ދުނިޔެ

ރަމާމަކުނާބެހޭ މިނިސްޓަރުލާން ލަންކާގެ މެންބަރަކު އެދިއްޖެ

Sep 21, 2020

ކޮލޮމްބޯ (ސެޕްޓެމްބަރު 21) - އަވަށްޓެރި ސްރީލަންކާގެ އެކި ހިސާބުތަކުގައި ރާމާމަކުނުގެ އުނދަގޫ ބޮޑުވެ، އެ މައްސަލަ ހައްލު ކުރަން ރާމާމަކުނާބެހޭ މިނިސްޓަރުކަން ދިނުމަށް ލަންކާގެ ވެރިކަންކުރާ ޕާޓީގެ ޕާލިމަންޓު މެންބަރަކު ގޮވާލައިފި އެވެ.

ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) ގެ މެންބަރު ދިލާން ޕެރޭރާ ނޫސްވެރިންނަށް ވިދާޅުވީ ރާމާމަކުނު އެކި ސަރަހައްދުގެ 60 ޕަސަންޓު ދަނޑުތަކަށް ގެއްލުންދީފައިވާ ކަމަށެވެ.

"އެއް ގޮތަކަށްވެސް ހީނުކުރާތި ރާމާމަކުނުގެ އުދަނގޫ ކުރިމަތިވެފައިވަނީ ބަދުއްލަ ސަރަހައްދަށް އެކަނި ކަމަށް. ކޮލޮމްބޯ ގައި ވެސް ރާމާމަކުނުގެ އުނދަގޫ އެބަ ކުރިމަތިވޭ. މިކަން ހައްލު ނުކޮށްފިނަމަ، އިސާހިތަކު ރާމާމަކުނުތައް ޕާލިމަންޓަށް ވެސް ވަންނާނެ،" ޕެރޭރާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އެތުގެ މައްސަލައަށް ވެސް މިނިސްޓަރަކު އައްޔަނުކުރައްވާފައިވާ ކަމަށާއި، އެގޮތުން ރާމާމަކުނުގެ މައްސަލަ ހައްލު ކުރުމުގެ ޒިންމާ ހަވާލުކޮށްފިނަމަ އެކަން ހައްލު ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

ރާމާމަކުނުގެ އާބާދީ އިތުރުވުމުގެ ސަބަބުން، ދަނޑުވެރިންނަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށް ކުރީގެ ރައީސް މައިތިރިޕާލަ ސިރިސޭނަ މިދިއަ މަހު ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު އޭރު ވިދާޅުވި ގޮތުގައި ރާމާމަކުނުގެ އާބާދީ ދެގުނަވެ މިހާރު ދެ މިލިއަނަށް އިތުރުވެފައިވާ ކަމަށެވެ.