ކުޅުދުއްފުށި ބޯޓެއްގެ ފަޅުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހދ. ކުޅުދުއްފުށްޓާއި ނޮޅިވަރަމް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑްގެ އަލާމަތްތައް ފެނިގެން ކުޅުދުއްފުށި ބޯޓެއްގެ ފަޅުވެރިއަކު ޓެސްޓް ކުރުމުން އޭނާ ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ކޭސްއާ ގުޅިގެން ހދ. ކުޅުދުއްފުށްޓާއި ނޮޅިވަރަމް މޮނިޓަރިންގެ ހާލަތަށް ވަނީ ގެނެސްފައެވެ. އެނގިފައިވާ ގޮތުގައި އެ ބޯޓުން އެ ދެ ރަށުގެ މީހުން ދަތުރުކޮށްފައިވެއެވެ.
އެޗްޕީއޭއިން ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ފަށާފައިވާއިރު އެޗްޕީއޭއިން ވަނީ މިރެއިން ފެށިގެން ހދ. ކުޅުދުއްފުށްޓާއި ނޮޅިވަރަމަށް އަރައި ފޭބުން މަނާކޮށްފައެވެ.
ރާއްޖެއިން 9،900 ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އަތޮޅުތެރޭގެ 21 ރަށެއްގައި 40 މީހަކަށް ބަލިޖެހިފައި ވެއެވެ. އަދި 25 ރިސޯޓެއްގައި 14 ފަތުރުވެރިންނާއި 34 މުވައްޒިފުންނަށް ވެސް ބަލިޖެހިފައި ވެއެވެ.