އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕްގެ މެންބަރެއްކަމަށްވާ ދި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފަސް މިލިއަން ޑޮލަރުގެ މުރާބަހާ ފައިނޭންސިން ފެސިލިޓީއެއް ހަމަޖައްސައިދީފި އެވެ.
ބީއެމްއެލުން ބުނީ މި ފެސިލިޓީ އަކީ ބޭންކުގެ ޕްރައިވެޓް ވިޔަފާރިތަކާއި ހާއްސަކޮށް ރާޢްޖޭން ބޭރުގެ މާކެޓްތަކުން މުދާ ގެންނަ (ރޯ މެޓީރިއަލް) ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކަށް ދޫކޮށްފައިވާ ފެސިލިޓީއެއް ކަމަށެވެ.
އައިޓީއެފްސީ އިން ފުޅާދާއިރާއެއްގައި ޕްރައިވެޓް ސެކްޓާ އަށް އަމާޒުކޮށް އެހީތެރިވުމަށް އެކި ގައުމުތަކުގެ ލޯކަލް ބޭންކްތައް މެދުވެރިކޮށް ފައިނޭންސް ދޫކުރަމުންދާއިރު ބީއެމްއެލްއަކީ އައިޓީއެފްސީ އާ ގުޅިގެން ރާއްޖެއަށް ފައިނޭންސް ހަމަޖައްސައިދޭ ފުރަތަމަ ބޭންކެވެ.
މި ފައިނޭންސް ހަމަޖެހިގެން މިދަނީ ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔޭގެ ވިޔަފާރިއަށާއި މާލީ ދާއިރާއަށް ބޮޑެތި ލޮޅުންތަކެއް އެރުމުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަދި އޯއިސީގެ މެންބަރު ގައުމުތަކަށްވެސް އިޖްތިމާއީ އަދި އިގްތިސާދީ ހީނަރުކަން ދިމާވެފައިވާ ނާޒުކު ދަނޑިވަޅެއްގައެވެ.
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އިގްތިސާދަށް ނުހަނު ބޮޑަށް އަސަރުކޮށްފައިވާއިރު ބީއެމްއެލުން ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެކި މަސައްކަތް ކުރަމުން ކަމަށެވެ.
"މި މަސައްކަތުގެ ތެރެއިން އައިޓީއެފްސީ އާ ގުޅިގެން ވިޔަފާރިތަކަށް ހާއްސަކޮށް ފަސް މިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިން އެއް ހަމަޖެހިގެންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި މި ފައިނޭންސް އެހީތެރިވެދެވޭނެ،" ސޯޔާ ވިދާޅުވި އެވެ.
އައިޓީއެފްސީގެ ސީއީއޯ އީއެންޖީ ހާނީ ސަލިމް ސޮންބޮލް ވިދާޅުވީ އައިޓީއެފްސީގެ ސްޓްރެޓެޖީގެ މައިގަނޑު އެއް އަސާސަކީ ގައުމުތަކުގައި ހިންގަމުންދާ ބޭންކް އޮފް މޯލްޑިވްސް ފަދަ މާލީ އިދާރާތަކާ ގުޅިގެން އެފަރާތްތައް މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
"މި ގޮތުން އެ ވިޔަފާރިތަކުގެ ސަބަބުން އެ ގައުމެއްގެ އިގްތިސާދަށް ކުރިއެރުން ލިބި އަދި ދުނިޔޭގެ ވިޔަފާރީގެ މަސްރަހުގައި ބައިވެރިވުމަށް ފުރުސަތު ތަނަވަސްވެގެންދާނެވެސްމެ. އަދި ހަމައެހެންމެ އޯއިސީގެ ގައުމުތަކުގެ މެދުގައި ވިޔަފާރި ގުޅުންތައް ރަނގަޅުވެ، ގިނަ ގައުމުތަކެއްގެ އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ކުރިއެރުމަށް ގިނަ ގައުމުތަކަކަށް ފުރުސަތު ހުޅުވިގެންދާނެވެސްމެ،" އޭނާ ވިދާޅުވި އެވެ.
އައިޓީއެފްސީ އިން މިވަގުތު ދޫކުރުމުންދާ ފައިނޭންސް އާއި ހިލޭ އެހީއަކީ އައިއެސްޑީބީ ގްރޫޕުން ކޮވިޑް-19 ރެސްޕޯންސް ޕެކޭޖްގެ ދަށުން މި ބަލިމަޑުކަމުން އަރައިގަތުމަށް ތައްޔާރުވުމުގެ ގޮތުން ބޭހުގެ ބާވަތްތަކާއި، ކާބޯތަކެތީގެ އިތުރުން ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާ ހޯދުމަށް އޯއިސީގެ ގައުމުތައް ކަމަށްވާ ބަންގްލަދޭޝް، މިސްރު، ކިރިގިސްތާން، ރާއްޖެ އަދި ސެނެގާލް ހިމެނޭ ގޮތަށް ދެމުންދާ މާލީ އެހީތެރިކަމެކެވެ.