ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ޝަހީމަށްވެސް އިދިކޮޅުގެ އެޑްވައިޒަރުކަން

ކުރީގެ އިސްލާމިކް މިނިސްޓަރު އަދި 2018ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓަކަށް ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރަކަށް ހަމަޖައްސައިފި އެވެ.

ވަރަށް ގިނަ ދުވަސްތަކަކު ސައުދީގައި ހުންނެވުމަށްފަހު ޝަހީމް ރާއްޖެ ވަޑައިގެންފައިވަނީ ދާދި ފަހުންނެވެ. ކަރަންޓީންގެ މުއްދަތު ހަމަވުމުން މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިދިކޮޅު ދެ ޕާޓީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރަކަށް ޝަހީމް ވަނީ ހަމަޖައްސަވާފައެވެ. މިއީ ގިނަ ދުވަސްތަކަށްފަހު ސިޔާސީ އިވެންޓެއްގައި ޝަހީމް ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރެއްގެ ގޮތުގައި ދާދި ފަހަކާ ޖެހެންދެން މަސައްކަތް ކުރެއްވި ޝަހީމް ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވިއެވެ. އެ މަގާމުން އިސްތިއުފާ ދެއްވީ ޝަހީމްގެ އެކުވެރިޔާ މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހައްޔަރުކޮށް ޖަލަށްލާން ހުކުމް ކުރުމާއި ގުޅިގެންނެވެ. އޭގެ ފަހުން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމުގައިވެސް ހުންނެވިއެވެ.

2018ގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޔާމީންގެ ރަނިންމޭޓަކަށް އިހުތިޔާރު ކުރެއްވީވެސް ޝަހީމެވެ.

ޝަހީމްގެ އިތުރުން އިދިކޮޅު ކޯލިޝަންގައި އިތުރު ދެ އެޑްވައިޒަރަކު ތިއްބަވާނެއެވެ. އެއީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.