ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅުދުއްފުށި

ކުޅުދުއްފުށިން ނެގި 120 ސާމްޕަލް ނެގެޓިވް

ކުޅުދުއްފުށިން ރެއާ މިއަދު ނެގި ރެންޑަމް ސާމްޕަލްތައް ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ހދ. ކުޅުދުއްފުށީގައި ކޮވިޑް ފެތުރިފައިވޭތޯ ބެލުމަށް 120 ސާމްޕަލެއް ވަނީ ނަގާފައެވެ. އެޗްއީއޯސީން މިރޭ ބުނީ އެ ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް ކަމަށެވެ. ސާމްޕަލް ނަގާފަައިވަނީ 25 ގެއަކުން 25 ސާމްޕަލް އަދި ބިދޭސީންގެ ތެރެއިން 35 ސާމްޕަލެވެ. އަދި ފިހާރަތަކުގައި މަސައްކަތް ކުރާ 17 މީހެއްގެ ސާމްޕަލްއާއި ކެފޭތަކުގައި މަސައްކަތް ކުރާ 24 މީހެއްގެ އިތުރުން ޓެކްސީ ހިދުމަތްދޭ 11 މީހެއް އަދި ބޯޓްތަކުގައި މަސައްކަތް ކުރާ 10 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.

މާލެ ސިޓީގެ އިތުރުން މިވަގުތު ކޮމިއުނިޓީ ޓްރާސްމިޝަނެއް އޮތް ކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ ހަމައެކަނި ރަށަކީ ކުޅުދުއްފުށްޓެވެ. އެ ރަށުގައި ފުލުުހުންގެ ބަޔަކު އަދި ހޯމް ކަރަންޓީންގައި ތިބި ބައެއް މީހުންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ހދ. ކުޅުދުއްފުށިން ފުރަތަމަ ފުލުހަކު ޕޮޒިޓިވްވީ މި މަހުގެ ހަވަނަ ދުވަހުއެވެ. ސެޕްޓެންބަރު މަހުގެ 24 ވަނަަ ދުވަހު އެ ރަށާއި އުތުރުގެ ބައެއް ރަށްރަށަށް 18 ފުލުހަކު ވަނީ މާލެއިން ގޮސްފައެވެ. ޕޮޒިޓިވް ކޭސްތައް ފެންނަން ފެށީ އެ ހިސާބުންނެވެ. ހަތްވަނަ ދުވަހުވެސް ކުޅުދުއްފުށިން ފުުލުހަކު ޕޮޒިޓިވްވިއެވެ. އަދި ޖެހިގެން އައި ދުވަހު ދެ ފުލުހަކު ޕޮޒިޓިވްވިއެވެ.

އަދި 8ވަނަ ދުވަހު އެ ކްލަސްޓާއާ ގުޅުން ހުރި ފުލުހަކު ފޯކައިދޫން ޕޮޒިޓިވްވިއެވެ. އަދި 10 ވަނަ ދުވަހު ދިއްދޫއިންވެސް އެ ކްލަސްޓާއާ ގުޅުންހުރި މީހަކު ޕޮޒިޓިވްވިއެވެ. އަދި 15 ވަަނަ ދުވަހާއި ސޯޅަ ވަނަ ދުވަހު ފަސް މީހަކު ވަނީ ކުޅުދުއްފުށިން ޕޮޒިޓިވްވެފައެވެ. އަދި 18 ވަނަ ދުވަހުވެސް ބަޔަކު ޕޮޒިޓިވްވެފައިވެއެވެ. ނަމަވެސް އޭގެ ފަހުން އިތުރު ކޭސްއެއް ފެނިފައެއް ނުވެއެވެ.