ދުނިޔެ

ފަތަހަ- ހަމާސް: ފަލަސްތީނު އިންތިހާބު ބާއްވަން އެއްބަސްވެއްޖެ

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ އެންމެ ބޮޑު ދެ ޖަމާއަތް ކަމުގައިވާ ފަތަހަ އާއި ހަމާސް އިން އިންތިހާބު ބޭއްވުމަށް އެއްބަސް ވެއްޖެ އެވެ. މިއީ ވޭތުވެދިޔަ 15 އަހަރުގެ ތެރޭ ބާއްވާ ފުރަތަމަ އިންތިހާބަށް ވާނެ އެވެ. ފަތަހަ ޖަމާއަތުގެ ލީޑަރު މަހުމޫދު އައްބާސް އާއި ހަމާސްގެ ލީޑާ އިސްމާއިލް ހަނިއްޔާ އެއްބަސްވެ ވަޑައިގެންފައި ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށެވެ. މި އެއްބަސްވުމާއި ހަމައަށް އާދެވުނީ ތުރުކީ ގައި ބޭއްވި މަޝްވަރާތަކަށް ފަހު އެވެ.

ދެ ޖަމާއަތުގެ ޖެނެރަލް ސެކްރެޓަރީން ވަރަށް އަވަހަށް ބައްދަލު ކުރައްވާ އިއްޔެގެ އެއްބަސްވުމާބެހޭ ތަފްސީލް ދެއްވާނެ އެވެ. އަދި އިންތިހާބު ބޭއްވުމާއި ހަމައަށް މަސައްކަތް ކުރިއަށް ގެންދިއުމާބެހޭ ގޮތުން ވެސް ވާހަކަ ދައްކަވާނެ އެވެ

"އަޅުގަނޑުމެން އެއްބަސްވެފައި ވާނީ ފުރަތަމަ ޕާލަމެންޓުގެ އިންތިހާބު ބޭއްވުމަށް. ދެން ފަލަސްތީނުގެ ރައީސަކު ހޮވުންް. އެންމެ ފަހު ކަމަކަށް ސެންޓްރަލް ކޮމެޓީ އޮފް ޕެލެސްޓީން ލިބެރޭޝަން އޮގަނައިޒޭޝަން ހޮވުން" ފަތަހަ ޖަމާއަތުގެ ސީނިއާ އޮފިޝަލެއް ކަމުގައިވާ ޖިބްރީލް ރަޖޫބް ވިދާޅުވި އެވެ.

އެންމެ ފަހުން ފަލަސްތީނުގެ ޕާލަމެންޓަރީ އިންތިހާބެއް ބޭއްވިފައިވަނީ 2006 ގަ އެވެ. އެ އިންތިހާބަށް ފަހު ފަތަހަ އާއި ހަމާސް އިން ވަނީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލާފަ އެވެ. އެކަމަކު ޖެހިގެން އައި އަހަރު ވަނީ އެ ސަރުކާރު ވެއްޓި ދެ ޖަމާއަތުގެ ދެމެދުގައި ހަމަނުޖެހުން ފެށިފަ އެވެ. އޭގެ ފަހުން ގާޒާ ގައި ހަމާސް އިން ވެރިކަން ކުރަމުން ދިޔައިރު ފަތަހަ އިން ދިޔައީ ހުޅަނގު އައްސޭރި ގައި ވެރިކަން ހިންގަމުންނެވެ.

ދެ ޖަމާއަތް ސުލްހަ ވެރިވުމަށް ކުރެވުނު މަސައްކަތް ނާކާމިޔާބުވެ ދެ އަހަރު ދުވަސްތެރޭ ވަނީ އެއްބައިވަންތަ ކަމުގެ ސަރުކާރު ފޭލި ވެފަ އެވެ.