ހަބަރު

އާ މަންހަޖާއެކު ދިރާސީ އާ އަހަރު ފަށައިފި

Jan 11, 2015

ރާއްޖޭގެ ތައުލީމް ދާއިރާއަށް ކުރިއެރުންތަކެއް ގެނެސް ދިނުމުގެ އަޒުމާއެކު މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެމުން މިއަދު ފަށައިފި އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިއިރު މި އަހަރު މުޅިން އަލަށް އާ މަންހަޖަކަށް ކިޔަވައިދޭން ފަށާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާފައިވަނީ މިނިސްޓްރީން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށެވެ.

މި އަހަރު އަލަށް އަމަލު ކިޔަވައިދޭން ފެށި މަންހަޖުގެ ދަށުން ސްކޫލުތަކަށް ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ދަރިވަރުން ސްކޫލުގައި ހޭދަ ކުރާ ވަގުތަށް ވެސް ބަދަލު އައިސްފައިވާއިރު، ސްކޫލްތަކުގައި ކިޔަވައިދޭ ތަކެއްޗަށް ވެސް ބަދަލު ގެނެސްފައިވެ އެވެ. އާ މަންހަޖާ ގުޅިގެން ހާއްސަ ޓެކްސް ފޮތްތަކެއްވެސް ތައާރަފުކޮށްފަ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިއިރު ތައުލީމީ ދާއިރާއަށް ގެނެސްފައިވާ މައިގަނޑު އެންމެ ބޮޑު އެއް ބަދަލަކީ ކިޔަވައި ދިނުމުގައި ހަރަކާތްތެރިވާ ޓީޗަރުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނެސްފައިވުމެވެ. ވަޒީފާގައި ތިބެގެން ޓީޗަރުންނަށް ކިޔެވުމުގެ ފުރުސަތު މަގު ފަހިވާ ގޮތަށް ވަނީ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސްފަ އެވެ. ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި އަސާސީ މުސާރައިގެ އިތުރުން އެލަވަންސާއި ތައުލީމީ ކޮލިފިކޭޝަން އެލަވަންސް ބަދަލު ކުރުން ހިމެނެ އެވެ. މިހާރު މުދައްރިސުންގެ މުސާރައިގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި މާސްޓާ ހަދާފައި ހުރި ލީޑިން ޓީޗަރެއްގެ މުސާރަވަނީ އެލަވަސްތަކާއެކު 17،334ރ. އަށް ބޮޑުކޮށްފަ އެވެ. މީގެ އިތުރުން އެކި ލެވަލްތަކުގެ ޓީޗަރުންގެ މުސާރައަށް ވަނީ ބޮޑު ބަދަލެެއް ގެނެސްފަ އެވެ.