ޕާޓާ ޓްރެވަލް މާޓް (ޕީ.ޓީ.އެމް) ވާޗުއަލްގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީއާރް.ސީ) އިން ބައިވެރިވެއްޖެ އެވެ.
މި ފެއާއަކީ ޕެސިފިކް އޭޝިއާ ޓެރެވަލް އެސޯސިއޭޝަން (ޕާޓާ) އިން ކުރިއަށްގެންދާ ސިޗުއާން އިންޓަނޭޝަނަލް ޓެރެވަލް އެކްސްޕޯއާ ގުޅުވާލައިގެން ކުރިއަށްގެންދާ ފެއާ އެކެވެ.
އެމްއެމްޕީއާރްސީ އިން ބުނީ ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓްރެވަލް ޓްރޭޑް ކުންފުނިތަކާ އެއްތަނަކުން ބައްދަކުރުމުގެ ފުރުސަތު އެ ކޯޕަރޭޝަނަށް ލިބިގެންދާނެ ކަމަށެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް ކުރިއާލައި އެކި ކުންފުނިތަކާއި ބައްދަލު ކުރުމަށް އެޕޮއިންޓްމަންޓް ހެދޭނެ ކަމަށާއި މީގެ އިތުރަށް ފަތުރުވެރިކަމުގެ ދާއިރާގެ އެންމެފަހުގެ ހަބަރުތަކާއި ފަތުރުވެރިކަމުގެ މަންޒިލްތަކާ ގުޅޭ ފަހުގެ ހަބަރުތައް މި ޕްލެޓްފޯމްގެ މެދުވެރިކޮށް ބައިވެރިންނަ ލިބިގެންދާނެ ކަމަށެވެ.
މިފެއާގެ ތެރޭގައި ބޭއްވޭ ލައިވް ޕްރެޒެންޓޭޝަން އާއި ފޯރަމް ބައްދަލުވުންތަކުގައި ކުރިއަށް އޮތް ތަނުގައި ޓުއަރިޒަމް ދާއިރާގެ މާކެޓިން ސްޓްރެޓެޖީ ރާވާލާނެ ގޮތުގެ މައުލޫމާތު ވެސް ބައިވެރިވާ ފަރާތްތަކަށް ހިއްސާ ކުރާނެ ކަމަށާއ މީގެއިތުރުން އޭޝިއާ ޕެސިފިކް ރީޖަންގެ ގައުމުތަކުގެ ޓެރެވަލް ޓްރޭޑުން ކުރަމުން ގެންދާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ ހާއްސަ އެވޯޑް ކަމަށްވާ 'ޕާޓާ ގުލޯބަލް އެވޯޑް ޕްރެޒެންޓޭޝަން' ބޭވުމަށް ވެސް ވަނީ
ހަމަޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.
ވާޗުއަލް އިވެންޓް ގައި ބައިވެރިވާ ފަރާތްތަކުގެ ޝައުގުވެރިކަން ދެމެހެއްޓުމަށް ތަފާތު ގޭމްތައް ކުރިޔަށް ގެންދިޔުމަށް ވެސް ނިންމާފައިވާ ކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފަ އެވެ.
އެމްއެމްޕީއާރްސީ އިން ވަނީ މި އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުން ފެށިގެން 17 ޖުލައިގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ޕާޓާ 'ޑްރީމް ޓު ޓެރެވަލް ފެސްޓިވަލް' ގައި ވެސް ބައިވެރިވެފަ އެވެ. އަދި ފަތުރުވެރިންގެ މެދުގައި ދިވެހިރާއްޖެއާ މެދު އޮންނަ އިތުބާރު އިތުރުކުރުމުގެ ގޮތުން އެމް.އެމް.ޕީއާރް.ސީ ވަނީ "މޯލްޑިވްސް ރީ ޑިސްކަވާ"ގެ ނަމުގައި ވެބިނާ ސީރީސްއެއް މިމަހުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ކުރިޔަށް ގެންގޮސްފަ އެވެ. މި ވެބިނާ ސީރީސްއަކީ ހަތަރު ޝެޝަންއަކަށް ބަހާލެވިގެން، ދިވެހިރާއްޖެ އަށް ފަތުރުވެރިން އަންނަ ބޮޑެތި މާކެޓްތަކުގެ ޓްރެވަލް ޓްރޭޑް އާއި މީޑިއާތަކަށް ހާއްސަކުރެވިގެން ބޭއްވުނު ވެބިނާ ތަކެކެވެ.
އެމްއެމްޕީއާރްސީ އިން ބުނީ މިފަދަ ވާޗުއަލް އިވެންޓްތަކުގައި ބައިވެރިވުމުގެ މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ އެންމެފަހުގެ މައުލޫމާތު ފޯރުކޮށްދީ، ގުދުރަތީގޮތުން ރާއްޖެ ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮތުމަކީ ކޮވިޑް-19އަށް ފަހު ޗުއްޓީ ހޭދަކުރުމަށް ފަތުރުވެރިން ދަތުރުކުރަން އެންމެ ރައްކާތެރި މަންޒިލެއް ގޮތުގައި ރާއްޖެ ވާ ސަބަބު ބުނެދިނުން ކަމަށެވެ. މީގެއިތުރުން ވެސް ފަތުރުވެރިންނަށް ދިވެހިރާއްޖޭގައި ތަޖުރިބާ ކުރެވެން ހުންނަ ކަންކަން ބުނެދިނުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުގެ މެދުގައި ދިވެހިރާއްޖެއާ މެދު އޮންނަ
އިތުބާރު ދެމެހެއްޓުން ކަމަށްވެސް ވަނީ ބުނެފަ އެވެ.
ޕެސިފިކް އޭޝިއާގެ ގައުމުތަކަކީ ދިވެހިރާއްޖެ އަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތައް ހިމެނޭ ރީޖަން އެކެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ކުރިން ޗައިނާ، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކަކީ ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ދިހަ ގައުމުގެ ތެރޭގައި ހިމެނޭ ގައުމުތަކެވެ. ހާލަތު ރަނގަޅުވެ، އަލުން ދަތުރުތައް ފެށުމާއެކު އުންމީދުކުރެވެނީ މި މާކެޓްތަކުން ދިވެހިރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ކުރިއަށް އޮތްތަނުގައި އިތުރުވެގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފަ އެވެ.