ބޭރު ކުޅިވަރު

އެސްޕަންޔޯލް އަތުން ރެއާލަށް ފަސޭހަ މޮޅެއް

މެޑްރިޑް (ޖެނުއަރ 10) – ސްޕެއިން ލީގުގައި މިރޭ އެސްޕަންޔޯލް އަތުން 3-0 އިން ދިހަ މީހުންނާއެކު ކުޅުނު ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

 އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވި ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 12 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް އެވެ. އަދި މެޗުގެ 28 ވަނަ މިނިޓުގައި ރެއާލްގެ ވޭލްސް ފޯވަޑް ގެރެތު ބޭލް ވަނީ ހިލޭޖެހުމަކުން ރެއާލްގެ ދެވަނަ ލަނޑު ޖަހައިފަ އެވެ.

މެޗުގެ 53 ވަނަ މިނިޓުގައި ރެއާލްގެ ޕޯޗުގަލް ޑިފެންޑަރު ފަބިއޯ ކޮއެންޓްރާއޯ އަށް ރަތްކާޑު ދެއްކި ނަމަވެސް، ރެއާލް ނާޗޯ ވަނީ 76 ވަނަ މިނިޓުގައި ލަނޑެއް ޖަހައި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

ރެއާލް ތާވަލްގެ އެއްވަނައިގައި 42 ޕޮއިންޓާއެކު އޮތްއިރު، ރެއާލްގެ ފަހަތުނަ ބާސެލޯނާ އާއި އެތުލެޓިކޯ އޮތީ 38 ޕޮއިންޓާއެކު އެވެ. ސްޕެއިން ލީގުގައި މާދަމާ ރޭ ބާސާ އާއި އެތުލެޓިކޯ ކުރިމަތިލާނެ އެވެ. -- ބީބީސީ