކައި އެތަށް ފޮތްތަކެއް ލިޔުއްވެވިއެވެ.

ޅެންވެރިކަމުގައި އެމަނިކުފާނުގެ ފާހަގަކޮށްލެވޭ ވަރަށް ގިނަ ޅެންތައް ވެއެވެ. ދީނީ، ގައުމީ އަދި ލޯބީގެ ބައެއް ލަވަތައް ވެސް އެމަނިކުފާނު ހައްދަވާފައި ވެއެވެ. މިފަހަރު ޑީއެޗްގައި އޮންނަވައިގެންވެސް އެމަނިކުފާނު ވަނީ އަދަބިއްޔާތުން ދިވެހިންނަށް ހާއްސަ ހަދިޔާއެއް ދެއްވަވާފަ އެވެ. ރައީސް މައުމޫންގެ މި ހަދިޔާއަކީ މުޅި ދުނިޔެއަށް މަޝްހޫރު "ރުބާޢިއްޔާތުލް ޚައްޔާމް" ނުވަތަ "ޚައްޔާމުގެ ރުބާޢިއްޔާތު" ޅެން ދިވެހި ބަހަށް ތަރުޖަމާ ކުރައްވައި ދޫކޮށްލެއްވީ އެވެ

މުޅި ދުނިޔޭގައި ވެސް ވަރަށް މަޝްހޫރު އަދި ވަރަށް ގިނަ މީހުންގެ ނަޒަރުގައި އެންމެ މަޝްހޫރު މި ޅެން ހައްދަވާފައި ވަނީ، ފާރިސްކަރައިގެ އެންމެ މަޝްހޫރު ޅެންވެރިޔާ ޢުމަރުލްޚައްޔާމެވެ. އޭނާއަކީ ފަލްސަފާވެރިއެއް، ހިސާބު އލްމުވެރިއެކެވެ. އަދި ފަލަކީ އިލްމުވެރިއެއް ވެސް މެއެވެ. އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، މީލާދީން 1048 ވަނަ އަހަރު އެވެ. އަވަހާރަވީ، 1131 ވަނަ އަހަރު އެވެ.

ޢުމަރުލްޚައްޔާމް ފާރިސީ ބަހުން އެކުލަވައިލެއްވި މި ރުބާޢިއްޔާތު ވަނީ، ދުނިޔޭގެ ވަރަށް ގިނަ ބަސްބަހަށް ތަރުޖަމާ ކުރެވިފައެވެ. އިނގިރޭސި ބަހަށް ކުރެވިފައިވާ އެންމެ މަޝްހޫރު ތަރުޖަމާއަކީ، އެޑްވަޑް ފިޓްޒްޖެރަލްޑް 1859 ވަނަ އަހަރު ޅެންބަހުން ނެރުއްވި ތަރުޖަމާ ކަމުގައި ގިނަ ބަޔަކު ދެކެއެވެ. ރައީސް މައުމޫންގެ ތަރުޖަމާއަކީ، މިސްރުގެ މަޝްހޫރު ޝާއިރު އަހްމަދު ރާމީ 1940 ގެ އަހަރުތަކުގެ ތެރޭގައި އަރަބި ބަހަށް ޅެންބަހުން ކުރައްވާފައިވާ ވަރަށް ރީތި ތަރުޖަމާއެއްގެ ދިވެހި ތަރުޖަމާއެކެވެ. -- ރުބާޢިއްޔާތަކީ، ހަތަރު ފޮޅުވަތުން ހަތަރު ފޮޅުވަތުން ހަދާފައި ހުންނަ ޅެމުގެ ބާވަތަކަށް ކިޔާ ނަމެކެވެ.

"އަދަބުގެ އެންމެ ރީތި ޅެން" ކަމުގައި ބައެއް މީހުން ސިފަ ކުރާ މި ޅެން ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ އެ ތަރުޖަމާ އާންމު ކޮށްލެއްވުމުގެ ގޮތުން ޅެން އަވަސްއަށް ހަދިޔާ ކުރައްްވާފައެވެ. އަދި އެ ޅެން ތަރުޖަމާ ކުރައްވަން ހިޔާލު އުފެދުނު ގޮތާއި ހޮސްޕިޓަލްގައި ހޭދަކުރެއްވި ދުވަސްތަކުގެ ބައެއް ތަޖުރިބާތައް ވެސް ހިއްސާ ކުރެއްވި އެވެ.

"އަޅުގަނޑު ދިވެހިބަހަށް މި ރުބާޢިއްޔާތު ތަރުޖަމާ ކުރީ، މިއީ ދުނިޔޭގެ އަދަބުގައި މޮޅު ޅެމަކަށް ވާތީ. ހަމައެހެންމެ، މި ޅެން ވަރަށް ގިނަ ބަސްބަހަށް ތަރުޖަމާ ކުރެވިފައި ވުމާއެކު، ދިވެހިބަހުން ވެސް މި ޅެމުގެ ތަރުޖަމާއެއް އޮތުމަކީ މުހިންމު ކަމެއް ކަމުގައި ފެނިގެން. މީގެ އިތުރަށް، ދިވެހިބަހާއި ދިވެހި އަދަބިއްޔާތުގެ މުއްސަނދިކަމަށް ޓަކައި މި ފަދަ ޅެންތަކާއި އަދަބީ އުފެއްދުންތައް ދިވެހިބަހަށް ތަރުޖަމާ ކުރުމުގެ މުހިންމުކަން އަޅުގަނޑަށް ގަބޫލުކުރެވޭތީ ވެސް މެ،" ރަައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވި ގޮތުގައި ހޮސްޕިޓަލްގައި އޮންނަވަން ޖެހިވަޑައިގަތުމުން ވަރަށް ގިނަ ހުސް ވަގުތުތައް ލިބިވަޑައިގަތެވެ. އެހެންވެ އެ ހުސްވަގުތުތައް ބޭނުންފުޅު ކުރައްވައިގެން އަދަބީ މަސައްކަތެއް ކުރެއްވުމަށް ޝައުގުވެރި ވަޑައިގެންނެވި އެވެ. އަދި ކޮންމެ ދުވަހަކުވެސް "ރުބާޢިއްޔާތުލް ޚައްޔާމް"، ޅެމުން ބައެއް ތަރުޖަމާ ކުރައްވަން ފެއްޓެވީ އެވެ. ވަރަށް ގިނައިން ލިޔުއްވުމުގައި ވަގުތު ހޭދަ ކުރައްވާ އަދި ލިޔުމުގައި ހިމެނޭ ކެލިގްރަފީއަށް ވެސް ކުޅަދާނަ، ރައީސް މައޫމުން އާންމުކޮށް އާދަވެ ލިޔުއްވައި އުޅުއްވަނީ ގަލަން ބޭނުން ކުރައްވައިގެން ކަރުދާހުގަ އެވެ. އެ އާދަ އަދިވެސް އެމަނިކުފާނު ދޫކޮށެއް ނުލައްވަ އެވެ. ނަމަވެސް "ރުބާޢިއްޔާތުލް ޚައްޔާމް" ޅެން ތަރުޖަމާ ކުރެއްވި އިރު އަރަބިން ޅެން ލިޔުއްވަވައި އޭގެ ދިވެހި ތަރުޖަމާ ލިޔުއްވެވީ ފޯނުގަ އެވެ. އެހެންވެ ކަރުދާހު ނޯޓެއް ނެތެވެ.

"އަޅުގަނޑަށް މާތްﷲ ގެ އިރާދަފުޅުން އެއްވެސް އުނދަގުލެއް ނުވޭ ބަލީގެ ސަބަބުން. އެހެންވީމަ މިފަދަ މަސައްކަތެއް ކުރަން އެއްވެސް އުނދަގޫކަމެއް ނެތް. ބައެއް ދުވަސް ދުވަހު ފަތިސް ނަމާދަށް ފަހު އަދި ބައެއް ރޭރޭ ވެސް ތަރުޖަމާ ކުރުުމުގެ މަސައްކަތް ކުރަން. ހުރިހާ ވަގުތެއް އޮތީ ހުސްކޮށް. އެހެންވީމަ ކޮންމެ ވަގުތެއް ވެސް އެއީ އެންމެ ރަނގަޅު ވަގުތެއް،"

ތިރީގައި މިވަނީ ރައީސް މައުމޫން ތަރުޖަމާ ކުރައްވަވާފައިވާ "ރުބާޢިއްޔާތުލް ޚައްޔާމް" މި ޅެމުގެ ދިވެހި ތަރުޖަމާއެވެ. މި ތަރުޖަމާއަކީ އަގުހުރި ނަސޭހަތެކެވެ. ދުނިޔެވީ އެތަށް ފިލާވަޅުތަކެއް ވެއެވެ.

ރުބާޢިއްޔާތުލް ޚައްޔާމް: ރައީސް މައުމޫންގެ ތަރުޖަމާ

ދަންވަރުގެ ހަމަހިމޭން ވަގުތު ޣައިބުގެ ތެރެއިން ގޮވާލި ބާރު އަޑެއް އަހަރެން އެހީމެވެ. އޭ ޣާފިލު ވެފައި ތިބި އިންސާނުންނޭވެ!

ތެދުވާށެވެ! ޤުދުރަތުގެ އަތުން އުމުރުގެ ތަށި ފުރާލުމުގެ ކުރިން ތިބާގެ އުންމީދުގެ ތަށި ތިބާ ފުރާލާށެވެ!

މާޒީވެ ދިޔަ ދުވަސްތަކާ މެދު، އަދި ދިރިއުޅުމުގައި އަތުވެދާނެ ކަމަކާ މެދު ވެސް، އެކަމެއް ދިމާވުމުގެ ކުރިން ފިކުރު ނުކުރާށެވެ.

އަދި މިހާރުން މިހާރަށް ލިބެން ހުރި އަރާމުތައް ލިބިގަންނާށެވެ! އެހެނީ ޒަމާންތަކުގެ ޠަބީޢަތާ މެދު އެއްވެސް ޔަޤީންކަމެއް ނެތެވެ.

މާދަމާ ވަނީ ޣައިބުގެ ފުރަގަހުގަ އެވެ. މިއަދު މި ވަނީ އަހަރެންގެ އަތްމަތީގަ އެވެ. އަންނަން އޮތް ތަނާ މެދު ކުރާ އުންމީދު ޙާޞިލު ނުވެ ދަނީ ކިހާ ގިނަ ފަހަރަކު ހެއްޔެވެ؟

އަހަރެންގެ ދުނިޔޭގެ ރީތިކަން ދެކިފައި އުފާ ނުކުރާ ވަރަށް ޣާފިލު ވެފައިވާ މީހަކު ކަމުގައި އަހަރެން ނުވަމެވެ.

ރީތިކަން ދެކެ ލޯބިވީލެއް ބޮޑުކަމުން އަހަރެންގެ ހިތް ހަލާކު ވެއްޖެ އެވެ. އަދި ބުނަން ކުޅަދާނަ ނުވާ ވަރަށް އަހަރެންގެ މޭ ފިތި ބާރު ވެއްޖެ އެވެ.

ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޯ އެވެ. މި އަޅާގެ ކުރިމަތިން މީރު ފެން އާރުތަކެއް ހިނގަމުން ދާ ހިނދު، މި އަޅާ މި ވަރަށް ކަރު ހިއްކައިގެންފައި ހުރުމަކީ، އިބަ ރަސްކަލާނގެ ރުހިވޮޑިގަތުންވާ ކަމެއްތޯ އެވެ؟

މި ހިތަށް އައުލާކަން ބޮޑީ ތެޅިލަތެޅިލާ އޮތުމެވެ. އަދި ލޯބީގެ ގަދަ އަލިފާންގަނޑުގެ ތެރޭގައި އަނދައަނދާ އޮތުމެވެ.

ލޯބިން އަހަރެން ތެމިފޯ ނުވެ ހުރެ ފާއިތުވެ ދާ ހަމަ ކޮންމެ ދުވަހަކީ ހާދަ އަގެއް ނެތް ބޭކާރު ދުވަހެކެވެ!

މި ދަންވަރުގެ ވަގުތު ގޮވާލިއެވެ. އޭ ނިޔަނެތި ލޯބިވެރިޔާއެވެ. ހޭލާށެވެ! ނިދި ދޫކޮށްލާށެވެ! އަދި މިއުޒިކް ނަރުތަކުގައި ލުއިލުއިކޮށް ކުޅެލަބަލާށެވެ!

ނިންޖެއް އުމުރު ދިގުކޮށްދީފައެއް ނެތެވެ. އަދި ރޭގަނޑު ގިނަ އިރު ނުނިދާ ހުރުން އުމުރު ކުރު ކޮށްފައެއް ވެސް ނެތެވެ.

ފަހެ، ދުވާލަށް ފަހު ކިތައްކިތައް ރޭ އަތުވެއްޖެ ހެއްޔެވެ؟ އަދި ތަރިތަކައިގެން މި ފަލަކު ކިހާ ދިގު މުއްދަތެއްގައި ދައުރު ކޮށްފި ހެއްޔެވެ؟

އެހެންކަމުން، މި ބިމުގައި ހިނގާ ހިނދު، މަޑުމައިތިރިކަމާ އެކު ހިނގާށެވެ! ހަމަކަށަވަރުން، މި ބިން އުފެދިފައި މި ވަނީ، ފުއްލާތަކެއްގެ ރީތި ލޯތަކެއްގެ ޒައްރުތަކަކުންނެވެ.

ބިރުވެރި ހީކުރުންތަކުން ނަފުސަށް ހިތްދަތިކަން ނުގެންނާށެވެ! އަދި މި ވަގުތުގެ ރައްކާތެރިކަމުން އަމާންކަމުގެ ޔަޤީންކަން ހޯދާށެވެ!

މާދަމާ ދަތުރު ކުރާނެ މީހަކާއި މީގެ އެތައް ހާސް އަހަރެއްގެ ކުރިން ދިޔަ މީހަކާ ބިމުގެ އަޑީގައި ވާނީ އެއްވަރެވެ.

ހިތުގެ އަލިފާންގަނޑު އަނގައިގެ މާމުއިން ނިއްވާލާށެވެ! ހަމަކަށަވަރުން ދުވަސްތައް ދަތުރުކުރަނީ ވިލާތަކެއް ފަދައިންނެވެ.

އަހަރެމެންގެ ދިރިއުޅުމަކީ ހިޔަންޏެއް ފަދަ ޚިޔާލެކެވެ. އެހެންކަމުން ޒުވާންކަން ގެއްލުމުގެ ކުރިން ތިބާއަށް ޙައްޤުވާ ބައި ހޯދާށެވެ!

ދިރިހުރުމުގެ ފޭރާން ލައިގެން އަހަރެން މިހިރީ އަމިއްލަ އިޚްތިޔާރަކު ނޫނެވެ. އެ ކަމުގައި ތަފާތު ފިކުރުތައް އަހަރެން ޙައިރާން ކުރުވިއެވެ.

އަހަރެން މި ހެދުން ބާލާނަމެވެ. އަހަރެން މި އައީ ކީއް ކުރަން ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަދި ފިލައިގެން ދެވޭނީ ކޮން ތަނަކަށް ކަމެއް ވެސް ނޭނގެއެވެ.

އިބަ ރަސްކަލާނގެ ކުޅަދުންވަންތަކަމާ މެދު ފިކުރުތައް ޙައިރާން ކުރުވާފައިވާ، އަދި އެ ކަލާނގެ ޙަޟްރަތަށް ކިޔަމަންގަތުމުގެ ޙިމާޔަތަށް ނަފުސުތައް އެދިއެދި ތިބި ރަސްކަލާކޯއެވެ.

ފާފަކުރުން ވަނީ މި އަޅާ މަސްތު ކުރުވާފައެވެ. އެހެނެއްކަމަކު، އިބަ ރަސްކަލާނގެ ރަޙްމަތްފުޅަށް އެދުމުގެ އުންމީދުތައް މި އަޅާ ހޭލައްވައިފިއެވެ.

އިބަ ރަސްކަލާނގެއަށް އިޚްލާޞްތެރިކަމާ އެކު މި އަޅާއަށް ޠާޢަތު އަދާ ނުކުރެވުނެއް ކަމަކު، އިބަ ރަސްކަލާނގެ ރަޙްމަތްފުޅަށް މި އަޅާ އިންތިހާއަށް އެދެމެވެ.

ހަމަކަށަވަރުން މި އަޅާއަށް ޝަފާޢަތްތެރި ވާނެ ކަމަކީ، މި އަޅާގެ މުޅި އުމުރުގައި ވެސް އިބަ ރަސްކަލާނގެއަށް ޝަރީކު ކޮށްފައި ނުވާނެ ކަމެވެ.

އިބަ ސާހިބާގެ ޒާތުފުޅުގެ އުޖާލާކަން ވަނީ މީސްތަކުންނަށް ފޮރުއްވާފައެވެ. އެހެންނަމަވެސް ކައުނުގައިވާ ހުރިހާ ތަކެއްޗަކީ ވެސް އިބަ ރަސްކަލާނގެ އުފައްދަވާފައިވާ ތަކެއްޗެވެ.

ފަހެ، އިބަ ރަސްކަލާނގެއީ، ކައުނުގެ ވެރި ބާރެވެ. އަދި އެ ފަރާތެއްގެ އުފެއްދުމުގެ މޮޅުކަމާއި ފުރިހަމަކަން އެ ފަރާތަކުން ފެންނަ ފަރާތަކީ ވެސް، އިބަ ރަސްކަލާނގެއެވެ.

ކަނޑުން ލޮނުތިއްކެއް ވަކިކޮށް ލެވިއްޖެ ނަމަ، އެ ކަނޑުގެ ނިމުމަކީ އެ ލޮނުތިކީގެ ވެސް ނިމުމެވެ.

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އިބަ ރަސްކަލާނގެއާއި މި އަޅާއާ ދެމެދު ވާ ދުރުމިން އެ ވަރުގައި ހުއްޓަސް، ކައިރިވެއްޖެއެވެ.

އޭ ޔަޤީނީ ޢިލްމެއްގެ ގޮތުގައި ހުރިހާ ސިއްރުތަކެއް ދެނެވޮޑިގެންވާ މާތް ރަސްކަލާކޯއެވެ. އަދި ހިތާމަވެރިންގެ ހިތާމަތައް ފިއްލަވައިދެއްވާ މާތް ރަސްކަލާކޯއެވެ.

އޭ ޢުޒުރުތައް ޤަބޫލު ކުރައްވާ މާތް ރަސްކަލާކޯއެވެ. އަޅަމެން އިބަ ރަސްކަލާނގެ ހިޔާވަހިކަމުގެ ދަށަށް އެނބުރި އަތުވެއްޖައީމުއެވެ. ފަހެ، ތައުބާވާ މީހުންގެ ތައުބާ ޤަބޫލު ކުރައްވާފާނދޭވެ!