ދުނިޔެ

ސެލްފީ މައްސަލާގައި ބޮޑު ވަޒީރު މައާފަށް އެދިވަޑައިގެންފި

ކޮވިޑް-19 އިގެ ސަބަބުން ނިއު ޒިލެންޑްގައި އަޅާފައިވާ ފިޔަވަޅުތައް އެންމެ ރަށެއް ފިޔަވައި ހުރިހާ ރަށަކުން މިހާރު ވަނީ އުފާލާފަ އެވެ. އޮކްލެންޑްގައި އަދިވެސް މި ފިޔަވަޅުތައް ހުރީ ވަރުގަދަ ކޮށްފަ އެވެ. ނިއުޒިލެންޑްގެ ބޮޑުވަޒީރު އެޅުއްވި ފިޔަވަޅުތަކަށް އެކަމަނާ އަމަލު ނުކުރައްވާތީ ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އެ ކަމަނާ އަށް ފާޑު ކިޔާފައި ވެއެވެ. އެއީ އެކަމަނާގެ ސަޕޯޓަރުން ތަކަކާއެކު ގައިދުރުކަމެއް ނެތި ސެލްފީ އެއް ނަންގަވާފައިވާތީ އެވެ.

ބޮޑުވަޒީރު ޖެސިންޑާ އާޑެން އަކީ ސެލްފީ ނެންގެވުމަށް މަޝްހޫރު ކަނބަލެކެވެ. އެ ކަމަނާ ވަޑައިގަންނަވާ ކޮންމެ ތަނެއްގައި ވެސް ސަޕޯޓަރުންނާއެކު ސެލްފީ ނެގުން އޮވެ އެވެ. އެގޮތުން މިފަހަރުވެސް ސެލްފީ ނެންގެވިއިރު އެހާ ބޮޑަށް ވިސްނާ ވަޑައިގެން ނެންގެވުނީ ކަމަށް ވެއެވެ. އެހެންވެ މީހުންތައް ސޯޝަލް މީޑިއާގައި ފާޑުކިޔަން ފެށުމުން އެކަމަނާ ވަނީ އެންމެން ކިބައިން މިކަމަށް މައާފަށް އެދިވަޑައިގެންފަ އެވެ.

އެކަމަނާ މި ސެލްފީ ނަންގަވާފައި ވަނީ ޕާމާސްޓަން ނޯތު އަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިންނެވެ. އެ ޒިޔާރަތުގައި އުޅުއްވަނިކޮށް ބަޔަކު އައިސް އެކަމަނާ އަރިހުން އެމީހުންނާއެކު ފޮޓޯއަކަށް މަޑުކޮށްލަދެއްވަން ދެންނެވީއެވެ. އެމީހުންނަށް އިޖާބަ ދެއްވާ އެކަމަނާ އެމީހުންނާ އެކު ފޮޓޯ ނަންގަވަން ހުއްޓިވަޑައިގެން ހުންނެވިއިރު ގައިދުރުކަން ބަހައްޓަން ޖެހޭ ވަރަށް ކޮންމެ ދެ މީހެއްގެ ދެމެދުގައި 1.5 މީޓަރުގެ ދުރުމިނެއް ނެތެވެ. އެންމެން ތިބީ ބޮނޑިއަކަށެވެ. މި ފޮޓޮއަށް އެހާ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެހެންވެ އެވެ.

އެންމެން ކިބައިން މައާފަށް އެދިވަޑައިގަންނަވަމުން އެކަމަނާ ސޯޝަލް މީޑިއާގައި ޕޯސްޓް ކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ މީހުންނާ ދުރުދުރުން އުޅުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރައްވަނެ ކަމުގެ ޔަގީންކަން އެކަމަނާ ދެއްވި އެވެ. އަދި ސަލާން ކޮށްލަން މީހުންނަށް އަތް ދިއްކޮށް ނުލެވޭތީ އަދި އެހެން މީހުން ދިއްކުރާ އަތުގައި ވެސް ހިފާ ނުލެވުމަކީ ވަރަށް އެހެން ކަހަލަ އިހްސާސެއް ކުރެވޭ ވަގުތެއް ކަމަށް އެ ކަމަނާ ވިދާޅުވެފައި ވެއެވެ.

ނިއު ޒިލެންޑްގެ އިދިކޮޅު ފަރާތްތަކުންވެސް އެކަމަނާގެ މި ފޮޓޯއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައި ވެއެވެ. ޚާއްސަކޮށް އެކަމަނާ ޒިޔާރަތްކުރައްވާ ސެލްފީ ނެންގެވި ޕާމްސްޓަން ނޯތު އަކީ އެލާޓް ލެވެލް 2 ގައިވާ ތަނަކަށް ވެފައި އެކަމަނާއަށް އޮޅިގެން ނަމަވެސް މިގޮތަށް ކަންތައް ކުރެއްވުނީމަ އެވެ.

ނިއުޒިލެންޑްގެ އޮކްލެންޑް ފިޔަވައި އެހެން ހުރިހާ ހިސާބެއްގައި މިހާރު ކޮރޯނާވައިރަހާ ގުޅިގެން އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. ނަމަވެސް އޮކްލެންޑަށް ކޮރޯނާވައިރަހުގެ ދެ ވަނަ ރާޅެއް ބިންދާލައި އެ ރަށުގެ ގިނަ ބަޔަކަށް ވަރަށް ހަލުވިކަމާއެކު މި ބަލި ޖެހެމުން އެބަ ދެއެވެ.

ބޮޑުވަޒީރަށް ތާއީދުކުރާ ގިނަ ބަޔަކު ބުނަނީ އެ ކަމަނާ އަށް ކުރެވުނީ ރަނގަޅުކަމެއް ނޫންކަން އެނގިވަޑައިގަތުމުން މައާފަށް އެދިވަޑައިގަތީ އެކަމަނާގެ ރަނގަޅުކަމުންނެވެ. އަދި އެ ކަމަނާ މި ކުރެއްވީ ދުނިޔޭގެ އެހެން ގައުމުތަކުގެ ލީޑަރުން ވެސް ނަމޫނާ ނަގަން ޖެހޭނެ ފަދަ ކަމެކެވެ.