ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލް ގަފޫރުގެ މައްޗަށް ދައުލަތުން ހުށަހެޅި، އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާބެހޭ ހަތް ދައުވާ އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް ހައި ކޯޓުން އަމުރު ކުރުމާއެކު އަދީބުގެ ބަންދަށް 15 ދުވަސް ދީފި އެވެ. ކޯޓުން މި މުއްދަތު ދީފައި ވަނީ އަދީބު ރިމާންޑް ޖަލެއްގައި ބެހެއްޓުމަށެވެ.
ހައިކޯޓުން މިއަދު ނިންމީ ހިޔާނާތާ ގުޅިގެން އަދީބަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ބާތިލް ކޮށްފައިވަނީ ރަނގަޅު އިޖުރާއަތްތަކެއްގެ މައްޗަށް ނޫން ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގައި އެ ދައުވާތަކުގެ ޝަރީއަތް އަލުން ފެށުމަށެވެ.
އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން އުފުލާފައި އޮއްވާ ބޭރުކޮށްލީ ހިޔާނާތް ވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރައްވެއްވުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާއެކެވެ.
ކްރިމިނަލް ކޯޓުން އެ ދައުވާތައް ބޭރުކޮށްލާފައި ވަނީ މިދިއަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ. ފަހުން އެކަމާ ހިތްހަމަ. ނުޖެހޭތީ ދައުލަތުން ވަނީ އެ މައްސަލަ މަތީކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ހަތް ދައުވާ ބޭރުކޮށްލީ ގާޒީ އިސްމާއީލް ރަޝީދެވެ. އެ ނިންމުން އައުނާއެކު އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ފަށައި އޭނާ ސަސްޕެންޑްކޮށްފަ އެވެ.
މިއަދު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ވަނީ މި ދައުވާތަކާމެދު ގޮތެއް ނިމެންދެން އަދީބު 15 ދުވަހަށް ރިމާންޑް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
މިއަދު ބޭއްްވި ޝަރީއަތުގައި އަދީބު ރިމާންޑް ޖަލެއްގައި ބަންދު ކުރުމަށް އަމުރު ކުރި އިރު އިސްތިއުނާފް މައްސަލައާއި މެދު ގޮތެއް ނިމެންދެން އޭނާ މިހާރުވެސް ހުންނެވީ ޖަލުގައި ބަންދުކޮށްފަ އެވެ.
އަދީބާއެކު، އިއުތިރާފު އެއްބަސްވުމަކަށް ވާސިލްވުމަށް ފަހު ދައުލަތުން މަނީ ލޯންޑްރިން ހިމެނޭ ގޮތަށް ހަތް ދައުވާއެއް އަދީބުގެ މައްޗަށް އުފުލިއެވެ. ނަމަވެސް އެ ދައުވާތަކުގެ އިބްތިދާއީ އަޑުއެހުންތައް ވެސް ކުރިއަށް ނުގެންގޮސް ކުރިމިނަލް ކޯޓުން މައްސަލަ ބާތިލްކުރީ އެވެ. ގާޒީ އިސްމާއިލް ރަޝީދުގެ އެ ހަތް ދައުވާ އަނބުރާ ފޮނުވާލީ، އިއުތިރާފު އެއްބަސްވުން ސައްހަ ނޫން ކަމަށް ވިދާޅުވެއެވެ. އެއްބަސްވުން ސައްހަކަމާމެދު އަދީބު ވެސް އަދި ދައުލަތުން ވެސް ސުވާލު އުފައްދައި އެއްވެސް ހުށަހަޅުމެއް ހުށަހަޅާފައެއް ނުވެ އެވެ. ނަމަވެސް އެކަން ބެއްލެވީ ގާޒީ އިސްމާއިލް ރަޝީދު އަމިއްލަ އިސްނެގުމަށެވެ.
ހައިކޯޓުން މި މައްސަލައިގައި މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ކުށަށް އިއުތިރާފްވުމާއި ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ދައުލަތާއި އަދީބާއި ދެމެދު އެއްބަސްވުމެއް ނެހެދޭނެ ކަމަށާއި އެފަދަ އެއްބަސްވުން ހެދޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި އަދީބާއެކު ދައުލަތުން ހެދި އެއްބަސްވުމަކީ އަދީބު ޖަލުގައި ހުންނަވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށް ޝަރުތުކޮށް ހަދާފައިވާ އެއްބަސްވުމެއް ކަމަށާއި މިއީވެސް އޭނާ އާއެކު ވެފައިވާ އެއްބަސްވުން ގޯސް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ސަބަބެއް ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ. އަދި އަދީބުގެ ފަރާތުންވެސް އެދިފައި ވަނީ މައްސަލަ އަލުން ކުރިމިނަލް ކޯޓުން ބަލަން އަމުރުކޮށް ދިނުމަށެވެ.
މިއަދު މި މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތުގައި ފަނޑިޔާރުންގެ ބެންޗު ބެލެހެއްޓެވީ ފަނޑިޔާރު ހުސައިން ނިޔާޒެވެ.
ފަނޑިޔާރު ނިޔާޒު ވިދާޅުވީ ގާޒީ އަމިއްލައަށް އިސް ނަންގަވައިގެން އެއްބަސްވުމަށް ގޮތެއް ނިންމެވީ ސައްހަ ނޫން އިޖުރާއަތެއްގެ މައްޗަށް ކަމަށާއި އެއީ އެކަން ކުރަން ގާނޫނުގައި ބުނާ ގޮތެއް ވެސް ނޫން ކަމަށެވެ. ދައުލަތުން މި މައްސަލާގައި ހުށަހަޅާފައިވާ ހުރިހާ ނުކުތާއެއްގެ މައްޗަށް މިއަދު ގޮތް ނިންމާފައި ނުވި ނަމަވެސް ފަނޑިޔާރު ވިދާޅުވީ އެއްބަސްވުމުގެ ސައްހަ ކަމާމެދު ހުށަހަޅާފައިވާ ނުކުތާއަށް ގޮތް ނިންމެވުމުން އެހެން ކަންކަމަށް ވެސް ޖަވާބު ލިބިގެންދާނެ ކަމަށެެވެ.
"ޖިނާއީ އިޖުރާއަތުގެ ދަށުން ދައުލަތާއި ދައުވާ ލިބޭ މީހާއާ ދެމެދު ހަދައި އިއުތިރާފު އެއްބަސްވުމުގެ ސައްހަކަން ބެލުމަކީ އެއީ ގާޒީއިން ކުރައްވަން ޖެހޭ ކަމެއް ނޫން. އެފަދަ އެއްބަސްވުމެއް ހުށަހަޅައިފިނަމަ ދައުވާ ލިބޭ ފަރާތަށް ފުރުސަތު ދޭން ޖެހޭނީ އެ އެއްބަސްވުމާ އެއްގޮތަށް އިއުތިރާފުވަންތޯ ނުވަތަ ނޫންތޯ ކަމަށް ބުނުމުގެ ފުރުސަތު. ސައްހަ އިއުތިރާފު އެއްބަސްވުމެއް އޮންނަ ހާލަތުގައި ވެސް ދައުވާ ލިބޭ މީހާ އިއުތިރާފުން ރުޖޫއަވާން ބޭނުންވާނަމަ އެ ހައްގު ދޭން ޖެހޭނެ. އަދި އެ އެއްބަސްވުން ބަލައިނުގަތުމަށް ވެސް ގާޒީއަށް ނިންމެވިދާނެ." ހުކުމް އިއްވަވަމުން ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.
ގާނޫނުގައި ބުނާ އެ ފުރުސަތުތައް ދިނުމުގެ ބަދަލުގައި އެއްބަސްވުން ސައްހަތޯ ނުވަތަ ނޫންތޯ ކަމާމެދު ބަހުސް ކުރުމަކީ ފޫނެއް ފަޔަށް ފެން ފުރުން ކަހަލަ ކަމެއް ކަމަށް ވެސް ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ. އަދި އެއީ ގާނޫނީ ބޭނުމެއް ނެތް ބޭކާރު ކަމެއް ކަމަށް ވިދާޅުވިއެވެ. އިއުތިރާފް ނުވަތަ ރުޖޫއަ ކުރުމުގެ ފުރުސަތެއް ދިނުމެއްނެތި އެއްބަސްވުން ބާތިލު ކުރުމަށް ކޯޓުން ނިންމެވި ނިންމެވުމަކީ ގާނޫނީ ހުއްޖަތެއް ނޫން ކަމަށާއި ހަތް ދައުވާއެއް ބޭރު ކޮށްފައިވަނީ ގޯސްކޮށް ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ. އެހެން ކަމުން އަލުން މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުން ފެށިގެން ޝަރީއަތްތަށް ކުރިއަށް ގެންދިޔުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.
އަދީބުގެ ބަންދަށް އިތުރު 15 ދުވަސް ޖެހުމަށްފަހު ހައި ކޯޓުން ބުނީ މި 15 ދުވަސްތެރޭގައި އޭނާގެ ބަންދާމެދު ކުރިމިނަލް ކޯޓުން އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.
އަދީބުގެ މައްޗަށް މީގެ ކުރިން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވި އެވެ. އެއީ މާބިންހުރާގެ މައްސަލަ އެވެ. އެ މައްސަލާގައި ކުރިމިނަލް ކޯޓުން އިއްވާފައި އޮތް 10 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް ހައިކޯޓުން އެންގީ މައްސަލަ އަލުން ކުރިމިނަލް ކޯޓުން ބެލުމަށެވެ. އެއީ އެ މައްސަލާގެ ތަހުގީގު ކުރިއަށް ގެންގޮސްފައި ވަނީ މިނިވަންކަމާއެކު ނޫން ކަމަށް ހައިކޯޓުން ކަނޑައެޅުމަށްފަހު އެވެ. އެ މައްސަލަ ޕީޖީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. ނަމަވެސް އަދީބާއެކު އެއްބާރުލުންދިނުމުގެ އެއްބަސްވުމަކަށް ގޮސް އޭގައި ޝަރުތެއްގެ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓުން ނެގުމަށް ޕީޖީ އެއްބަސްވެ، އެކަން އެގޮތަށް ކުރި އެވެ. އޭގެ ފަހުން ކުރިމިނަލް ކޯޓުން ވަނީ މާބިންހުރާ މައްސަލާގެ ތަހުގީގު ގޯސްކަމަށް ހައިކޯޓުން ނިންމާފައިވާތީ، އެ މައްސަލަ އަލުން ނުބެލުމަށް ނިންމާފަ އެވެ. އަދި ދެން އަދީބުގެ މައްޗަށް ހުރި ދައުވާތައް ވެސް އަނބުރާ ފޮނުވާލި އެވެ.