ހަބަރު

ކޯސްޓުގާޑު ސިފައިންނަށް މެރިޓައިމް ކްރައިމް ޕްރޮގްރާމެއް

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނަށް މެރިޓައިމް ޑޮމެއިންގެ ތެރޭގައި ހިނގާ ކްރައިމްތައް ހޯދުމާއި ދެނެގަތުމާއި އެކަންކަން ހުއްޓުވުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭ ޕްރޮގްރާމެއް ބާއްވައިފި އެވެ.

މިމަހު 13 ން 24 އަށް ކުރިއަށް ގެންދިޔަ 'ވެސެލް ބޯޑު ސަޗް އެންޑް ސީޒް ޕްރޮގްރާމް' ނިންމުމުގެ ގޮތުން ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަަޅުއްވާފައި ހުންނަވާ ސަފީރު މިސް ކެއިކޯ ޔަނައީ އެވެ.

މި ޕްރޮގްރާމަކީ ކޯސްޓްގާޑުގެ ސިފައިން މެރިޓައިމް ޑޮމެއިންގެ ތެރޭގައި ހިނގާ ކްރައިމްތައް ހޯދުމާއި ދެނެގަތުމާއި އެކަންކަން ހުއްޓުވުމަށް އެޅެންހުރި ފިޔަވަޅުތައް ދަސްކޮށްދިނުމަށް ހިންގި ކޯހެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މިއީ އެމްއެންޑީއެފާއި ޔޫއެންއޯޑީސީ ގުޅިގެން ހިންގާ ސިލްސިލާ ތަމްރީންތަކުގެ ތެރެއިން ހިންގުނު ފުރަތަމަ ތަމްރީނެވެ. ތަމްރީނުކޮށްދެއްވީ ޔޫއެންއޯޑީސީގެ ތަޖުރިބާކާރުންނެވެ.

އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވެހިކަލްފަދަ ތަކެތީގެ އިތުރުން ތަމްރީނުގެ ފުރުސަތުތައް ދިނުމުގައި ޖަޕާން ސަރުކާރުގެ އެހީތެރިކަން އަންނަނީ ލިބެމުން ކަމަށެވެ. މިގޮތުން އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު ސަވިސްއަށް ބޭނުންވާ ގިނަ އާލާތްތަކެއް ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިފަހުން ވަނީ އެމްއެންޑީއެފަށް ހަދިޔާ ކުރައްވާފައި ކަން ފާހަގަ ކުރި އެވެ.

މިއަދަކީ، ދުނިޔޭގައި ފާހަގަ ކުރާ މެރިޓައިމް ދުވަހެވެ. ދުވަހުގެ ޝިއާރަކީ ”ސަސްޓެއިނަބަލް ޝިޕިންގް ފޯ އަ ސަސްޓެއިނަބަލް ޕްލެނެޓް“، ނުވަތަ ”ދެމެހެއްޓެނިވި ދުނިޔެއަކަށް ދެމެހެއްޓެނިވި ޝިޕިންގް އިންޑަސްޓްރީއެއް“ އެވެ.