މިދިޔަ ޖޫން މަހުގެ ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ އެންމެ 3.9 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި "ގްރީން ފަންޑު" ގެ ރިޕޯޓް ދައްކާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ހީނަރުވުމުގެ ސަބަބުން ގްރީން ޓެކުހުގެ އާމްދަނީ ވަނީ ބޮޑުތަނުން ދަށްވެފަ އެވެ. ޖޫން މަހު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 3.9 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު 56 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ފިނޭންސުގެ މި ރިޕޯޓް ދައްކާ ޖޫން މަހު ގްރީން ޓެކްސް އެންމެ ގިނައިން ލިބުނީ މާލެ އަތޮޅުގެ ޓޫރިޒަމް ހިދުމަތްދޭ ތަންތަނުންނެވެ. މާލެ އަތޮޅުގެ ގެސްޓްހައުސް ތަކާއި ސަފާރީ އަދި ހޮޓާތަކުން ޖުމްލަ 1.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ގެސްޓްހައުސް ތަކުން 143,398.32ރ. ލިބިފައިވެ އެވެ. ރިސޯޓްތަކުން 1.5 މިލިއަން ރުފިޔާ ލިބުނުއިރު، ހޮޓާތަކުން ގްރީން ޓެކުހުގެ ގޮތުގައި އެއްވެސް ފައިސާއެއް ލިބިފައެއް ނުވެ އެވެ.
ގްރީން ޓެކްސް ރިޕޯޓް ދައްކާ ގޮތުގައި ހއ. އަތޮޅާއި ސ. އަތޮޅުން ތ. އަތޮޅާއި ލ. އަތޮޅު އަދި ގއ. އަދި ފުވައްމުލަކުން ގްރީން ޓެކްސް ނުލިބެ އެވެ. އަދި ރާއްޖޭގެ ސަފާރީތަކުން ގްރީން ޓެކުހުގެ ގޮތުގައި ލިބުނީ 195,953.16ރ. އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި މުއްދަތުގައި 41 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިހާތަނަށް މި ފަންޑުން 148 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. ގްރީން ފަންޑުގައި ބެލެންސުގައި 918 މިލިއަން ރުފިޔާ ހުރި ކަމަށް ދަށްކަ އެވެ.