އެމެރިކާގައި ޗައިނާގެ މަޝްހޫރު ވީޑިއޯ އެޕްލިކޭޝަން ޓިކްޓޮކް ބޭނުން ކުރުން ކުރިއެކޭ އެއްގޮތަށް ހުއްދަ ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ވިދާޅުވެއްޖެ އެވެ.
މިއީ މީގެ ކުރިން ޓްރަމްޕް ދައްކަވާފައިވާ ވާހަކަތަކާއި މުޅިން އިދިކީލި ވާހކަފުޅެކެވެ. މީގެ ކުރިން ޓްރަންޕް ގޮވާލައްވައިފައި ވަނީ އެމެރިކާގެ ކުންފުންޏަކަށް ޓިކްޓޮކްގެ ހިއްސާ ވިއްކުމަށެވެ. އެގޮތަށް އަމަލު ނުކޮށްފިނަމަ އެމެރިކާގައި ޓިކްޓޮކް ބޭނުން ކުރުން މަނާ ކުރައްވާނެ ކަމަށެވެ.
ހޮނިހިރު ދުވަހު ޓްރަންޕް ވިދާޅުވި ގޮތުގައި ޓިކްޓޮކް މުޅިން އާ ކުންފުންޏެއްގެ ދަށަށް ދާނެ އެވެ. އާ ކުންފުންޏަކީ ޓިކްޓޮކް ގްލޯބަލް އެވެ. އެ ކުންފުނީގެ ހެޑްކްއާޓާ ހުންނާނެ ކަމަށް ލަފާ ކުރެއްވެނީ އެމެރިކާގެ ޓެކްސާސްގަ އެވެ. މިއީ އެ ކުންފުނި ވިއްކާލުމުގެ ބަދަލުގައި ޕަޓްނާޝިޕް ވިޔަފާރި އަކަށް ވާނެ ކަަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ޓްރަންޕް ވަނީ ޓިކްޓޮކްގެ ވެރިފަރާތް ކަމުގައިވާ ބައިޓް ޑާންސް ލިމިޓެޑަށް 90 ދުވަހުގެ ތެރޭ ގައި ޓިކްޓޮކް އެމެރިކާގެ ކުންފުންޏަކަށް ވިއްކާލަން އެދި ވަޑައިގެންފަ އެވެ. އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން މިދިޔަ ހުކުރު ދުވަހު ބުނެފައި ވަނީ މިއަދުން ފެށިގެން ޓިކްޓޮކް އެމެރިކާގައި އަލަށް ޑައުން ލޯޑު ކުރުމާއި އަޕްޑޭޓް ކުރުން ބްލޮކް ކުރާނެ ކަމަށެވެ.
އެމެރިކާގެ ސަރުކާރުން ވަނީ ޓިކްޓޮކް ބޭނުންކުރާ އެމެރިކާގެ 100 މިލިއަން މީހުންގެ ޒާތީ މައުލޫމާތު ޗައިނާ ސަރުކާރަށް ލިބިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެމެރިކާ ސަރުކަރުގެ ހިޔާލު ކުއްލިއަކަށް ބަދަލުވެ މިހާ ބޮޑު ދޫތަކެއް ދިން ސަބަބެއް ނޭނގެ އެވެ.
އަދީއްތަ ދުވަހު ބްލޫންބާގް ނިއުސް އިން ނަން ހާމަނުކުރާ ފަރާތަކާއި ހަވާލާދީ ބުނި ގޮތުަގައި ބައިޓް ޑާންސް ކުންފުނިން ވަނީ ޓިކްޓޮކް ގެ އަގަކީ 60 ބިލިއަން ޑޮލަރު ކަމުގައި ކަނޑައަޅާ އަލަށް އުފައްދާ ޓިކްޓޮކް ގްލޯބަލްގެ 12.5 ޕަސެންޓް ހިއްސާ އޮރަކްލް ކޯޕަރޭޝަނަށް، 7.5 ޕަސެންޓް ހިއްސާ ވޯލްމާޓް އިންކަށް ވިއްކުމަށް އެއްބަސް ވެފަ އެވެ. އަދި އޮރަކްލް އިން ޓިކްޓޮކް ބޭނުންކުރާ އެމެރިކާ މީހުންގެ ޒާތީ މައުލޫމާތު އެކުންފުނީގެ "ކްލައުޑް" ގައި އެމެރިކާ ގެ ގައުމީ ސަލާމަތާއި ބެހޭ ގަވާއިދުތަކާއި އެއްގޮތައް ބަލަހައްޓާނެ ކަމަށެވެ.
ބްލޫންބާގް އިން އިތުރަށް ބުނި ގޮތުގައި ޓިކްޓޮކްގެ އަގަކީ 60 ބިލިއަން ޑޮލަރު ކަމުގައި ބައިޓް ޑާންސް އިން ކަނޑައަޅައިފިނަމަ އޮރަކަލް އާއި ވޯލްމާޓުން އެ ކުންފުނީގެ 12 ބިލިއަން ޑޮލަރުގެ ހިއްސާ ގަންނާނެ އެވެ. ރޮއިޓާސް އިން މިކަމާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެދުމުން ޓިކްޓޮކް، ވޯލްމާޓް އަދި އަދި އޮރަކަލް އިން އެކަމަށް ޖަވާބެއް ދީފައެއް ނުވެއެެވެ.