ހަބަރު

މޫލީ ކުރަހައިގެން ބޮޑު އިނާމެއް

މޫލީ އާޓް ކޮންޓެސްޓްގެ ނަމުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސްގެ ފަރާތުން މުބާރާތެއް ފަށަފި އެވެ.

އުރީދޫ އިން ބުނީ މިމަހުގެ 30 ވަނަ ދުވަހާއި ހަމަޔަށް ކުރިއަށް ގެންދާ މި މުބާރާތުގައި އުމުރުން ފަސް އަހަރާއި 12 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ކުއްޖަކުވެސް އެ ކުއްޖެއްގެ ހިޔާލުގައި މޫލީ ހުންނާނެ ގޮތަށް ކުރެހުމަށްފަހު، އެ ކުރެހުމުގެ ފޮޓޯއެއް ފޭސްބުކް އެކައުންޓް ނުވަތަ އިންސްޓަގްރާމްގައި "ހޭޝްޓެގް މައިމޫލީ" ޖެހުމަށްފަހު ޕޯސްޓު ކުރުމަށް އުރީދޫން ބުނެއެވެ.

އެ ޕޯސްޓްގައި މޫލީ.އެމްވީ ޓެގް ކުރުމަށާއި، އެ ޕޯސްޓް ޕަބްލިކް ޕޯސްޓެއްގެ ގޮތުގައި ޕޯސްޓް ކުރުމަށްވެސް އުރީދޫން ބުނެއެވެ. އަދި މި މުބާރާތުގައި ކުދިންގެ ކުރެހުން ފޭސްބުކް އަދި އިންސްޓަގްރާމްގައި ޝާއިއު ކުރާނީ އެކުއްޖެގެ ބެލެނިވެރިއާގެ އެކައުންޓުންނެވެ.

އުރީދޫއިން ބުނީ މި މުބާރާތުގައި ބައިވެރިވާ ކުދިންތަކުގެ ތެރެއިން ހޮވޭ ކުދިންނަށް އަގުހިރި ތިން އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މި މުބާރާތުން އެއްވަނަ ހޯދާ ކުއްޖަކަށް، އެމެޒޯން ފަޔާ ސްޓިކާއި އާޓް ކިޓް އަކާއި އަދި ސަޕްރައިޒް ހަދިޔާއެއް ލިބޭއިރު ދެވަނަ ހޯދާ ކުއްޖަކަށް، ސަން ބަމް ހެއާ ކެއާ ސެޓަކާއި އާޓް ފޮތަކާއި ކުރަހާ ފަންސޫރު ފޮއްޓެއް ދޭނެ ކަމަށެވެ. އަދި ތިންވަނަ ހޯދާ ކުއްޖަކަށް، ސަން ކެއާ ސެޓަކަާއި އާޓް ފޮތާއި ކުރަހާ ފަންސޫރު ފޮޓެއް ދޭނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.

އުރީދޫގެ އީ-ކޮމާސް މާކެޓްޕްލޭސް ޕްލެޓްފޯމް "މޫލީ" އަކީ ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލް ކޮށްލަދޭ ޕްލެޓްފޯމެކެވެ.