މާލޭ ހުކުރު މިސްކިތުގެ މަރާމާތުތަކެއް ކުރަން ބަންދުކުރިތާ ހަތް މަސް ދުވަސްފަހުން އެ މިސްކިތް ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުން ބުނެފި އެވެ.
މިސްކިތް ބޭނުން ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށް ބުނެ ހުކުރު މިސްކިތް ބަންދުކުރީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 13 ވީ ހުކުރު ދުވަހު އެތައް ބަޔަކު ހުކުރު ނަމާދަށް މިސްކިތުގައި ތިއްބައެވެ. މިސްކިތުން މީހުން ނެރެން މަސައްކަތް ކުރުމުން އާންމުން ވަނީ ގަދަ ދައްކާ މިސްކިތުން ނިކުތުމަށް ދެކޮޅު ހަދާފައެވެ. އަދި ބައެއް މީހުން މިސްކިތުން ނިކުތީވެސް ހުކުރު ކުރުމަށްފަހު އެވެ.
އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް މަރާމާތު ކުރުމަށްފަހު ހުކުރު މިސްކިތް ހުޅުވާފައެއް ނުވެއެވެ.
ހެރިޓޭޖް މިނިސްޓްރީން މިއަދު ބުނީ މިހާރު މަސައްކަތް ކުރަމުން ދަނީ އަންނަ ހަފްތާގައި މިސްކިތް ހުޅުވަން ކަމަށެވެ. އަދި އެކަމުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. މިހާރު މިސްކިތުގެ ކާޕެޓް ބަދަލުކޮށް ނެވިލޯން އަޅާ ކަތުރުފަނީގެ މައްސަލަވެސް ވަނީ ހައްލުކޮށްފައެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ އާބާތުރަ ފިލުވުމުގެ މަސައްކަތް ވަނީ މިވަގުތަށް ނިމިފައެވެ.
އަންނަ ހަފްތާގައި ހުކުރު މިސްކިތް ހުޅުވަން މަސައްކަތް ކުރަމުންދާއިރު ހުކުރު މިސްކިތް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް މިދިޔަ މާޗް މަހުވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.