ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

އެންމެ ރައްކާތެރީ ސިލްކް ފޮތީގެ މާސްކު

ކޮވިޑް-19 އާ ގުޅިގެން ކޮންމެ މީހަކަށް ވެސް ރައްކާތެރިކަމުގެ ގޮތުން ފޭސް މާސްކް ބޭނުންކުރަން މިހާރު ވަނީ މަޖްބޫރު ވެފަ އެވެ. އަދި ހުރިހާ އެންމެން ބޭނުންކުރަން ޖެހޭތީ ޕާސަނަލް ޕްރޮޓެކްޓިން އިކުއިޕްމަންޓް ބޭނުންވާ ވަރަށް އުފައްދަން ވެސް ދަތިތަކާ ކުރިމަތިވެ އެވެ. ވީމާ އެން95 ރެސްޕިރޭޓާ ނުވަތަ ސާޖިކަލް މާސްކް ހަމައެކަނި ބަލިވާ މީހުންގެ ޚިދުމަތުގައި އެންމެ ކުރީ ސަފުގައި ތިބޭ މީހުން ބޭނުން ކުރަން ބަހައްޓާފައި ފޮތިން ފަހާ މާސްކް އާއްމުން އެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ތަފާތު ފޮތީގައި މިހާރު ފޭސް މާސްކް ފަހައިގެން ބޭނުން ކުރަމުންދާއިރު އެންމެ ރައްކާތެރިކަމާއެކު މާސްކް ތައްޔާރުކުރާނެ ގޮތާ ބެހޭ ގޮތުން ވެސް ބައެއް މީހުން ސުވާލު ކުރެ އެވެ.

ދާދިފަހުން އެމެރިކާގެ ޔުނިވަސިޓީ އޮފް ސިންސިނޭޓީގެ ސައިންސްވެރިން ހޯދާފައިވާ ހޯދުމެއްގައި ބަލާފައިވަނީ އާއްމުކޮށް ގޭގޭގައި މީހުން ބޭނުންކުރާ ފޮތީގެ ވައްތަރު ތަކުގެ ތެރެއިން މާސްކް ފަހަން އެންމެ ރަނގަޅީ ކޮން ވައްތަރެއްތޯ އެވެ. ސައިންސްވެރިންގެ މި ހޯދުމުގެ ނަތީޖާ ދެއްކި ގޮތުގައި އެންމެ ބޮޑު ރައްކާތެރިކަމެއް ލިބެނީ ސިލްކު ފޮތިން ފަހާ މާސްކުންނެވެ.

ސިލްކު ފޮތީގެ މާސްކް އަޅައިގެން ހުންނަން ފަސޭހަ ވެފައި އަރާމެވެ. އަދި މާސްކް އަޅައިގެން ހުންނައިރު ނޭވާ ލާން ފަސޭހަވެ އެވެ. ފަސޭހައިން ނޭވާގެ ވައިތައް ފުރޭނެތީ އެވެ. އަދި މާސްކްގައި ތެތްކަން ހިފެހެއްޓޭވަރު ކުޑަކޮށްދެ އެވެ. މިއީ އެއާބޯން ވައިރަސް އަކާ ހަނގުރާމަ ކުރަން އެންމެ ރަނގަޅު ކަންތައް ތަކެވެ.

ޖާނަލް ޕްލޯސްގެ މި މަހުގެ އަދަދުގައި ޝާއިއުކުރި މި ދިރާސާގައި މާސްކް ފަހަން ސިލްކު އެންމެ ރަނގަޅުވާ ސަބަބުތައް ވެސް ސައިންސްވެރިން ކިޔައިދީފައި ވެއެވެ. މާސްކް ފަހަން ބޭނުންކުރާ ހުރިހާ ވައްތަރެއްގެ ފޮއްޗެއްގެ ތެރެއިން ސިލްކު އެންމެ ބަރާބަރު އެއްޗަކަށްވަނީ އެ ވައްތަރު ފޮތީގައި އެންޓިމައިކްރޮބައިލް، އެންޓިބެކްޓީރިއަލް އަދި އެންޓިވައިރަލް ޕްރޮޕަޓީޒް ހުންނާތީ މި މާސްކް އަޅައިގެން ތިބުމުން ވައިރަސް އިން އެކަށީގެންވާ ރައްކާތެރިކަމެއް ލިބޭތީ އެވެ.

މީގެ ކުރީގެ ބައެއް ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ކޮޕާ އަކީ ބެކްޓީރިއާ އާއި ވައިރަސް މަރާލަން ރަނގަޅު އެއްޗެކެވެ. ކޮޕާ ޖެހިއްޖެނަމަ އެ ތަކެތި ހަލާކުވާތީ އެވެ. އެހެންވެ މިހާރަކަށް އައިސް ކޮޕާ އާ ހެދި އެންމެން އުޅެނީ މޮޔަވެގެންނެވެ. ސިލްކްގައި ކޮޕާ ހުރެ އެވެ. ސިލްކްގައި ކޮޕާ ހުންނަނީ ކުޑަ ކުޑަ ކެޓަޕިލާއެއްގެ މަސައްކަތުންނެވެ.

އެ ކެޓެޕިލާ ނުވަތަ ސިލްކް މޮތު އަކީ މަލްބަރީ ފަތް ކާ އެއްޗެކެވެ. އެ އެއްޗެތީގެ ކެއުމުގައި ބޭނުންކުރާ ކޮޕާ ސިލްކަށް ވާސިލުކުރަނީ މި އެއްޗިއްސެވެ.ސިއްހީ ޚިދުމަތުގައި ތިބޭ މީހުން އާންމުކޮށް ބޭނުންކުރަނީ އެން95 ރެސްޕިރޭޓާ އެވެ. މި ކަހަލަ މާސްކްގެ އެންމެ ބޭރުގައި ހުންނަނީ އޭތި ސާފުކޮށްދީ ރައްކާތެރިވާން މަގުފަހިކޮށްދޭ ވައްތަރެކެވެ.

މިހާރު އާންމުކޮށް ގިނަ މީހުން މާސްކް ފަހާ ފޮތީގެ ތެރޭގައި ކޮޓްން ހިމެނެ އެވެ. ނަމަވެސް ސައިންސްވެރިން ވިދާޅުވަނީ ކޮޓްން މާސްކް ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އިސްޕަންޖު ގަނޑެއްހެން ކޮޓްން ގައި ވެސް ތެތްކަން ފޮތިގަނޑުގައި ހިފެހެއްޓިފައި ގިނަ ވަގުތު ހުންނާތީ އެވެ. އޭގެ ބަދަލުގައި ސިލްކް އަކީ ވައި ދައުރުވާން ފަސޭހަ ފޮއްޗެކެވެ. ކޮޓްން އަށް ވުރެ ތުންޏަސް އަވަހަށް ހިކޭނެ އެވެ.

މި ދިރާސާ ރިޕޯޓު ނިންމާލަމުން ސައިންސްވެރިން ބުނެފައިވަނީ ސާޖިކަލް މާސްކް އާ ދާދި އެއްގޮތަކަށް ސިލްކް ފޮތީގެ މާސްކް މަސައްކަތް ކުރާ ކަމަށެވެ. އަދި ނޭވާލާން ފަސޭހަވެފައި ތެތްކަން ގިނަ އިރު ނުހުންނަ ކަމަށެވެ. ސާޖިކަލް މާސްކަށް ވުރެ ވެސް ސިލްކް ފޮތީގެ މާސްކްގެ އެޑްވާންޓޭޖް ބޮޑުވަނީ ފޮތި މާސްކް ދޮވެލައިގެން ކިތަންމެ ފަހަރަކުވެސް ބޭނުން ކުރެވޭނެތީ އާއި ފަސޭހައިން ފެންތައް ހިއްކާލާތީ އެވެ. ވައިގެ ތެރޭގައި އުޅޭ ވައިރަސް އަކުން ސަލާމަތް ވާން ބޭނުންވާ ބަޔަކަށް މިއީ ވަރަށް ފަސޭހައިން ފައިދާ ހުރި ގޮތެއް ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ. ސަބަބަކީ ބޭރަށް ނުކުމެލާފައި ގެއަށް ވަންނަ ކޮންމެ ފަހަރަކު އަތް ދޮންނައިރު މާސްކް ވެސް ދޮވެލަން ފަސޭހަ ވެފައި އިރުކޮޅެއް ވާއިރަށް ހިކި އަނެއްކާވެސް ބޭނުން ކޮށްލެވޭ ވަރު ވާނެތީ އެވެ.

މިހާރު ސައިންސްވެރިން ކުރިޔަށް ގެންދާ ދިރާސާތަކުގައި ބޮޑަށް ބަލަނީ ކޮރޯނާވައިރަސް ވައިގެ ތެރެއިން އެހެން މީހުންނަށް ފޯރާ ގޮތް ގޮތް ހޯދުމަށާއި އެކަމުން ސަލާމަތް ވުމަށް ކުރެވިދާނެ ކަންތައް ތަކަށެވެ. އެގޮތުން ބަލި ހުރި މީހަކު ކެއްސާ، ކިނބިހިއަޅާ އަދި ވާހަކަ ދައްކާއިރު ނުކުންނަ ކުޅު ތިކިތަކުން އެހެން މީހުންގެ ގަޔަށް ވައިރަސް ޓްރާންސްމިޓް ވާ ގޮތްތައް ބަލައި އެކަންކަން ހުއްޓުވަން ކުރެވިދާނެ ކަންތައްތައް ސައިންސްވެރިން އަބަދާ އަބަދު ދަނީ ހޯދަމުންނެވެ.

"ސިލްކްގެ ލޭޔާއެއް އަނގަޔާއި ނޭފަތްމަތީގައި އަޅާފައިވާނަމަ ފެން ނުވަތަ ކުޅު ތިކިތައް އެ ލޭޔާ ފޫއަޅުވައެއް ނުލެވޭނެ. އަދި އެ ފޮތިކޮޅު ތެރެއަށް އެ އޮބިގެނެއް ވެސް ނުދާނެ. އެހެން ބައެއް ސައިންސްވެރިންގެ ދިރާސާތަކުން ވެސް ސިލްކް ފަށަލަތައް އިތުރުކުރާ ވަރަކަށް މާސްކްގެ ފައިދާ އިތުރުވާކަން ސާބިތުވެފައިވޭ،" މި ދިރާސާގައި މަސައްކަތް ކުރެއްވި ސައިންސްވެރިއަކު ވިދާޅުވި އެވެ.

މީގެ މާނައަކީ ސިލްކް ފޮތިން ފެން ނުވަތަ ކުޅު ތިކިތައް އެތެރެއަށް ނުފޭދި މާސްކުގެ ބޭރުގައި އެ އެއްޗެތި ޖެހުނު ނަމަވެސް އެތެރެއަށް އޭގެ އަސަރެއް ނުކުރާނެ އެވެ. އަދި ސިލްކް މާސްކް ފަހާއިރު ފަށަ އިތުރުވާ ވަރަކަށް އޭގެ ބަރާބަރުކަން އިތުރުވާ ކަމަށެވެ.
"އަހަރެމެން މިއުޅެނީ ވަރަށް ސީރިއަސް ބައްޔަކާ ދެކޮޅަށް މަސައްކަތް ކުރަން. ސިއްހީ ޚިދުމަތްތެރިންނަށް ވެސް އެންމެ އެކަށީގެންވާ މިންވަރަށް ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓް ފޯރުކޮށެއް ނުދެވޭ. އެމީހުން ބޭނުންކުރަން ޖެހޭ ވަރަށް ވެސް ސާޖިކަލް މާސްކް އާއި އެން95 ރެސްޕިރޭޓާ ނުއުފެއްދޭ،" ސައިންސްވެރިޔާ ވިދާޅުވި އެވެ.