ހަބަރު

ޝިޕިން ކުންފުންޏެއް ގާއިމުކުރުމުން މެރިޓައިމް ދާއިރާ ވަރުގަދަވެއްޖެ: ނަހުލާ

ސަރުކާރުން ޝިޕިން ކުންފުންޏެއް ގާއިމް ކުރުމަކީ ރާއްޖޭގެ މެރިޓައިމް ދާއިރާގެ ހިއުމަން ރިސޯސް ވަރުގަދަކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ މެރިޓައިމް ދުވަހާ ގުޅުވައި މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ މެރިޓައިމް ދާއިރާގައި މީހުން ބިނާކުރުންކަމަށާއި މިހާރު މަސައްކަތްކުރާ ސީމަނުންނަށް އިތުރު ތަމްރީނު ދިނުން ކަމަށެވެ. އަދި މެރިޓައިމް ދާއިރާގެ މަސައްކަތްތެރިންނާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާ ވަރަށް އަވަހަށް ތަސްދީގު ކުރައްވާނެކަމަށްވެސް ވިދާޅުުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ދުނިޔެއަށް ދިމާވެފައިވާ މި ދަނޑިވަޅުގައިވެސް ބައެއް ކަހަލަ ކަންކަން ތަންފީޒު ކުރުމަކީ އުނދަގޫ ކަމަކަށް ވިޔަސް ސަރުކާރުން ވަނީ ޝިޕިން ކުންފުންޏެއް ގާއިމްކޮށްފައި ކަމަށެވެ. އަދި މިއީ ރާއްޖޭގެ މެރިޓައިމް ދާއިރާގެ ހިއުމަން ރިސޯސް ވަަރުގަަދަ ވުމަށް ލިބޭ ފުރުސަތެއް ކަމަށް ފާހަގަ ކުރެއްވި އެވެ.

އިންޑިއާ އާއި ރާއްްޖެ އާ ދެމެދު ސީދާ ކާގޯ ޝިޕިންގެ ހިދުމަތް ފެށިކަންވެސް ހިތޯބުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

އިތުރަށް ފާހަގަ ކުރެއްވީ، ތިމާވެށި ރައްކާތެރިކުރުމަށް އެމިޝަންސް މަދުކުރުމަށްޓަކައި ފާހަގަކުރެވިފައިވާ ކަންކަމަށް މެރިޓައިމް ދާއިރާއިންވެސް އަވަސް ހައްލެއް ހޯދަަންޖެހޭ ކަމަށެވެ.

މި އަހަރުގެ މެރިޓައިމް ދުވަހުގެ ޝިއާރަކީ ”ސަސްޓެއިނަބަލް ޝިޕިންގް ފޯ އަ ސަސްޓެއިނަބަލް ޕްލެނެޓް“، ނުވަތަ ”ދެމެހެއްޓެނިވި ދުނިޔެއަކަށް ދެމެހެއްޓެނިވި ޝިޕިންގް އިންޑަސްޓްރީއެއް“ އެވެ.