މީހުން

މަލިކަށް އުފަން ސާފު ސީދާ ދިވެހި ހިތެއް: އޭނާ އައީ ދިވެހި ބަސް ކިޔަވަން

  • ދިވެހި ބަހުން ކިޔެވެން އޮތް އެންމެ މައްޗަކަށް ކިޔަވަން އޭނާ ބޭނުން
  • އެކަމަކު އެންމެ ފުރަތަމަ ރާއްޖެ އައީ އީދެއްގައި ޝޯއެއް ދޭން
  • މިހާރުގެ ހުވަފެނަކީ މަލިކުގައި ދިވެހި ބަސް އާލާކޮށް ދިރުވުން

އެއީ 2007 ވަނަ އަހަރެވެ. އިންޑިއާގެ ކޮޗިން އިން އޭނާއާ ދިމާވަނީ ބޭސްފަރުވާގެ ދަތުރެއްގައި އެކޮޅަށް ގޮސް އުޅުނު ދިވެހި އާއިލާއަކާ އެވެ. ދިވެހި ރާއްޖެ އަށް އަދި ދިވެހިންނާއި ދިވެހިންގެ ސަގާފަތަށް ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމުން އެ މީހުންނާ އަނގައެއް ތަޅާނުލައި އޭނާ އަށް އެ ދުވަހަކު ނުހުރެވުނެވެ.

"ދިވެހިންކަން އެނގިގެން އަޅުގަނޑު އެމީހުންނާ ވާހަކަ ދެއްކީ. އަޅުގަނޑު ބުނިން ރާއްޖެ އަކީ ވަރަށް ޑްރީމްކުރާ ތަނެކޭ ދާން. ސަގާފަތާއި ދިރިއުޅުން ވަރަށް ބަލާލާހިތްވެޔޭ. ކިހިނެތްހޭ ރާއްޖެ އަށް ދާން އަޅުގަނޑަށް ފުރުސަތެއް ލިބޭނީ."

މި ވާހަކައެއް ނިންމާލާފައި ދިވެހި އާއިލާ ފުރައިގެން ދިޔައީ ކޮޗިން އިން އެމީހުންނާ ބައްދަލުވެ ރައްޓެހިކަން އުފެދުނު މި އިންޑިއާގެ މި ޒުވާނާ ރާއްޖެ ގެންގޮސްދޭނެ ކަމަށް ވައުދުވުމަށް ފަހު އެވެ.

"އެމީހުން ބުނީ އީދަށް ޝޯއެއް ހަމަޖައްސާފައި ގުޅާނަމޭ. އެހެން ކިޔާފައި ދިޔައީ."

އެހެންވީމަ އިންޑިއާ އިން މި ދިވެހި އާއިލާއާ ބައްދަލުމިވީ ކާކާ ހެއްޔެވެ؟ އަދި އެންމެފަހުން އޭނާ އަށް ރާއްޖެ އާދެވި ހުވަފެންތައް ހަގީގަތަކަށް ހެދުނު ގޮތަކީ ކޮބައި ހެއްޔެވެ؟

އޭނާގެ ނަމަކީ އަޝްރަފް އަލީ ޝާން އެވެ. މަލިކަށް އުފަން 26 އަހަރުގެ ޒުވާނެކެވެ.

އޭނާ އަށް ރާއްޖެ އާދެވުނީ ލަވަކިޔުންތެރިއެއްގެ ގޮތުގައި ދިވެހި އެ އާއިލާ އަށް ދެއްކި ޖާދޫއަކަށް ފަހު އެވެ. ޝާން އޭނާގެ އާއިލާއާ އެކު ދިރިއުޅޭ ކޮޗިން އިން ބައްދަލުވި ދިވެހި އާއިލާ އިން އޭނާ އަށް ގުޅީ 2012 ވަނަ އަހަރުގެ ބޮޑު އީދުގެ ޝޯއެއްގައި ޕާފޯމްކޮށް ދިނުމަށް އެދި އެވެ.

"ހީއެއް ނުކުރަން އެމީހުން ގުޅާނެ ކަމަކަށް ވެސް އަދި އެހެން ބުންޏެއް ކަމަކު. އެކަމަކު އީދަށް ދެ ތިން ދުވަސް އޮތްވައި ގުޅާފައި ބުނީ ޝޯ އަށް ތައްޔާރުވެގެންނޭ މި ތިބީ ޝާން އަށް އާދެވޭހޭ. ދަތުރުގެ ހުރިހާ ޚަރަދެއް ވެސް ހަމަޖެއްސީ އެމީހުން،" މިއީ ޝާން އަށް މި ރާއްޖެ އާދެވުނު ގޮތެވެ.

އެއަށް ފަހު މިހާރު އޭނާ އަކީ ދިވެހި ބަހުގެ ދަރިވަރެކެވެ. މާލޭގައި އޭނާ ދަނީ ދިވެހި ބަހުގެ ޑިޕްލޮމާ އަށް ކިޔަވަމުންނެވެ. މިހާރު އޭނާގެ ހުވަފެނަކަށް ނުވަތަ އަމާޒަކަށް ވެފައި ވަނީ ދިވެހި ބަހުން ޑިގްރީއެއް ހިފައިގެން އުފަން ރަށް މަލިކަށް ދިއުމެވެ.

"މިކޮޅުން ދިވެހި ބަހުން ޑިގްރީ ނަގައިގެން ގޮސް އެކޮޅުގައި ކުދިންނަށް ދިވެހި ބަސް ކިޔަވައިދޭން ބޭނުން. އެއީ މިހާރު މަލިކުގައި އުޅޭ ޒުވާން ކުދިންނަކަށް ނޭނގޭނެ ރަނގަޅަށް ދިވެހި ބަހުން ވާހަކަ ދައްކާކަށް ވެސް. ބަހުގެ ހަމަ އާއި ގަވާއިދުތަކެއް ވެސް ނޭނގޭ،" ޝާން ބުނީ އޭނާގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މިއީ ކަމަށެވެ.

ހުރިހާ ވެސް ޝުކުރެއް އޭނާގެ ހިތުގައި ދިވެހި ބަހަށާއި ސަގާފަތަށް ދީފައިވާ އިހްތިރާމާއި ގަދަރަށެވެ. ޝާން ބުނީ މަލިކުގައި ދިވެހި ބަސް ނުވަތަ މަލިކު މީހުން ކިޔާ ގޮތުން ނަމަ މަހަލް ބަހަށް ލޯތްބެއް ނެތްއިރު އެ ބަސް ސްކޫލްތަކުގައި ކިޔަވައިދިނުން އިންޑިއާ އިން ކޮންޓްރޯލްކޮށްފައި އޮތުމުގެ ސަބަބުން ވަރަށް ބޮޑަށް އޭގެ ނޭދެވޭ އަސަރު މަލިކުގެ މަހަލް ބަހަށް ކޮށްފައިވާ ކަމަށެވެ.

"އެކަމަކު މަލިކު މީހުންނަށް ދިވެހި ބަސް ނުވަތަ މަލިކު މީހުން ކިޔާ ގޮތުން ނަމަ މަހަލް ބަސް މިއީ ވަރަށް މުހިންމު ބަހެއް. ވަރަށް މުއްސަނދި ބަހެއް. އެހެންވީމަ އެބަޖެހޭ މި ބަސް އާލާކޮށް ދިރުވަން،" ދިވެހި ބަސް ކިޔަވަން މިދިޔަ އަހަރުގެ އޮކްޓޯބަރު އަލުން މާލެ އައި ޝާން ބުންޏެވެ.

"އެހެން ނަމަވެސް އިންޑިއާގެ އެޑިއުކޭޝަން މިނިސްޓްރީއަކަށް ދިވެހި ބަސް މުހިންމެއް ނޫން މިހާރަކު. މަލިކުގައި މިހާރު ދިވެހި ބަސް ކިޔަވައި ދެނީ ގްރޭޑް ފަހެކާ ހަމަ އަށް އެކަނި. އެހެންވީމަ ދިވެހި ބަސް ދަނީ މަލިކުގައި ވަރަށް ދަށްވަމުން. އެ ބަހުގެ އެއްވެސް މުހިންމުކަމެއް ނެތް މިހާރަކު މަލިކަކު"

"މިސާލަކަށް ދިވެހި ލަވައެއް ޖެހިޔަސް މަލިކު މީހަކަށް ވާނީ މިހާރު އެކަން ފޫހި ކަމަކަށް. އެއްވެސް ކަހަލަ ލޯތްބެއް ނެތް އެމީހުންގެ އަމިއްލަ ބަހަކަށް މިހާރު."

ޝާން ބުނީ އޭނާއާ އެއްވަރަކަށް މި މައްސަލާގައި ކަންބޮޑުވާ މަލިކުގެ އިތުރު އެތައް ބަޔަކު ވެސް އެބަތިބި ކަމަށާއި ދިވެހި ބަސް ރާއްޖެ އިން ކިޔަވައިގެން ގޮސް މަލިކުގައި ދިވެހި ބަހުގެ އަސްލު ގަވާއިދުތައް ކިޔަވައިދޭން ބޭނުން ވަނީ އެ ސަބަބާ ހެދި ކަމަށެވެ. އޭނާ ގަބޫލުކުރަނީ އޭނާގެ މަސައްކަތުން، ދިވެހި ބަހަށް އަލުން ލޯބިކުރާ ބައަކަށް މަލިކުގެ ރައްޔިތުން ހެދިދާނެ ކަމަށެވެ.

ކޮންމެއަކަސް މި ޒުވާނެއްގެ ޖާދޫ ނުވަތަ އޭނާގެ މޮޅުކަން ދިވެހިންނަށް ފާހަގަކުރެވިގެން އުޅެނީ ދިވެހި ބަހާއި ސަގާފަތަށް އޭނާގެ ހިތުގައި އޮތް ގަދަރެއްގެ ބޮޑުކަމަކުންނެއް ނޫނެވެ. މާ މޮޅު ލަވަކިޔުންތެރިޔަކަށްވީމަ އެވެ.

އިންޑިއާގެ ކޮޗިންގައި ވެސް ޝޯތައް ދީ އުޅުނު ޝާން އަކީ މިހާރު ރާއްޖޭގައި ވެސް މަޝްހޫރުކަން ހޯދާފައިވާ ލަވަކިޔުންތެރިއެކެވެ. އެގޮތުން ވީޓީވީ އިން މިދިޔަ ރޯދަ މަހު ގެނެސްދިން ރަން ހަނދާނުގައި ޝޯގައި އޭނާ ލަވަ ހުށަހަޅައި ދިންއިރު ޓީވީއެމްގެ މަގްބޫލު ޝޯ ހޭޔަމްބޯގެ ސަމާލުކަން ވެސް ހޯދާފައިވެ އެވެ.

އެހެން ނަމަވެސް އޭނާ އެންމެ މަޝްހޫރީ ނުވަތަ އޭނާގެ ޑިމާންޑް އެންމެ ބޮޑީ އީދު ބަންދުތަކާ ގުޅިގެން ރަށްރަށުގައި ބާއްވާ މިއުޒިކް ޝޯތަކަށެވެ. ނިމިގެން ދިޔަ ބޮޑު އީދުގައި ވެސް އެންމެ ޝޯއަކުން އޭނާ 15،000 ރުފިޔާ ނެގި އެވެ. ޔަގީނަށް ވެސް މިއީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާ ވާދަކޮށްލެވޭ ފެންވަރުގެ އަދަދެެކެވެ.

ޝާން ބުނީ އޭނާގެ ބައްޕަ އަކީ ލަވަކިޔަން މޮޅު މިއުޒީޝަނެއް ކަމަށާއި އިންޑިއާގައި ބައްޕަމެންނާ އެކު އެކި ޝޯތައް ކުޅެން ލިބޭ ކަމަށެވެ. އިންޑިއަން ކްލެސިކަލް މިއުޒިކްގެ ދާއިރާ އިން ޝާންގެ އަތުގައި ޑިގްރީއެއް ވެސް އެބައޮތެވެ.

ދިވެހިންގެ ތެރެއިން ބައެއް މީހުން ޝާންގެ އަޑު ސިފަކުރަނީ ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ އަޑާ ވައްތަރު އަޑެއްގެ ގޮތުގަ އެވެ. މުޅި މަލިކުގައި ވެސް އެންމެ މަޝްހޫރު ދިވެހި ލަވަކިޔުންތެރިޔާ ކަމުގައިވާ އަލީ ރަމީޒަކީ ޝާންގެ ވެސް އެންމެ ފެވަރިޓް ދިވެހި އާޓިސްޓެވެ. އޭނާ އެންމެ އާންމުކޮށް ރާއްޖޭގައި ޕާފޯމްކުރަނީ ވެސް އަލީ ރަމީޒުގެ މަޝްހޫރު ލަވަތަކެވެ.

ނަމަވެސް ލަަވަކިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުވުމަކީ ނުވަތަ ކުރި އަރައިގެން ދިއުމަކީ އޭނާގެ އެންމެ ބޮޑު ހުވަފެނެއް ނޫނެވެ.

"ބޮޑަށް ބޭނުން ވަނީ ދިވެހި ބަސް ކިޔަވައިގެން ދިވެހި ބަހަށް ހިދުމަތްކުރަން ލަވަކިޔުމަށް ވުރެ ބޮޑަށް،" ޝާން ބުންޏެވެ.

އޭނާ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މަޝްހޫރުކަން ހޯދަމުން އަންނައިރު މިއީ "ދެ ވަނަ މަލިކު މުހައްމަދަކަށް" ވެދާނެ ކަމަށް ބުނާ ބަޔަކު ވެސް އެބަތިއްބެވެ. ހަގީގަތަކީ މިއީ ދެ ވަނަ މަލިކު މުހައްމަދު ކަމެވެ.

މަރިޔަމް ނިޝާއާ އެކު ކުޅުނު ލަވައަކަށް ފަހު ދިވެހި ފިލްމީ ދާއިރާގައި ބޮޑު މަޝްހޫރުކަމެއް ކުރިން ހޯދި މަލިކް މުހައްމަދަކީ ޝާންގެ ބޮޑުބޭބެ އެކެވެ.

"އަޅުގަނޑުގެ ވަރަށް ބޮޑު ޝުކުރެއް ބޮޑުބޭބެ އަށް ދޭން ބޭނުން. އެއީ ހުރިހާ ކަމެއްގައި މާލޭގައި އަޅުގަނޑަށް އެހީތެރިވެ ދެނީ އޭނާ. ދެން މަންމަ އާއި ބައްޕަ އަށް،" ޝާނު ބުންޏެވެ.