ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

"މަސައްކަތް ކުރަނީ ވަކި މަގާމަކަށް ނޫން"

ޕީޕީއެމާއި ގުޅިވަޑައިގެންނެވީ ވަކި މަގާމެއްގެ ބޭނުމުގައި ނޫން ކަމަށާ ބޭނުންވަނީ ޕްރޮގްރެސިވް ކޯލިޝަންގެ މެންބަރުންނާއެކު ހުންނެވުމަށް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް، މިއަދު ވަނީ ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ. އެކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ސިޔާސީ މައިދާނުގައި ހޭދަ ކުރެއްވި މުއްދަތުގައި އެންމެ ގިނަ ފުރުސަތުތައް ފަހިކޮށްދެއްވި ލީޑަރަކީ ރައީސް ޔާމީން ކަމަށެވެ. އެމަނިކުފާނު އިސްލާމިކް މިނިސްޓަރަކަށް އައްޔަން ކުރައްވާ އަދި އޭގެ ފަހުން އިސްލާމިކް ޔުނިވާސިޓީގެ ޗެއާމަންގެ މަގާމަށް ހަމަޖައްސަވާ އަދިވެސް ސަރުކާރުގެ މުހިންމު އެތަށް މަސްއޫލިއްޔަތުތަކެއް ހަވާލު ކުރެއްވެވި ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ޕީޕީއެމާއި ގުޅިވަޑައިގެންނެވީ އަދި މިއަދު އަލުން އެކުގައި މަސައްކަތް ފެއްޓެވީ އެއްވެސް މަގާމެއްގެ ބޭނުމުގައި ނޫން ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ޕީޕީއެމް،ޕީއެންސީގެ މެންބަރުންނާއެކު ދެމި ހުންނަން. އަޅުގަނޑު ތިޔަ ބޭފުޅުންނާއި މި ގުޅުނީ ވަކި މަގާމަކަށް ނޫން. އަބްދުއްރަހީމް އަޅުގަނޑަކަށް އެޑްވައިޒަރުކަން ހުށައެޅުއްވީ އަޅުގަނޑު ދަންނަވައިގެނެއް ނޫން،"

ރައީސް ޔާމީން މިނިވަންވުން މުހިންމު

ޝަހީމް ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ އެއްވެސް އަސާސެއް ނެތް ދައުވާތަކެއް ކަމަށެވެ. އަދި މިނިވަން އިންސާފުވެރި ޝަރީއަތެއް އެމަނިކުފާނަށް ލިބެން ޖެހޭ ކަމަށް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ އެފަދަ ފުރުސަތެއް ލިބިވަޑައިގެންފިނަމަ ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށެވެ.

"ރައީސް ޔާމީން މިނިވަންވުން އެއީ ދިވެހިންނަށް ވަރަށް މުހިންމު ކަމެއް. އެ ހަމައެކަނި ޕީޕީއެމް، ޕީއެންސީއަކަށް ނޫން، ދިވެހިންގެ ގައުމަށް، ދިވެހިންގެ ޒައާމަތަށް ވަރަށް މުހިންމު ކަމެއް. އަޅުގަނޑު ދަންނަވާނީ އަދުލްވެރި ޝަރީއަތެއް ކުރެވިއްޖެކަމަށް ވަނީނަމަ ރައީސް އަބްދުއްﷲ ޔާމީން އަބްދުއްގައްޔޫމް މިނިވަންވާނެ،"

ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނު ޖަލުގައި ބަންދުކޮށްފައިވާތާ މިއަދަށް 299 ދުވަސް ވަނީ ވެފައެވެ. އަދި މިހާރުވެސް އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވަނީ ފަށާފައެވެ. ޝަހީމް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވުމަކީ މުޅި ގައުމަށް ލިބޭ ދެރައެއް ކަމަށެވެ. އެހެން ކަމުން އެމަނިކުފާނު މިނިވަން ކުރުމަށް ކޮށްދެވެން ހުރި ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު މަސައްކަތް ކުރާނަން ލީގަލް ޓީމާ ގުޅިގެންވެސް ޝަރުއީ ކޯޓްގައިވެސް ރައީސް އަބްދުއްﷲ ޔާމީން އަބްދުއްގައްޔޫމްގެ ދިފާއުގައި ވަކާލާތު ކުރަން. އެއީ އަޅުގަނޑަށް ލިބޭ އުފަލެއް، ޝަރަފެއް ކަަމަށް އަޅުގަނޑު ދެކެނީ،"

ޝަހީމް ވަނީ ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުން ހިތްވަރާއެކު ތެދުވުމަށް ގޮވާލައްވާފައެވެ. އަދި މާޔޫސްނުވުމަށް އެދިވަޑައިގެންނެވިއެވެ. ޝަހީމް ވިދާޅުވީ އިދިކޮޅުން މިއަދު ފަށާފައިވާ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށާ އެ މަސައްކަތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލައްވާ ކަމަށެވެ.