ބޮލީވުޑް

އެހެން މީހުންނަށް މުސާރަދޭން ސަލްމާން ފީ ކުޑަކުރަން ތައްޔާރު

ހިންދީ ފިލްމު އިންޑަސްޓްރީގައި މިހާރު މަސައްކަތްކުރާ އެކްޓަރުންގެ ތެރެއިން ދީލަތި ކަމަށް އެންމެ މަޝްހޫރު އެއް އެކްޓަރަކީ ސަލްމާން ޚާނެވެ. އިންޑިޔާ ލޮކްޑައުންއަށް ގޮސް އޮތް ދުވަސްވަރު ހާލުގައި ޖެހި ގިނަ ބަޔަކަށް ވެސް ސަލްމާން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ހާލުގައި ޖެހިފައިވާ ފަގީރުންނަށް ކާޑުގެ ބާވަތްތައް ފޯރު ކޮށްދިނުމުގެ އިތުރުން އިންޑަސްޓްރީގެ ގިނަ ބަޔަކަށް ފައިސާގެ އެހީތެރިކަން ވެސް އޭނާ ވަނީ ފޯރުކޮށްދީފަ އެވެ.

މިހާރު ފަށަން ތައްޔާރު ވަމުންދާ ކަލާޒް ޗެނަލުން ދައްކާ ސަލްމާން ހޯސްޓްކުރާ ރިއަލިޓީ ޝޯ "ބިގް ބޮސް 14" ގެ ލައިވް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ސަލްމާން ބުނީ މި ޝޯގެ ސަބަބުން ވެސް ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާ ލިބޭނެ ކަމަށެވެ. އަދި ޝޯގެ ޕްރޮޑިއުސަރު އަދި އެންޑެމޯލް ޝައިންގެ ސީއީއޯ އަބީޝެކް ރޭގޭ އާ މަޝްވަރާކޮށް ފިލްމު އިންޑަސްޓްރީގެ މީހުންނަށް ވަޒީފާ ހޯދައި ދިނުމަށް ސަލްމާން ވަނީ ގިނަ ގުނަ މަސައްކަތް ކޮށްފަ އެވެ.

ޕްރެސް ކޮންފަރެންސްގައި ސަލްމާން ބުނީ "ބިގް ބޮސް"ގެ މިފަހަރުގެ ސީޒަން ހޯސްޓްކުރަން އޭނާ އެއްބަސްވީ ސަބަބަކީ ޝޯގެ ސަބަބުން އެތައް ބައިވަރު މީހުންނަށް ވަޒީފާ ލިބޭނެތީ އެވެ. އަދި މި ޝޯގެ ކުރޫން ޝިފްޓް ތަކަކަށް ބަހާލައިގެން މަސައްކަތް ކުރިޔަސް ހުރިހާ އެންމެންނަށް ވެސް ފުލްކޮށް މުސާރަ ލިބޭނެކަން ޔަގީންކުރާނެ ކަމަށް ވެސް ސަލްމާން ބުންޏެވެ. ކުރޫންނަށް އެ މީހުންގެ އުޖޫރަ ފުރިހަމައަށަ ދޭނެކަމުގެ ޔަގީންކަން ޕްރޮޑިއުސަރުން ދީފައިވާ ކަމަށް ސަލްމާން ބުންޏެވެ.

ޝޯ ޝޫޓްކުރުމުގެ ހުއްދަ ދީފައިވަނީ އެކަމާ ގުޅޭ ގޮތުން ހަދާފައިވާ ގައިޑްލައިންތަކާ އެއްގޮތަކަށް މަސައްކަތްކުރާ ގޮތަށެވެ. އެ ގައިޑްލައިންގައިވާ ގޮތުން އެއް ޝިފްޓެއްގައި މާ ގިނަ އަދަދެއްގެ ކުރޫންނަކަށް މަސައްކަތެއް ނުކުރެވޭނެ އެވެ. އެހެންވެ ޝިފްޓްތައް ގިނަ ކޮށްފައި އެއްބަޔަކު މަސައްކަތް ނިންމާފައި ދިއުމުން އަނެއް ބަޔަކު އަންނަ ގޮތަށް ވަނީ ހަދާފަ އެވެ. ނަމަވެސް އެންމެންނަށް ވެސް ފުރިހަމަ މުސާރަ ލިބޭ ގޮތަށެވެ.

ސަލްމާން އަކީ އެއްވެސް އަމިއްލަ އެދުމެއް ނެތި އެހެން މީހުންނަށް އެހީވުމުގައި ނަމޫނާ ދައްކާ އެކްޓަރެކެވެ. އޭނާ ބުނި ގޮތުގައި އޭނާގެ އުޖޫރައެއް ބައެއް ކަނޑާލައިގެން އެހެން މީހުންނަށް ފުރިހަމަ މުސާރަ ދީ އެމީހުން އުފާކޮށްދެވިއްޖެނަމަ އޭނާ މާ ބޮޑަށް އުފާވާނެ އެވެ.
"ބިގް ބޮސް 14" ލޯންޗުކުރަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު އެވެ. ކުރީގެ ސީޒަންތަކުގައި ބައިވެރިވެފައިވާ ނަން މަޝްހޫރު ޓީވީ ތަރިންގެ ތެރެއިން ސިދާރްތު ޝުކްލާ އާއި ހީނާ ޚާން އަދި ގޯހަރް ޚާން މިފަހަރުގެ ސީޒަންގައި ވަރަށް މުހިއްމު ރޯލެއް ކުޅެން ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

މިފަހަރުގެ ޝޯގެ ކޮންޓެސްޓެންޓުންގެ ތެރެއިން އަދި ޔަގީން ވެފައިވަނީ އެންމެ މީހެއްގެ ނަމެވެ. އެއީ މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ޝާނޫގެ ދަރިފުޅު ޖާން ކުމާރް ޝާނޫ އެވެ.