ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތިން ބިލެއް ތަސްދީގުކޮށްފި

Sep 21, 2020
1

ތިން ގާނޫނަކަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައީސް، މިއަދު ތަސްދީގު ކުރެއްވީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލާއި ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް ފަސްވަނަ އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލެވެ. މި ގާނޫނުތަކަށް އިސްލާހު ގެނެސްފައިވަނީ މި ސެޕްޓެންބަރު މަހުގެ ހަވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް ގެނައި އިސްލާހާއެކު ކޮމިޝަނުގެ ރައީސާއި މެންބަރުންގެ މަސްއޫލިއްޔަތުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އަދި ނުފޫޒެއްނެތި މިނިވަންކަމާއިއެކު މަސައްކަތްކުރުމަށް ކުރިއަށްވުރެ ބޮޑަށް މި އިސްލާހުގައި ބާރުއަޅައި، މި ކަމަށް ހާއްސަ ކޮށް މާއްދާއެއް އިތުރުކޮށްފައިވެއެވެ. އަދި ކޮމިޝަންގެ ޖަމާއީ ސުލޫކީ ހަމަތަކަށާއި މެންބަރުންގެ ޒާތީ ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް ވެސް މި އިސްލާހުގައި ބާރުއަޅައެވެ.

މީގެ އިތުރުން ކޮމިޝަނުގެ މެންބަރުންގެ މާލީ ހިސާބު ހުށަހެޅުމަށާއި އިތުރު ވަޒީފާ އަދާނުކުރުމަށާއި މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވާންވެސް ޖެހެެއެވެ. އަދި ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތައް ތަފުސީލުކޮށް މި އިސްލާހުތަކުގައި ބުނެފައިވެއެވެ.

ސިވިލްސާވިސްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހާއެކު އެ ކޮމިޝަނާއި އެ ކޮމިޝަނުގެ ރައީސްގެ މަސްއޫލިއްޔަތުތަކަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އަދި ނުފޫޒެއްނެތި މިނިވަންކަމާއިއެކު މަސައްކަތްކުރުމަށް ކުރިއަށްވުރެ ބޮޑަށް މި އިސްލާހުގައި ބާރުއަޅައި، މި ކަމަށް ހާއްސަ ކޮށް މާއްދާއެއް އިތުރުކޮށްފައިވެއެވެ.

މިޝަނުގެ މެންބަރުންގެ މާލީ ހިސާބު ހުށަހެޅުމަށާއި އިތުރު ވަޒީފާ އަދާނުކުރުމަށާއި މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމުގެ އިތުރުން ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރެކޯޑުތައް ބަލަހައްޓަންވެސް ލާޒިމުކޮށްފައިވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގައިވެސް މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ކޮމިޝަނުގެ މެންބަރުންގެ މަގާމުގެ ވާޖިބުތައް އަދާކުރުމުގައި ކޮމިޝަނުގެ ޖަމާއީ ސުލޫކު އަދި ކޮމިޝަނުގެ މެންބަރުންގެ ހައިސިއްޔަތާއި ފަރުދީ ހައިސިއްޔަތުން މެންބަރުން ހިފަހައްޓަންޖެހޭ ޒާތީ ސުލޫކެވެ.

އަދި ކޮމިޝަނުގެ މެންބަރުން އިތުރު ވަޒީފާ އަދާނުކުރުމާއި މަސްލަޙަތު ފުށުއަރާ ވިޔަފާރި ނުކުރުންފަދަ ކަންކަމާއި އަދި މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް ބާރުއަޅާ މާއްދާތައް ބިލުގައި ހިމަނާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލްތައް ތަސްދީގު ކުރެއްވުމާއި މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ. މި ގާނޫނުތަކަށް މިއަދު ވަނީ އަމަލުު ކުރަންވެސް ފަށާފައެވެ.